ޕަބްޖީގެ ބަދަލުގައި އިންޑިއާ އަށް ފައު-ޖީ

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް މަޝްހޫރު ގޭމް ޕަބްޖީ މިދިޔަ ބުދަ ދުވަހު އިންޑިއާގައި މަނާކުރުމާ އެކު، އެ ގޭމްގެ ބަދަލުގައި އިންޑިއާ މީހުންނަށް ފައު-ޖީ (ފިއަލެސް އެންޑް ޔުނައިޓެޑް-ގާޑްސް) ގެ ނަމުގައި އާ ގޭމެއް ގެނެސްދޭން ނިންމައި، އެ ގޭމް ނެރޭކަން އިއުލާންކޮށްފި އެވެ.


މި ގޭމް ޕްރޮމޯޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު، ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު ވެސް ވަނީ ގޭމްގެ ވާހަކަ މިއަދު ޓްވީޓްކޮށްފަ އެވެ. އޭނާގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި އިންޑިއާ އިން އުފެއްދި ގޭމުން ލިބޭ އާމްދަނީގެ 20 ޕަސެންޓް ހަދިޔާކުރާނީ އިންޑިއާގެ ދިފާއަށް މަސައްކަތްކުރާ އަސްކަރީ އޮފިސަރުންނަށް ހާއްސަކޮށްފައިވާ ފަންޑް ބާރަތު ކޭ ވީރު ޓްރަސްޓަށެވެ.

އިންޑިއާގެ ވަތަނީ ރޫހާއި ދުޝްމަނުންގެ ކިބައިން އެ ގައުމު ދިފާއުކުރަން އިންޑިއާގެ އަސްކަރީ ލަޝްކުރާ މަސައްކަތުގެ ތެރެއަށް ގޭމް ކުޅޭ މީހުން ގެންގޮސްދޭ ގޮތަށް ފަރުމާކޮށްފައިވާ ފައު-ޖީ އުފައްދާފައި ވަނީ އިންޑިއާގައި މި ބާވަތުގެ މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ އެންކޯ ގޭމްސްއިންނެވެ.

"ފައު-ޖީ" އަކީ ޑިޖިޓަލްގެ ދުނިޔޭގައި އެހެން ގައުމުތަކަށް ބަރޯސާވުމުގެ ބަދަލުގައި އިންޑިއާގެ އުފެއްދުންތެރިކަން އިތުރުކޮށް، އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކުރިއަރުވަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރައްވާފައިވާ އިނިޝިއޭޓިވް "އާތުމާ ނިރްބާރް ބާރަތު" އަށް ސަޕޯޓް ވެސް ކުރުމުގެ ގޮތުން އެންކޯ އިން އުފެއްދި ގޭމެކެވެ. އެ ވާހަކަ އެންކޯގެ އެއް ބާނީ ވިޝާލް ގޮންޑާ ވެސް ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް ފައު-ޖޯ ނެރޭނެ އިރަކާއި މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. ފައު-ޖީ ކުޅެވޭނީ ހަމައެކަނި މޮބައިލް ފޯނުގައިތޯ އަދި މީގެ ޕީސީ ވާޝަން ނެރޭނެތޯ ވެސް ކަށަވަރެއް ނުވެ އެވެ.

އެންކޯ އިން ބުނީ ގޭމާ ބެހޭ އިތުރު މައުލޫމާތު މާ ލަސްތަކެއް ނުވެ ހިއްސާކުރާނެ ކަމަށެވެ.

އިންޑިއާގައި ބުދަ ދުވަހު ޕަބްޖީ މަނާކުރީ ޗައިނާއާ ގުޅުން ހުރި އުފެއްދުންތައް މަނާކުރުމުގެ ތެރެއިންނެވެ. އެގޮތުން ޗައިނާގެ ޓެންސެންޓްގެ ހިއްސާ އޮންނަ ޕަބްޖީއާ އެކު، އެ ގައުމުގެ ޖުމްލަ 118 އެޕެއް ބުދަ ދުވަހު މަނާކުރި އެވެ. އޭގެ ކުރިން މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ޓިކްޓޮކް ހިމެނޭ ގޮތަށް ޗައިނާގެ 59 އެޕެއް އިންޑިއާ އިން މަނާކޮށްފައިވެ އެވެ.