ރިޒާވް ބޮޑު ތަނުން ދަށަށް ގޮސް، މިހާރު ހުރީ ދެ މަހުގެ އިމްޕޯޓަށް ވާ ވަރަށް!

ޔޫޒަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި ހުރި ޑޮލަރުގެ އަދަދު ޖޫން ނިމުނުއިރު 152 މިލިއަނަށް ވެއްޓިއްޖެ އެވެ. އެއީ ގާތްގަނޑަކަށް ދެ މަހުގެ އިމްޕޯޓަށް ވާ ރިޒާވެކެވެ.


މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް ރިޒާވް ދަށަށް ނުދާ ވަރެކެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި 315 މިލިއަން ޑޮލަރު ހުއްޓެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު 281 މިލިއަން ޑޮލަރު، 2017 ގައި 207 މިލިއަން ޑޮލަރު، 2016 ގައި 200 މިލިއަން ޑޮލަރު އަދި 2015 ވަނަ އަހަރު ރިޒާވް 199.5 މިލިއަން ޑޮލަރު ހުއްޓެވެ.

މިއަހަރު ފެށުނީއްސުރެ ރާއްޖޭގެ ރިޒާވް ދަނީ މަހުން މަހަށް ދަށްވަމުންނެވެ. ވޭތުވެދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ރިޒާވްގައި ހުރި ފައިސާގެ ތެރެއިން ދެބައިކުޅައެއްބައި މިހާރު ވަނީ ނެގިފަ އެވެ.

މިހާރު ހުރީ ދެ މަހުގެ އިމްޕޯޓަށްވާ ވަރު

ރާއްޖޭގެ ރިޒާވް އެހާ ބޮޑަށް ދަށްވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިންތިހާ އަށް ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ. އާންމު ގޮތެއްގައި ޔޫޒަބަލް ރިޒާވްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ އެވެ. އެހެން ނަމަވެސް 152 މިލިއަން ޑޮލަރަކީ ގާތްގަނޑަކަށް ދެ މަހުގެ އިމްޕޯޓަށްވާ ވަރެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިމްޕޯޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ރާއްޖެއިން ބޭރުން ފައިސާ ލިބޭ ވަރާއި ދައްކަން ޖެހޭ ފައިސާގެ އަދަދުތަކާ ގުޅިގެން ވެސް ރިޒާވަށް ބަދަލު އަންނާނެ އެވެ. ރިޒާވަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ހިސާބު ދައްކުވައިދެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެންމެ ގޯސްވާ ހާލަތުގައި އުފެއްދުންތެރިކަން މައިނަސް 29 ޕަސެންޓަށް ވެއްޓި 34 ބިލިއަން ރުފިޔާ އުނިވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ކޮވިޑް-19އާ ގުޅިގެން، މުޅި ޓޫރިޒަމް އިންޑަސްޓްރީ ހުއްޓިފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހު ބޯޑަރު ވަނީ ހުޅުވައިލައިފަ އެވެ. އެހެން ނަމަވެސް ރާއްޖެ އަށް އަންދާޒާ ކުރި ވަރާ ގާތަށް ވެސް ޓޫރިސްޓުން ނާދެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖެ އަށް ވުރެ ކުދި ގައުމުތަކުގައި ވެސް މިއަށް ވުރެ ރަނގަޅު ރިޒާވް އެބަހުއްޓެވެ. މޮރިޝަސް އާއި ސީޝެލްސް އާއި ބޫޓާން ފަދަ ގައުމުތަކުގައި ވެސް އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި އެވްރެޖްކޮށް ހުރެ އެވެ. ރާއްޖެ އަށް އިންވެސްޓަރުންގެ އިތުބާރު ހޯދައި އިންވެސްޓަރުން އަންނަ ވަރު އިތުރު ކުރުމަށްޓަކައި ރަނގަޅު ރިޒާވެއް ހުންނަން ޖެހޭ ކަމަށް އިގްތިސާދު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެ އެވެ.