ދައުލަތުގެ އާމްދަނީ ދަށަށް، ލަފާކުރި މިންވަރު ވެސް ނުލިބޭނެ!

މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެ، އަންދާޒާކުރި ވަރަށް ވުރެ އަހަރުގެ އާމްދަނީ ދަށްވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިއްޔެ އާއްމުކުރި މި އަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައިން ސެޕްޓެމްބަރާ ދެމެދު)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ މުއްދަތުގައި ދައުލަތަށް ލިބުނީ 3.46 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 3.67 ބިލިއަން ރުފިޔާ އަށް ވުރެ 5.8 ޕަސެންޓުގެ ދަށް އަދަދެކެވެ. އަދި އެއީ މި އަހަރުގެ އެ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ ހަތް ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއަށެވެ. އެ ގޮތުން، 1.3 ބިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބުނުއިރު، ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 997 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިން 360 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ތެރެއިން، ޖީއެސްޓީ އާއި ބީޕީޓީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރަށް ވުރެ ދަށަށް ގޮސްފައި ވިޔަސް، ޓޫރިޒަމް ކުލީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ވަަރަށް ބޮޑަށް (36.9 ޕަސެންޓް) މައްޗަށް ޖެހިފަ އެވެ.

މިދިޔަ ކުއާޓަރުގައި ލިބުނު އާމްދަނީ ބެހިފައިވާ ގޮތް.-- ޗާޓު: މީރާ

ރިސޯޓުތަކުން ދެއްކި ކުލީގެ އަދަދު އިތުރުވިއިރު، ގިނަ އާ ރިސޯޓުތަކެއް މި އަަހަރުގެ މިހާތަނަށް ވަނީ ހުޅުވާފަ އެވެ. އަދި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގާތްގަނޑަކަށް އިތުރު ނުވަ ރިސޯޓު ހުޅުވަން ވަނީ ތައްޔާރުވެފަ އެވެ. މީގެ އިތުރުން، އަންނަ އަހަރު ވެސް އިތުރު 20 ރިސޯޓު ބާޒާރަށް ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ.

އެކަމަކު ޓޫރިޒަމް ސިނާއަތަށް އައިސްފައިވާ ހީނަރުކަން އެ ދާއިރާ އިން ދައްކާ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ)ން ހާމަވެ އެވެ. އެ ގޮތުން، މިދިޔަ ކުއާޓަރުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 780.88 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ ކުއާޓަރުގައި ވަން ޓީޖީއެސްޓީގެ އާމްދަނީ އަށް ވުރެ 10.8 ޕަސެންޓުގެ މަދު އަދަދެކެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރު (އޭޕްރީލް މަހުން ޖޫން މަހާ ދެމެދު) ގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު މިންވަރަށް ވުރެ 23 ޕަސެންޓް ދަށް އަދި މިދިޔަ ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި 849.26 މިލިއަން ރުފިޔާ އަށް ވުރެ ވެސް 8.1 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެގޮތުން ލިބުނު 122.91 މިލިއަން ޑޮލަރުގެ އާމްދަނީ އަކީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު 121.44 މިލިއަން ޑޮލަރާ އަޅާބަލާއިރު އެއީ 1.2 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން އަދާޒާކުރާ ގޮތުގައި މި އަހަރުގެ ބާކީ އޮތް ތަނުގައި ޓެކްސްގެ ގޮތުގައި ލިބޭނީ 2.67 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރު (އޮކްޓޯބަރުން ޑިސެމްބަރުގެ ނިޔަލަށް) ގައި ލިބުނު މިންވަރަށް ވުރެ 5.8 ޕަސެންޓް މަތީ އަދަދެކެވެ.

މި އަހަރުގެ ފަހު ކުއާޓަރުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އާމްދަނީ ބެހޭނެ ކަމަށް ލަފާކުރެވޭ ގޮތް.-- ޗާޓު: މީރާ

މި އަހަރުގެ ދައުލަތުގެ ބަޖެޓަށް މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ.

މީރާގެ ތަފާސްހިސާބުތަކާއި އަންދާޒާކުރުންތަކަށް ބަލާއިރު މި އަހަރުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ލިބޭނީ ޖުމްލަ 14.06 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވާ މިންވަރަށް ވުރެ 2.47 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ.

މި އަހަރުގެ ބަޖެޓު ޑެފިސިޓަކީ 3.4 ބިލިއަން ރުފިޔާ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަ ޕަސެންޓް) ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އެކަމަކު، ދައުލަތަށް ލިބޭ އާމްދަނީ ލަފާކުރި މިންވަރަށް ވުރެ ދަށް ވަމުން ދާތީ، ބަޖެޓު ޑެފިސިޓް އެއަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.