އެމެރިކާ އިން އެކި ކަންކަމުގައި ތުހުމަތުގެ އިނގިލި ދިއްކުރާ ޗައިނާގެ މަޝްހޫރު ސޯޝަލް ޕްލެޓްފޯމް ޓިކްޓޮކާ ގުޅެން ޑިޒްނީގެ ވެރިއަކު ނިންމައިފި އެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޓިކްޓޮކް ހިންގާ ޗައިނާގެ ކުންފުނި ބައިޓްޑާންސްގެ ސީއޯއޯގެ މަގާމާއި ޓިކްޓިކްގެ ސީއީއޯގެ މަގާމާ ހަވާލުވަނީ ޑިޒްނީގެ ސްޓްރީމިން ޕްލެޓްފޯމްގެ ޗެއާމަން ކޭވިން މޭޔާ އެވެ. އޭނާ ޑިޒްނީގެ ޑައިރެކްޓް-ޓު -ކޮންޒިއުމާ އިންޓަނެޝަނަލް ޔުނިޓްގެ ޗެއާމަންގެ މަގާމުން އަދާކުރަމުން އަންނަނީ 2018 އިން ފެށިގެންނެވެ.
ނަމަވެސް އެމެރިކާ ހަތުރެއްގެ ގޮތުގައި ދެކޭ ޗައިނާގެ ކުންފުންޏެއް އަދި ވަކިން ހާއްސަކޮށް އެމެރިކާ އިން ޖާސޫސްކުރާކަމުގެ ތުހުމަތު އަޅުވާފައިވާ ޓިކްޓޮކްގެ އިސްވެރިއަކަށް އެމެރިކާގެ މީހަކު އެއްބަސްވުމުން އެކަމަށް ވަނީ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފަ އެވެ.
މޭޔާގެ ނިންމުމާ ގުޅިގެން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ފާޑުކިޔާފައިވެ އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މި އަހަރުގެ ކުރީކޮޅު ވަނީ ޓިކްޓޮކުން އެމެރިކާ އަށް ޖާސޫސްކޮށް، އެ ޕްލެޓްފޯމް ބޭނުންކުރާ އެމެރިކާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، މަޖިލީހަށް ޓިކްޓިކްގެ ވެރިންތަކެއް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ.
ޑިޒްނީ ދޫކޮށްލުމާ ބެހޭ ގޮތުން މޭޔާ ވިދާޅުވީ ޑިޒްނީގެ ސްޓްރީމިން ފްލެޓްފޯމް ޑިޒްނީ+ ކާމިޔާބު އެއްޗަކަށް ހަދައިދެވުމާއި އެ ކުންފުންޏާ އެކު ފާއިތުވި މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ޑިޒްނީގެ ސްޓްރީމިން ޕޯޓްފޯލިއޯ އަކީ މިހާރު ވޯލްޑް ކްލާސް އެއްޗެއް،" މޭޔާ ވިދާޅުވި އެވެ. "އެއީ ޓީމް ވޯކްގެ ބުރަ މަސައްކަތް."
އޭނާ ވިދާޅުވީ ޓިކްޓޮކަށް ބަދަލުވުމާ އެކު، އެ ޕްލެޓްފޯމްގެ މަގުބޫލުކަން ވެސް އެތައް ގުނައަކަށް އިތުރުކުރާނެ ކަމަށާއި މިހާރަށް ވުރެ މާ ޝައުގުވެރި އެއްޗަކަށް ޓިކްޓިކް ހަދާނެ ކަމަށެވެ. ޓިކްޓޮކަކީ ލިޕްސިންކްކޮށްފައި ކުރު ވީޑިއޯކޮޅު ރެކޯޑްކުރެވޭ ޕްލެޓްފޯމެކެވެ.
މޭޔާ ޑިޒްނީ ދޫކޮށްލާތީ އޭނާ އަދާކުރަމުން ދިޔަ މަގާމާ ދެން ހަވާލުވާނީ ޑިޒްނީލޭންޑް ރިސޯޓްގެ ޕްރެޒިޑެންޓް ރެބެކާ ކޭމްޕްބެލް އެވެ.