ކޮވިޑް-19 ފެތުރޭ މި ހާލަތުގައި ރައްކާތެރި މާހައުލެއް ގާއިމްކުރަން އެންމެ އުނދަގޫ ތަންތަނަކީ ކަސްޓަމަަރުންނާއި ހިދުމަތްތެރިން ވަރަށް ގާތުން މަސައްްކަތް ކުރަން ޖެހޭ ސެލޫންތަކެވެ. އެކަމަކު ސޯސަން މަގުގެ ދެކުނު ކޮޅުން އެމަގަށް ވަންނަން ލަނބާލާ ހިސާބުގައި ހުންނަ ޝިޔާ ސެލޫންގެ ވެރިޔާ އަހުމަދު ޝަރީފް ވިދާޅުވާ ގޮތުގައި އޭނާގެ ސެލޫންގައި އެ މިންގަނޑުތައް ހިފެހެއްޓޭ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން އެބަ އޮތެވެ.
ޝަރީފް ވިދާޅުވީ ޝިޔާ ސެލޫންގެ ހުރިހާ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައި ހުރީ ކޮވިޑުން ރައްކާތެެރިވާން ސަމާލުކަމެއް ދީގެންނެވެ. އެގޮތުން ކުރާ އެންމެ މުހިއްމު އެއް ކަމަކީ ތަނުގެ އާއްމު ސާފުތާހިރުކަން ކަށަވަރު ކުރުމެވެ.
"ބޯކޮށާ އިރު ކަސްޓަމަރުންގެ ގައިގައި އަޅާ ކޮންމެ ފޮތިގަނޑެއް ވަގުތުން ގެންގޮސް ލާނީ ދޮންނަ މެޝިނަށް. ދޮވެ އިސްތިިރިކޮށްގެން ނޫނީ ދެވަނަ ފަހަރަކަށް ބޭނުމެއް ނުކުރާނެ،" ބޯކޮށުމުގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ޝަރީފް ވިދާޅުވި އެވެ.
މުވައްޒަފުން ހޭލުންތެރިކުރުވުމުގެ އިތުރުން އޭނާ އަމިއްލައަށް ކަށަވަރުކުރައްވާ އަނެއް ކަމަކީ ސެލޫންގެ އެތެރެ ކޮންމެ ދުވަހަކު އެތައް ފަހަރަކު ޑިސްއިންފެކްޓް ކުރުމެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދީފައިވާ އިރުޝާދާ އެއްގޮތަށް ބްލީޗް ސޮލިއުޝަނުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ސެލޫން ތެރެ ސާފުކުރެ އެވެ.
ޝިޔާ ސެލޫންގައި ކުރިއްސުރެ ވެސް އިންތިޒާމްތައް ހުރީ ސޯޝަލް ޑިސްޓެންސިން އަށް ފަސޭހަވާ ގޮތަށެވެ. އެތަނުގައި ބޯކޮށަން އިށީންނަ ގޮނޑިތައް ހުންނަނީ ދުރުދުރުގަ އެވެ. އަދި ކޮވިޑް-19ގެ މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ގޮތުން މިހާރު ހުންނަނީ ކޮންމެ ދެ ގޮނޑިއެއް ދެމެދު ޕާޓިޝަން ވެސް ޖަހާފަ އެވެ.
މުވައްޒަފުންގެ ސާފުތާހިރުކަމާއި ރައްކާތެރިކަން
ޝަރީފް ވިދާޅުވި ގޮތުގައި ބޯކޮށުމުގެ ހިދުމަތް ދޭ މުވައްޒަފުން އާއްމު ދިރިއުުޅުމައި ވެސް ރައްކާތެރިކޮށް އުޅެވޭނެ މާހައުލެއް އޭނާ ވަނީ ފަހިކޮށްދެއްވައިފަ އެވެ. އެގޮތުން ޝިޔާ ސެލޫންގެ މުވައްޒަފުންނަކީ ބާރުބޮޑު ކެފޭތަކަށް ގޮސް ކައިބޮއި އުޅޭ ބައެއް ނޫނެވެ. އެމީހުން ދިރިއުޅޭ ތަންތަނުގައި ރައްކާތެރިކަމާ އެކު ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮޓާތަކަށް އެމީހުން ދިއުން މަނާކޮށްފައި އޮންނާނީ. ނުދާނެ އެމީހުންނެއް،" ޝަރީފް ވިދާޅުވި އެވެ.
މުވައްޒަފުންގެ ސާފުތާހިރުކަން ކަށަވަރުކުރަން ކޮންމެ ދުވަހަކު ވެސް އޭނާ ގެންދަވަނީ ނަސޭހަތާއި އިރުޝާދު ދެއްވަމުންނެވެ. އެހެންވެ، އަތް ދޮވުމާއި ސެނިޓައިޒާ ބޭނުންކުރުން ފަދަ ކަންކަމަށް އެމީހުން މިހާރު ވަރަށް ފަރިތަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެލޫނަށް ނުކުތުމުގެ ކުރިން މުވައްޒަފުންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ވެސް ޝަރީފް ބައްލަވަ އެވެ. ކޮވިޑްގެ އަލަމާތެއްގެ ގޮތުގައި ފާހަގަކުރެވޭ އެންމެ ކަމެއް ހުއްޓަސް އެ މުވައްޒަފަކު ގޭގައި މަޑުކުރަން ޖެހެ އެވެ.
ޝިޔާ ސެލޫންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް، ކަސްޓަމަރުންނާ ހަމައަށް ވެސް ގެންދެ އެވެ. މާސްކް އެޅުމާއި އަންގި ލެއްވުން ފަދަ ކަންކަންކަން މަޖުބޫރެވެ.
"މިހުރިހާ ކަމަކާ އެކީ ކަސްޓަމަަރުންނަށް އަޅުގަނޑު ދޭން އޮތް މެސެޖަކީ ރައްކާތެރިކަމުގެ ޔަގީންކަން،" ޝަރީފް ވިދާޅުވި އެވެ.
އެކަމަކު ރަައްކާތެރިކަމަށް ކުރަން ޖެހޭ ހޭދަ އިތުރު ވިޔަސް ކަސްޓަމަރުން އަތުން ނަގާ އަގަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.