މޫނުގައި އަތްލެވެން އުޅޭ ނަމަ އަންގައިދޭ ޑިވައިސްއެއް

"ވައިބްޕްރޯ" ސެޕްޓެމްބަރުގައި ބާޒާރަށް ނެރޭ އިރު، އަގަކީ 111 ޑޮލަރު.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރޭނެ ގޮތްގޮތް ހުއްޓުވަމަށް ހާއްސަކޮށްގެން އެކި އުފެއްދުންތައް އަންނަނީ ތައްޔާރުކުރަމުންނެވެ. މި ލިސްޓަށް މި ފަހަރު އިތުރުވާ އެއްޗަކީ "ވައިބްޕްރޯ" ކިޔާ އަތުގައި އަޅާ ބޭންޑެކެވެ.


މީގެ ހާއްސަ ކަމަކީ އިހުތިޔާރަކާ ނުލައި މޫނުގައި އަތްލެވުން ހުއްޓުވުމެވެ. ކޮރޯނާވައިރަސް އެންމެ ފަސޭހަ އިން އަރާ ގޮތަކީ ވެސް މޫނުގެ ތަންތަނުގައި އަތްލެވުމެވެ. އެގޮތުން އަނގާއި ނޭފަތާއި ލޯ ފަދަ ތަންތަނުގައި އަތްލެވޭ ނަމަ، ވައިރަސް އެރުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ މި ވައިރަހުން ރައްކާތެރިވާން ކުރެވޭނެ އެންމެ މުހިއްމު ކަމަކީ މޫނުގައި އަތް ލެވުން މަދުކުރުމެވެ. އަދި ސައިބޯނި ލައިގެން ގިނަގިނައިން ރަނގަޅަށް އަތް ދޮވުމެވެ. މީގެ އިތުރުން ހޭންޑް ސެނިޓައިޒާ އަކީ ވެސް އާންމުކޮށް ބޭނުންކުރާ އެއްޗަކަށް ހަދަން ޖެހެ އެވެ.

އަތުގައި އަޅާ ގަޑިއެއް ގޮތަށް ފަރުމާކޮށްފައިވާ "ވައިބްޕްރޯ" އުފައްދާފައި ވަނީ އިނގިރޭސިވިލާތުގެ 15 އަހަރުގެ ކުއްޖެކެވެ. މެކްސް މީލިއާ ކިޔައިދިން ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިކޮށްދޭން އެހީދެވޭނެ ޑިވައިސްއެއް އުފެއްދުމުގެ ހިޔާލު އައީ ކަމުގެ މުހިއްމުކަމުންނެވެ.

އޭނާ ސީއެންއެން އަށް ކިޔައިދިން ގޮތުގައި ކޮވިޑް-19 އަކީ ލުއިކޮށް ނަގަން ޖެހޭ ވަރަށް ވުރެ ސީރިއަސް ބައްޔެއްކަން އިހުސާސްކުރެވުނީ މައިންބަފައިންނަށް އެ ބަލި ޖެހުމުންނެވެ.

"އެހެންވެ ހިތަށް އެރީ ވެއްޖޭ މި ބައްޔާ ދެކޮޅަށް މަސައްކަތްކުރެވޭނެ ކޮންމެވެސް ގޮތެއް ހޯދަން،" މެކްސް ބުންޏެވެ. "އެކަމަކު އަސްލު މިކަމަކީ އެންމެ ފުރަތަމަ ކޮވިޑަށް ހާއްސަކޮށްގެން އުފައްދަން ހިޔާލުކުރި އެއްޗެއް ނޫން. މީގެ ދެ އަހަރު ކުރިން މަންމައާ ދެ މީހުންވެގެން އުޅުނީ ރޯގާ އާއި ހުމަށް ހާއްސަ ޑިވައިސްއެއް އުފައްދަން. އެކަމަކު އެ މަސައްކަތް ވަކި ހިސާބުން ހުއްޓިފައި ވަނިކޮށް ކޮވިޑަކާ މި ކުރިމަތިވީ. އެހެންވެ ހިތަށް އެރި މިއީ ވަރަށް ރަނގަޅު ދަނޑިވަޅެކޭ ޑިވައިސްއެއް އުފައްދަން މަސައްކަތް ފެށުމަކީ."

އޭނާ ކިޔައިދިން ގޮތުގައި "ވައިބްޕްރޯ" އުފައްދާފައި ވަނީ ހާއްސަ އެލޮގްރިދަމާ އެކު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. އަދި އެ ޓެކްނޮލޮޖީ އަކީ މީގެ އަހަރެއްހާ ދުވަސްކުރިން ބައްޕަ ރިޗަޑް މީލިއާ ފަށާފައިވާ ރިސާޗެއްގެ ތެރެއިން އުފަންކުރުވި އެއްޗެއް ކަމަށް ބުންޏެވެ.

"އަހަރެން ވަރަށް އުންމީދުކުރަން ވައިބްޕްރޯ އަކީ އާންމުން ބަލައިގަންނާނެ އެއްޗަކަށްވާނެ ކަމަށް."

"ވައިބްޕްރޯ" ގެ އެންމެ ހާއްސަ ސިފަ އަކީ މޫނާ އަތް ކައިރި ކުރެވޭނެ ނަމަ އެކަން ޑިވައިސް އަށް އަންނަ ވައިބްރޭޝަނަކުން އެ އަޅައިގެން ހުންނަ މީހާ އަށް އަންގައި ދިނުމެވެ. މެކްސް ބުނަނީ މި ޑިވައިސްގެ ބޭނުންތެރިކަން އެންމެ ބޮޑަށް ހިފޭނީ ދެ އަތުގައި ވެސް އެޅުމުން ކަމަށެވެ. އެހެންވެ އޭނާގެ ލަފަ އަކީ ވެސް އެއީ އެވެ.

"އަހަރެން މިހާރު ގަބޫލުކުރަނީ ކޮވިޑާ ހެދި ސްކޫލްތައް ބަންދުކޮށް ކިޔެވުމާ ދުރުގައި ހުންނަން ޖެހުނީމަ އެ ވަގުތުގެ ބޭނުން އަހަންނަށް ވަރަށް ރަނގަޅަށް ހިފިއްޖެ ކަމަށް،" މެކްސް ބުންޏެވެ. "ހަމަ ޔަގީނުން ވެސް ވައިބްޕްރޯވެގެން ދާނީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭނެ އެހީތެރިއަކަށް. މި މަސައްކަތާ ދޭތެރޭ އަހަރެން ފަހުުވެރިވަން."

ޗާޖް ވެސް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޑިވައިސް އަކީ ސިލިކަން ވޯޓަ ޕްރޫފް އެއްޗެކެވެ. އަދި އޭގެ މުހިއްމު ބައިތައް ޕޮޑަކުން ހިމާޔަތްކޮށްފަ އެވެ. އެހެންވެ "ވައިބްޕްރޯ" އަކީ ފެނާއި ދަަލާއި ވާރޭގެ ތެރޭގައި ވެސް އަޅައިގެން އުޅެވޭނެ އެއްޗެކެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑިވައިސް ބާޒާރަށް ނެރުމަށް އަމާޒު ހިފާފައިވާ އިރު އެ އުފެއްދުމަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް ވެސް މެކްސް ވަނީ ފަށައިފަ އެވެ. އެގޮތުން 74،000 ޑޯލަރު ހޯދަން ކުރިއަށް ގެންދާ ކްރައުޑްފަންޑިންގެ ދަށުން މިހާތަނަށް 15،000 ޑޮލަރު ލިބިފައިވެ އެވެ.

"ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑިވައިސް ބާޒާރަށް ނެރެން މި މަސައްކަތްކުރަނީ. އަދި އެ ވިއްކައިގެން ފުރަތަމަ ލިބޭ އާމްދަނީ ހޭދަކުރާނީ ކޮވިޑްގެ ނުރައްކާ ބޮޑު މީހުންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ޑިވައިސް ފޯރުކޮށް ދިނުމަށް،" މެކްސް ބުންޏެވެ. "އަހަރެން ވަރަށް އުންމީދުކުރަން ވައިބްޕްރޯ އަކީ އާންމުން ބަލައިގަންނާނެ އެއްޗަކަށްވާނެ ކަމަށް. އަދި މި މަސައްކަތަކީ ބަދަލަކަށްވާނެ ކަމުގެ އުންމީދު ވެސް ބޮޑު."

"ވައިބްޕްރޯ" އެންމެ ފުރަތަމަ ވިއްކަން ފަށާނީ އިނގިރޭސިވިލާތުގަ އެވެ. އަގަކީ 111 ޑޮލަރު (1,709.40ރ.) އެވެ.