"ނިއު ނޯމަލް" އަށް އެއާޕޯޓް ތައްޔާރު: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިވަގުތު އޮތީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން އަމަލުކުރަންޖެހޭ ނިއުނޯމަލްއަށް ތައްޔާރުވެފައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.


އަލަށް ހުޅުވާލާ އިރު އެއާޕޯޓުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ، އެއާޕޯޓުގެ ސަލާމަތީ ކަންކަން ހުރީ މިވަގުތު ހުޅުވާލަން ޖެހުނަސް އެންމެ ފުރިހަމަ އަށް ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން އެއާޕޯޓެއްގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސް ނުވާ ނަމަ ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިލާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އެއާޕޯޓްގައި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ވަނީ އެއާޕޯޓަށް ޒިޔާރަތްކޮށް ސަލާމަތީ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތައް ވެސް ބަލައިފަ އެވެ.

މިމަހުގެ ކުރީކޮޅު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކިއޫ ސަރަހައްދުތަކުގައި ވަނީ "ސޯޝަލް ޑިސްޓެންސިން" ފާހަގަވާގޮތަށް ދުރުދުރުގައި މީހުން ތިބެން އެނގޭނެހެން ފާހަގަ ޖަހައިފަ އެވެ. ޓިކެޓް ކައުންޓަރުތަކާއި ޗެކިން ވުމާއި ލަގޭޖާއި ފަސިންޖަރުން ސްކީންކުރާ ސަރަހައްދުގައި ވެސް ތިން ފޫޓު ދުރުމިނުގެ ޖާގަތައް ފެންނާނެހެން ވަނީ މާކުކޮށްފަ އެވެ. އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓުގެ ކައުންޓަރުތައް ހުންނަ ސަރަހައްދުގައި ވެސް މިގޮތަށް ވަނީ ހަދައިފަ އެވެ.

ކިއޫގައި ޖެހޭ ހުރިހާ ސަރަހައްދެއްގައި "ސޯޝަލް ޑިސްޓެންސިން" ފާހަގަކުރުމަށް ސްޓިކާ ހަރުކޮށްފައި-- ފޮޓޯ:އެމްއޭސީއެލް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ހުރިހާ ކައުންޓަރެއްގައި ވެސް ހަތަރު ފޫޓުގެ ގްލާސް ޝީޓުގެ ސްކީނުތައް ވެސް ވަނީ ހަރުކޮށްފަ އެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް އެއާޕޯޓުގެ ގޮނޑި، މޭޒު، ކައުންޓަރުތަކުގެ އިތުރުން ފްލޯ އާއި މަގުތައް ވެސް އަންނަނީ ޑިސްއިންފެކްޓް ކުރަމުންނެވެ.

އެއާޕޯޓުގެ އާންމު އޮޕަރޭޝަންތައް ނުހިންގި ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާ ކާގޯ ފްލައިޓްތަކާއި ޗާޓާ ފްލައިޓްތަކުގެ ކަންކަން ބެލެހެއްޓުމުގައި އުޅޭ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މިހާރު ވެސް ތިބެނީ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) ގަ އެވެ. އަލަށް އެއާޕޯޓު ހުޅުވާލާ އިރު ޓާމިނަލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ތިބޭނީ ޕީޕީއީ ކިޓްގަ އެވެ.