މީހަކު ބަރުދަން ޗެކްކުރަނީ.
18 އޯގަސްޓް 2020 - 06:50
ކާނާ އިސްރާފުކުރުމާ ދެކޮޅަށް ޗައިނާގައި "ކްލީން ޕްލޭޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައި ވަނިކޮށް އެ ގައުމުގެ ރެސްޓޯރަންޓަކުން ކަސްޓަމަރުންގެ ބަރުދަން ބަލާތީ މައްސަލަ ހޫނުވުމުން މާފަށް އެދިއްޖެ އެވެ.
މީޑިއާތަކުން ބުނީ ޗަންގްޝާ ސިޓީގައި ހިންގާ ބީފްގެ ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓުން ކަސްޓަމަރުންގެ ބަރުދަން ބެލުމަށް އެތަނަށް ވަންނަ ދެ ދިމާއެއްގައި ކައްޓާ ބަހައްޓާފައިވާ ކަމަށެވެ. އަދި ރެސްޓޯރަންޓަށް ވަނުމުގެ ކުރިން ކަސްޓަމަރުންގެ ބަރުދަން ބެލުމަށް ފަހު މޮބައިލް އެޕަކަށް މައުލޫމާތު ރެކޯޑްކޮށް، ބަރުދަނާ ގުޅޭ ގޮތަށް މެނޫ ރިކޮމެންޑްކުރެ އެވެ.
މި މައްސަލާގައި ކަސްޓަމަރުންގެ ފަރާތުން ޝަކުވާ ބޮޑުވެ، ރެސްޓޯރަންޓްގެ މެނޭޖްމަންޓަށް ފާޑުކިޔުންތައް އަމާޒުވުމުން އެތަނުން މާފަށް އެދުނީ އެވެ.
ރެސްޓޯރަންޓުން ބުނީ ބަރުދަން ބަލަން ފެށީ ކަސްޓަމަރުންގެ ޒާތީ ކަމަކާ ބެހުމުގެ ގޮތުން ނޫން ކަމަށާއި މަގުސަދަކަށްވީ ސަރުކާރުން ފެށި ކާނާ އިސްރާފުކުރުމާ ދެކޮޅު ކެމްޕޭނަށް އެހީވުން ކަމަށެވެ. އަދި ބަރުދަން ބެލުން މަޖުބޫރު ނޫން ކަމަށާއި ކަސްޓަމަރުން ބޭނުން ނުވާ ނަމަ އެކަން ކުރަން ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ރެސްޓޯރަންޓަށް ފާޑުކީ މީހުން ޗައިނާގެ މަޝްހޫރު ސޯޝަލް އެޕް ވެއިބޯގައި ބުނެފައި ވަނީ ކަސްޓަމަރުންގެ ބަރުދަނަކީ އެތަނާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި ހިދުމަތް ހޯދަނީ އަމިއްލަ ފައިސާ އިން ކަމަށްވާތީ ކާނީ ވެސް އެ މީހަކު ބޭނުން އެއްޗެއް ކަމަށާއި އިސްރާފުކުރުމާއި ނުކުރުމަކީ ވެސް ރެސްޓޯރަންޓާ ބެހޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ޗައިނާގައި ކާނާ އިސްރާފުކުރާ މައްސަލަ ބޮޑުވެގެން ގައުމީ ފެންވަރުގައި "ކްލީން ޕްލޭޓް" ކެމްޕޭން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
ކާނާ އިސްރާފުކުރާ މައްސަލައާ ގުޅޭ ގޮތުން ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަތަކަށް ތާއީދުކޮށް ވޫހާން ކެޓަރިން އިންޑަސްޓްރީ އެސޯސިއޭޝަނުން ވެސް ވަނީ ކެމްޕޭނަށް ހުރިހާ އެންމެން އެއްބާރުލުން ދިނުމަށް ގޮވާލައިފަ އެވެ.
އެގޮތުން ވަކިން ހާއްސަކޮށް ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނުން ކާނާ ތައްޔާރުކުރާ އިރު އިސްރާފުނުވާ ގޮތަށް އެކަން ކުރުމަށާއި ކަސްޓަމަރުންނަށް ވެސް އިސްރާފުކުރަން ހިތްވަރު ދެވޭ ގޮތަށް ކާތަކެތި ސާވްނުކުރަން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy