72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު

ކޮވިޑާ ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ ހޭދައިގެ 72 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އަށް މިހާރު 814 މިލިއަން ރުފިޔާ ހަރަދު ކުރެވުނު އިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.

"އެސްޓީއޯ މެދުވެރިކޮށް އެންމެ ބޮޑަށް މި ކުރެވެނީ މެޑިކަލް ކޮންސިއުމަބަލްސް އާއި ކެޕިޓަލް އިކުއިޕްމެންޓްސް. މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން ގާތްގަނޑަކަށް 86 ޕަސެންޓް ޕްރޮކިއުއާ ކުރަނީ އެސްޓީއޯ މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، އެސްޓީއޯއާ އެކު ޑިޒާސްޓާ މެނޭޖްމެންޓް ޓްރަސްޓް ފަންޑެއްގައި ސޮއި ކޮށްގެން، ކާޑުގެ ބާވަތްތަކުގެ "ބަފާ ސްޓޮކް"އެއް ހޯދުމަށްޓަކައި އެސްޓީއޯ އަށް 84 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ.

ހަރަދުތައް ކުރުމުގައި ވީހާ ވެސް ދެފުށްފެންނަ ގޮތަކަށް މަސައްކަތް ކުރާ އިރު މިނިސްޓްރީގެ އެދުމުގެ ދަށުން އޮޑިޓާ ޖެނެރަލް އޮފީހުން ހާއްސަ އޮޑިޓެއް ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެންޑީއެފާއި ޑިޒާސްޓާ މެނޭޖްމެންޓުން ކުރާ މަސައްކަތްތައް ހިމެނޭ ގޮތަށް ހާއްސަ އޮޑިޓެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އެސްޓީއޯގެ މަސައްކަތްތަކާ ގުޅޭ ހާއްސަ އޮޑިޓެއް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އޮޑިޓް އޮފީހުން ކުރާ އޮޑިޓްގެ އިތުރުން އެސްޓީއޯގެ އިންޓާނަލް އޮޑިޓް މެދުވެރިކޮށް ވެސް ކުރާ ހަރަދުތަކުގެ ތަފްސީލު ބަލަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އަންގާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

"މިކަންކަން ކުރަނީ ވީހާ ވެސް ރަނގަޅަށް ކަންކަން ކުރުމަށްޓަކައި. ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ނަމަ އެ ޕްރޮސެސް ވީހާ ވެސް އަވަސްކޮށް ކަންކަން ހަރުދަނާ ކުރުން،" އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ މެދުވެރިކޮށް އެންމެ ބޮޑަށް މި ކުރެވެނީ މެޑިކަލް ކޮންސިއުމަބަލްސް އާއި ކެޕިޓަލް އިކުއިޕްމެންޓްސް. މެޑިކަލް ކޮންސިއުމަބަލްސްގެ ތެރެއިން ގާތްގަނޑަކަށް 86 ޕަސެންޓް ޕްރޮކިއުއާ ކުރަނީ އެސްޓީއޯ މެދުވެރިކޮށް،" އަމީރު

ކޮވިޑް-19 އަށް ކުރާ ހޭދައިގެ ބޮޑު ބައެއް ހަރަދު ކުރަނީ މެޝިނާއި ބޭހަށާއި ޓެސްޓިން ކިޓަށެވެ. މީގެ ތެރެއިން ބޮޑު ހޭދައެއް އަތޮޅުތެރެ އާއި މާލޭ ސަރަހައްދުގައި މެޑިކަލް ފެސިލިޓީތައް ގާއިމް ކުރަން ވެސް ހަރަދު ކުރެ އެވެ. ކޮވިޑާ ގުޅިގެން ކުރާ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ޖުމްލަ 74 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެންމެ ބޮޑު ހޭދައެއް ކުރީ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށެވެ. އެތަނަށް 37 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މާލެ ސަރަހައްދުގެ އައިސޮލޭޝަން ފެސިލިޓީތަކަށް 9.1 މިލިއަން ރުފިޔާ އާއި ރީޖަނަލް އައިސޮލޭޝަން ފެސިލިޓީތަކަށް 27.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ރީޖަނަލް ފެސިލިޓީތަކާއި ހުޅުމާލޭގައި ތަރައްގީ ކުރާ މެޑިކަލް ފެސިލިޓީތަކަކީ ވެސް ފަހުން ވެސް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ގޮތުގައި ބޭނުން ކުރެވޭނެ ތަންތަން ކަމަށެވެ.

މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު (ވ) އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ބައިވެރިވެވަޑައިގަންނަވަނީ.

މިހާތަނަށް ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 55 ޕަސެންޓަކީ ޕާޗޭސް އޯޑަރުތަކެވެ. އެހެންކަމުން ހަމައެކަނި ފައިސާ ހަރަދުވެފައި ވަނީ 814 މިލިއަން ރުފިޔާގެ 45 ޕަސެންޓެވެ.

ކޮވިޑް-19 އަށް ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށްތަކައި ބޭރުގެ މާލީ އިދާރާތަކުން 290 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ފިނޭންސް މިނިސްޓްރީން ކޮށްފައިވާ ފޯކާސްޓުން ދައްކާ ގޮތުން މިހަރަދުތަކަށް "ސިނޭރިއޯ 3" ގެ ހާލަތު ކުރިމަތިވެއްޖެ ނަމަ 13 ބިލިއަނާއި 15 ބިލިއަނާ ދެމެދުގެ އަދަދެއް ބޭނުންވެ އެވެ.