ޓްރީ ޓޮޕް: ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ދައްކައިދީފި

ރާއްޖެ އިން ކޮވިޑް-19 އަށް ފުރަތަމަ މީހާ ޕޮޒިޓިވްވުމާ އެކު، އިންފެކްޝަން ޕްރިވެންޝަން އަދި ކޮންޓްރޯލް (އައިޕީސީ)ގެ ދަށުން ގިނަ ފިޔަވަޅުތައް ޓްރީ ޓޮޕް ހޮސްޕިޓަލުން އަޅާފައިވެ އެވެ. ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ފެސިލިޓީއެއްގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމަށް ސަރުކާރުން ނިންމި ހިސާބުން މި ފިޔަވަޅުތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރި އެވެ.


މި މުއްދަތުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަށް އެ ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު، ހޮސްޕިޓަލްގެ އެއްވެސް މުވައްޒަފަކު އެ ބައްޔަށް ޕޮޒިޓިވްއެއް ނުވެ އެވެ.

ދުނިޔެ އަށް 2002 ވަނަ އަހަރު ފެތުރުނު ސާސް ވައިރަސްގެ ސަބަބުން، ސިއްހީ ދާއިރާގައި މަސައްކަތްކުރި 21 ޕަސެންޓު މުވައްޒަފުންނަށް އެ ބަލި ޖެހިފައިވެ އެވެ. އެހެންވެ، ދުނިޔޭގެ އިންފެކްޝަން ކޮންޓްރޯލް ބަލަހައްޓާ ފަރާތްތަކުން ކޮވިޑް-19 އަށް ތައްޔާރުވުމައްޓަކައި ގިނަ ތައްޔާރީތަކެއް ވެ، މުހިންމު މިންގަނޑުތަކެއް ކަނޑައަޅާފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ކޮވިޑް-19އާ ގުޅިގެން އެކި އައިޕީސީ މިންގަނޑުތައް ކަނޑައަޅައިފަ އެވެ. އެގޮތުން ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) ޕޮލިސީއެއް ގާއިމް ކުރުމާއި ބަޔޯ ސޭފްޓީ މެޝާސް އިތުރު ކުރުމާއި އިންފެކްޝަނުން ރައްކާތެރިވުމާއި ނުރައްކާތެރި ސަރަޙައްދުތަކާއި މަގުތައް ކަނޑައަޅައި އެ އަށް އަމަލު ކުރުމާއި ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭހެން މުވައްޒަފުން ގްރޫޕުތަކަށް ބަހައިލުން ހިމެނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ: ޓްރީ ޓޮޕް

މިކަންކަމުގެ އިތުރުން، މަތީ ފެންވަރުގެ ޑިސްއިންފެކްޝަން މަސައްކަތްތައް ގާއިމް ކުރުމާއި އެންމެ އެކަށީގެންވާ ގޮތަކަށް އެކި ލެވެލްތަކުގައި ރައްކާތެރިކަމާ އެކު ކުނި ނައްތައިލުމުގެ މަސައްކަތް ކުރުމާއި މަސައްކަތްތަކުގެ ފެންވަރު ބަލައި ޑޮކިއުމެންޓް ކުރުން ވެސް ހިމެނެ އެވެ.

މި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން، ހޮސްޕިޓަލްގެ ތެރޭގައި އިންފެކްޝަން ފެތުރުން ކޮންޓްރޯލް ކުރެވި، ރައްކާތެރި މާހައުލެއް ގާއިމް ކުރެވުނެވެ. މުޅި ހޮސްޕިޓަލުގައި ރައްކާތެރި އަދި ނުރައްކާތެރި ސަރަޙައްދުތައް ގާއިމްކޮށް، އިންފެކްޝަން ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. މިގޮތުން ޑޮފިން (ފާސަނަލް ޕްރޮޓްކްޝަން އިކުއިޕްމެންޓް ބޭލުމަށް) ވަކި ސަރަހައްދެއް ޚާއްސަ ކުރި އެވެ.

ޕީޕީއީ ބާލާއިރު، އިންފެކްޝަން ފެތުރިޔަ ނުދިނުމައްޓަކައި ހާއްސަ މިންގަނޑުތަކެއް ކަނޑައަޅައި ރައްކާތެރި ގޮތްތައް ދެމެހެއްޓުމަށްޓަކައި ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ އިތުރުން ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ: ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިންފެކްޝަން ކޮންޓްރޯލް މެނޭޖަރު ޖަޔާ ކިރުބަރާޖް ޝަންމުގަމް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ފެސިލިޓީއެއް ގޮތުގައި އެ ތަން ހިންގި މުއްދަތުގައި މުވައްޒަފުންނަށް އިންފެކްޝަނުން ސަލާމަތްވެ، ރައްކާތެރި މަސައްކަތުގެ މާހައުލެއް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މުހިއްމު ފިޔަވަޅުތަކެއް އެޅި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް އާންމުންނަށް އަލުން ހުޅުވައިލީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އެ ހޮސްޕިޓަލުން ބުނީ އާންމުންނަށް އަލުން ހުޅުވުމުގެ ކުރިން މުޅި ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގައި ޑިސްއިންފެކްޓް ކުރި ކަމަށެވެ. ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ސާފުކުރުމުގައި--ފޮޓޯ: ޓްރީ ޓޮޕް

އެގޮތުން ކައުންޓަރުތަކުގައި ޕްރޮޓެކްޓިވް ސްކްރީންތައް ޖެހުމާއި އެކި ސަރަހައްދުގައި ސެނިޓައިޒާ ބެހެއްޓުމާއި ގައިދުރުކަން ޔަގީން ކުރުމައްޓަކައި ހޮސްޕިޓަލުގެ ވެއިޓިން އޭރިއާތަކުގެ ޑިޒައިން ބަދަލު ކޮށްފައިވެ އެވެ. ކުރިއެކޭ އެއްފަދައިން ހޮސްޕިޓަލަށް ވަނުމުގެ ކުރިން ސްކްރީންކޮށް، ހާއްސަ ވަކި ސަރަޙައްދެއްގައި ފްލޫ ކްލިނިކް ހުޅުވުމާއި ބަލިމީހުންނަށާއި މުވައްޒަފުންގެ ރައްކާތެރިކަމަށް މާސްކް އެޅުމުގެ ގަވައިދެއް ވެސް ވަނީ އެކުލަވާލައި އެ އަށް އަންނަނީ އަމަލުކުރަމުންނެވެ.