ރިސޯޓުތައް ބަންދު ކުރުމާ އެކު، އިމްޕޯޓު ދަށްވެ ޑޮލަރުގެ އަގު ދަށަށް

ރިސޯޓުތައް ބަންދު ކުރުމާ އެކު، ރާއްޖޭގެ އިމްޕޯޓު ދަށްވެ، ޑޮލަރުގެ އަގު "ކަޅު ބާޒާރުގައި" ދަށްވާން ފަށައިފި އެވެ.


ބްލެކް މާކެޓުގައި ޑޮލަރު ރޭޓު މިހާރު ހުރީ 16.50ރ. އާއި 16.60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިދިޔަ ދެ ހަފްތާގެ ތެރޭގައި ޑޮލަރުގެ އަގު 17.50ރ. އާއި 18.00ރ. އަށް ވެސް އެރި އެވެ. ނަމަވެސް ޑޮލަރަށް އޮތް ޑިމާންޑު ކުޑަވެ، އަގު މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.

ޑޮލަރު ވިއްކާ މީހަކު ބުނީ، ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގު އިތުރަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން، މަރުކަޒީ ބޭންކް އެމްއެމްއޭ އަށް ޑޮލަރު އިންޖެކްޓް ކުރުމުން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިތުރަށް ދަށަށް ދާނެ ކަމަށް އޭނާ ދެކެ އެވެ.

"މިހާރު ރިސޯޓުތައް ބަންދު ކުރުމުން ރިސޯޓުތަކަށް ގެންނަ ކާބޯތަކެތި ގެނައުން ވަނީ ވަރަށް ބޮޑަށް މަދުވެފައި. މިއާ އެކު، އިމްޕޯޓު ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެހެންވެ، ޑޮލަރު ބޭނުންވާ ވަރު މަދުވެ އަގު ދަށަށް ދަނީ،" އޭނާ ވިދާޅުވި އެވެ.

މި މަހުގެ ފުރަތަމަ ހަފްތާގެ ކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 15.50ރ. އާއި 15.70ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މިދިޔަ ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 15.70ރ. އަށެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން އައުން މަދުވުމާ ގުޅިގެން ޑޮލަރުގެ އަގަށް ވަނީ ބޮޑެތި ބަދަލުތައް އަންނަން ފަށައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެހެންވެ، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ވޯކިން ކެޕިޓަލްގެ ގޮތުގައި ލޯނު ދިނުމަށްޓަކައި 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.