އިންޑިއާގައި ޕަބްޖީ މަނާކުރުމުން ޕަބްޖީން ޗައިނާގެ ޓެންސެންޓް ދޫކޮށްލައިފި

ޗައިނާ މަޝްހޫރު ޓެކް ކުންފުނި ޓެންސެންޓްގެ ދަށުން އިންޑިއާގައި އޮޕަރޭޓްކުރަމުން ދިޔަ މަޝްހޫރު ޕަބްޖީ ގޭމްގެ މޯބައިލް ވާޝަން އިންޑިއާގައި މަނާކުރުމާ ގުޅިގެން އެ ގޭމްގެ ޕަބްލިޝިން ރައިޓްސް ޓެންސެންޓުން ނަގައި ސީދާ ޕަބްޖީ ކޯޕަރޭޝަނުން އެކަން ކުރާ ގޮތަށް ނިންމައިފި އެވެ.


ޕަބްޖީ ކޯޕަރޭޝަނަކީ ދެކުނު ކޮރެއާގެ ވީޑިއޯ ގޭމް ކުންފުނި ބްލޫހޯލްގެ ސަބްސިޑަރި ކުންފުންޏެކެވެ. އެ ކުންފުނިން ޕަބްޖީގެ ޕަބްލިޝިން ރައިޓްސް އެހެން މީހުންނަށް ނުދޭން ނިންމި ނަމަވެސް ޓެންސެންޓާ ގުޅުން ކަނޑާލީ ކަމަކަށް ނުބުނެ އެވެ.

އިންޑިއާ އިން ޕަބްޖީ މޯބައިލްއާ އެކު، ޗައިނާގެ 118 އެޕެއް މަނާކުރީ މީގެ ހަފުތާއެއް ކުރިންނެވެ. އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން މިނިސްޓްރީން ބުނީ ޗައިނާއާ ގުޅުން ހުރި ގިނަ އަދަދެއްގެ އެޕްތަކެއް މަނާކުރީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި ކަމަށެވެ.

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް ޕަބްޖީ އެ ގައުމުގައި ޗައިނާއާ ހެދި މަނާކުރަން ޖެހުމާ ގުޅިގެން ޕަބްޖީ ކޯޕަރޭޝަން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ނިންމުމާ ގުޅޭ ގޮތުން މިހާރު އެ ގައުމުގެ ސަރުކާރާ އެކު މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޕަބްޖީ އިންޑިއާގައި އަލުން ބޭނުންކުރުމުގެ ހުއްދަ ހޯދަން މަސައްކަތްކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ގޭމް އިންޑިއާގައި އޮޕަރޭޓްކުރާނީ ސީދާ ޕަބްޖީން ކަމަށް ބުންޏެވެ.

އެހެންވެ މިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވި ވަރަށް އަވަހަށް އެއްބަސްވުމަކާ ހަމައަށް އާދެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ޕަބްޖީ ކޯޕަރޭޝަނުން ބުންޏެވެ.

"އަހަރެމެން އިންޑިއާގެ ނިންމުމަށް އިހުތިރާމުކުރަން. އަދި ޕަބްޖީ އަކީ އަބަދު ވެސް އެ ގައުމުގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރާނެ ކުންފުންޏެއް. ޕަބްޖީީއާ ގުޅޭ ގޮތުން ހުރި އިންޑިއާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން އަހަރެމެން މި ތިބީ ވާހަކަ ދައްކަން ތައްޔާރަށް،" ބަޔާނުގައި ބުންޏެވެ.

ޕަބްޖީ ކޯޕަރޭޝަނުން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.

އިންޑިއާގައި ޕަބްޖީ މަނާކުރުމާ އެކު އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ އެންކޯއިން ވަނީ "ފައު-ޖީ" ގެ ނަމުގައި ވީޑިއޯ ގޭމެއް ނެރެން އުޅޭކަން އިއުލާންކޮށް އެ ޕްރޮމޯޓް ވެސް ކުރަން ފަށައިފަ އެވެ. އެކަމަކު ގޭމް ނެރޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންދަވަނީ ޓެކޮނޮލިޖީއާ އެކު ޑިޖިޓަލްގެ ދުނިޔޭގައި އިންޑިއާ އެހެން ގައުމުތަކަށް ބަރޯސާވުން ހުއްޓައިލުމަށް، އެ ދާއިރާ އިން އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް ގޮވާލައްވައިފަ އެވެ. އެކަމަށް ހާއްސަކޮށްގެން "އާތުމާ ނިރްބާރް ބާރަތު" ގެ ނަމުގައި އިނިޝިއޭޓިވެއް ވެސް ލޯންޗްކޮށްފައިވެ އެވެ.