މަދު ރިސޯޓްތަކެއް ރަނގަޅު، އެކަމަކު އަދިވެސް ކަންބޮޑުވުންތަކެއް

ރިސޯޓްތަކާއި ސަފާރީތަކަށް ޓޫރިސްޓުން އަންނަން ފެށިތާ ތިން މަސް ފަހުން މިއަދު މާލެ ސަރަހައްދު ނޫން އެހެން ހިސާބުތަކުގެ ގެސްޓްހައުސްތަކުގެ ދޮރު ޓޫރިސްޓުންނަށް މިވަނީ ހުޅުވާލައިފަ އެވެ. މިއީ ކޮވިޑް-19 ގައި އިނދަޖެހުނު ރާއްޖޭގެ ޓޫރިޒަމް އަލުން ދިރުވުމުގެ އިތުރު ފިޔަވަޅެކެވެ. އެކަމަކު ހީކުރި މިންވަރާ ގާތަށް ވެސް ޓޫރިސްޓުންގެ އަދަދު އަދި ނާރަ އެވެ.


މިވަގުތު މި ފެންނަނީ ކޮވިޑް-19ގެ ސަބަބުން މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރި އިރު ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުންނާއި ސިޔާސީ ވެރިން އުއްމީދުކުރި މަންޒަރެއް ނޫނެވެ. އޭގެ ސަބަބުތައް ވެސް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ ކޮވިޑް ބަލިމަޑުކަން، ރާއްޖޭގެ ޓޫރިޒަމްގެ މައި މާކެޓްތައް ހިސޯރުކޮށްފައި އޮތުމެވެ. ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު މަދުވުމެވެ.

ބައެއް ރިސޯޓްތަކުގެ އޮކިއުޕަންސީއަށް ބަލާ ނަމަ، ރާއްޖޭގެ ޓޫރިޒަމަށް އަނެއްކާވެސް އުފާވެރި ދުވަސްތަކެއް އަތުވެއްޖެއޭ ހީކުރެވިދާނެ އެވެ. އެކަމަކު ދެތިން ރިސޯޓްގެ ގިނަ އެނދުތަކެއްގައި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުން އަޔަސް، ރާއްޖޭގެ މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ބަލާ ނަމަ ހާލަތު އެހާއެއް ނޫނެވެ. އެހެންކަމުން، ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިންވެސްޓަރު ޗަމްޕާ ހުސެއިން އަފީފު ލަފާކުރައްވަނީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާނީ އަންނަ އަހަރުގެ އެޕްރީލް/މޭ ހިސާބުގައި ކަމަށެވެ.

އޭނާގެ ލަފާކުރެއްވުން އެ އަންނަނީ މަދު ރިސޯޓްތަކެއްގެ އޮކިއުޕަންސީއަށް ބިނާކުރައްވާފައެއް ނޫނެވެ. ރާއްޖޭގައި މި ވަގުތު ވެސް އޮޕަރޭޝަންގައި ހުރި ރިސޯޓްތަކާއި ޓޫރިސްޓް އެނދުތަކަށް ނިސްބަތްކުރައްވަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި ހަފުތާގައި ބުނި ގޮތުން ނަމަ މިވަގުތު 24،000 އެނދު ހުރީ އޮޕަރޭޝަންގަ އެވެ.

އެކަމަކު ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު މަދުކަމުން ޓޫރިސްޓުންނަށް ރާއްޖެ ޒިޔާރަތްކުރަން އޮތް ފުރުސަތުތައް ހަންޏެވެ. މި ވަގުތު އެވްރެޖްކޮށް ދުވާލަކު އަންނަނީ 600 ޓޫރިސްޓުންނެވެ. ކޮވިޑްގެ ކުރިން ނަމަ އެވްރެޖް 4،000 އިން މަތީގައި ހުއްޓަސް، މިއީ ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވި ފަހުން ވޭތުވި ދެ މަހަށް ބަލާ ނަމަ ކުރިއެރުމެކެވެ.

ކްރައުން އެންޑް ޗަމްޕާ ގްރޫޕްގެ އެއް ހިއްސާދާރު އަފީފް "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި އަހަރު ޓޫރިޒަމް ދާނީ "މިކަހަލަ ގޮތަކަށް" ކަމަށެވެ.

އޭނާގެ ބަހުން ނަމަ ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ދަށަށް ދިއުމަކީ ވަރަށް ބޮޑު ރަނގަޅެކެވެ. ނަމަވެސް ޔޫރަޕްގައި ބަލިމަޑުކަން އަނެއްކާވެސް ގޯސްވުމާއި ރާއްޖެ ދަތުރުކުރާ އެއާލައިންތައް މަދުވުމުގެ ހުރަސް، ކުރިއަށް އޮތް ދެ މަހަށް އެބަ އޮތެވެ.

"އެޕްރީލްގެ ކުރީގައި [މިކަމުން] އަރައިގަނެވޭނެ ހެންނެއް ހިއެއްނުވޭ،" ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޔޫރަޕްގެ އިތުރުން އިންޑިއާގެ ހާލަތަށް ވެސް ބެއްލެވުމަށް ފަހު އަފީފް ވިދާޅުވި އެވެ.

މީގެ ދެ މަސް ކުރިން "މިހާރު"އާ ވާހަކަ ދައްކަވަމުން ދިވެހިންގެ ކިބައިން އަފީފް އެދިވަޑައިގަތީ ރާއްޖެ އަކީ "ގްރީން ޒޯން"އަކަށް ހެދުމުގެ އަޒުމުގައި އެންމެން އެކުވެގެން ބަލިން އަރައިގަތުމަށެވެ. އޭރު ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ، އޭގެ ދެ ވަނަ ރާޅެއްގައި ރާއްޖޭގެ ކޭސްތައް އޮތީ ގިނަވާން ފަށައިފަ އެވެ.

ރާއްޖޭގެ ހާލަތު އަނެއްކާ ރަނގަޅުވާން ފެށި އިރު ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރު ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އަދި މިދިއަ އަހަރު ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އަކީ، ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ އެއް ގައުމެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލްވެފައި އޮތަސް، އެ ގައުމުގެ ޓޫރިސްޓުން ރާއްޖެއަށް ދަތުރުކުރާކަށް އަދި ނުފަށަ އެވެ.

މިދިއަ އަހަރު ޗައިނާ އިން 284،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައި އިރު އިންޑިއާގެ ޓޫރިސްޓުންގެ އަދަދު އުޅުނީ 166،000 އިން މަތީގަ އެވެ. އިންޑިއާގެ ޓޫރިސްޓުންގެ އެ ކުރިއެރުމަކީ 2018އާ އަޅާބަލާ އިރު 83 ޕަސެންޓްގެ މަތިވުމެކެވެ. އެހެންކަމުން ކޮވިޑް ލައްވާލީ ރާއްޖޭގެ ރީތި މާހައުލުގައި ޗުއްޓީ ހޭދަކުރާ އިންޑިއާ ޓޫރިސްޓުން ޗައިނާގެ މާކެޓަށް ވުރެ މައްޗަށް އަރަމުން އައި ދަނޑިވަޅެއްގަ އެވެ.

ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުގެ ގޮތުން އައި ގަތަރު އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓަށް ވޯޓާ ސެލިއުޓެއް އަރުވަނީ: ރާއްޖެ އަންނަ ފްލައިޓްތައް މިހާރު އަންނަނީ ގިވަމުން -- ފޮޓޯ: ނިޝާން އަލީ /މިހާރު

ޕެރަޑައިސް ރިސޯޓްގެ 60 ޕަސެންޓް އެނދު ފުރިފައި

ބައެއް ރިސޯޓްތަކުން ފެންނަނީ އުއްމީދީ ކުލަތަކެވެ. ޕެރަަޑައިސް އައިލެންޑް ރިސޯޓްގެ އޮކިއުޕެންސީ މިވަގުތު ހުރީ އެވްރެޖްކޮށް 60 ޕަސެންޓްގައި ކަމަށް، ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވި އެވެ.

"ޑިސެމްބަރަށް ބަލާ ނަމަ އަދި ދައްކަނީ 80 ޕަސެންޓްގެ އޮކިއުޕަންސީއެއް،" މިހާރު ހުޅުވާފައި ހުރި ރިސޯޓްތަކުގެ ތެރެއިން އެންމެ މަތީ އޮކިއުޕެންސީއެއް ދަމަހައްޓަމުން އަންނަ އެއް ރިސޯޓްގެ އިސް ވެރިޔާ ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވި ގޮތުގައި ރާއްޖެ އަންނަން ތިބި ޓޫރިސްޓުން ގިނަ އެވެ. އެކަމަކު މައްސަލައަކީ ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް މަދުވުމެވެ. އޭނާގެ ބަހުން ނަމަ "މި ބަލިމަޑުކަމުގައި ތިބެތިބެ އެންމެން ވެސް ވަރުބަލިވެއްޖެ" އެވެ.

"ލޮކްޑައުންގައި ތިބެތިބެ ވަރުބަލިވެއްޖެ އެންމެން ވެސް. ރާއްޖެ އަންނަން އެ މީހުން ބޭނުން. ފްލައިޓް ލިބޭ ނަމަ މީހުން ގިނަވާނެ،" ގައިސަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ މަންޒަރުތަކުން އެނގޭ ޑިސެމްބަރު/ޖެނުއަރީގައި ވެސް ގޯހެއް ނުވާނެކަން."

އެކަމަކު ދެތިން ރިސޯޓެއްގެ އޮކިއުޕެންސީއަކުން މުޅި ޓޫރިޒަމްގެ ހަގީގީ މަންޒަރެއް ނުފެންނާނެ އެވެ. އެހެންކަމުން ރާއްޖޭގެ ޓޫރިޒަމްގެ އެވްރެޖް އޮކިއުޕެންސީ 50 ޕަސެންޓުން މައްޗަށް ދިއުން ކައިރީ، އަފީފުގެ އިތުރުން، ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި ވެސް، އަންނަ އަހަރުގެ އެޕްރީލް/މޭ ހިސާބުގަ އެވެ.

"އަޅުގަނޑުމެން ފުރަތަމަ ބެލީ ޖުލައި ހިސާބުގައި ރަނގަޅުވާނެ ކަމަށް، ދެން ބެލީ އޮކްޓޯބަރު [މި މަހު] ކަމަށް،" އަފީފް ވިދާޅުވި އެވެ.

"ބައެއް މީހުން [މިހާރު] ފޯކާސްޓްކުރާ ގޮތުން އެޕްރީލް ކުރިން އަރައިގަނެވޭނެހެން ހިއެއްނުވޭ. އޭގެ ކުރިން ރަނގަޅު ނަންބާސްއަކަށް ނާރަފާނެ."

އޭނާ ވިދާޅުވި ގޮތުގައި ޖެނުއަރީގެ ކުރިން އެންމެ މަތިވެގެން ވެސް ގިނަ ރިސޯޓްތަކުގެ އޮކިއުޕެންސީ 20 ނޫނީ 30 ޕަސެންޓަށް ވުރެ މައްޗަށް އެރުން ދުރެވެ. މިހާރު ހުޅުވާފައިވާ ގިނަ ރިސޯޓްތަކުގައި ގެސްޓުން ތިބީ އެއަށް ވުރެ ވެސް މާ ދަށް މިންވަރެއްގަ އެވެ. ބައެއް ރިސޯޓްތައް ހިންގަމުން އަންނަނީ 10 ޕަސެންޓަށް ވުރެ ވެސް ދަށް ނިސްބަތެއްގައި އެނދުތައް ފުރައިގެންނެވެ.

"ގިނަ ބަޔަކު ރާއްޖެ [އަންނަން] ބޭނުން. އެކަމަކު ދެވޭނެ ގޮތެއް ނެތް. ރައްކާތެރިއެއް ނޫން،" އަފީފް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ވެކްސިނެއް ލިބި، މީހުންގެ އިތުބާރު ބޮޑުވާނީ މޭ ހިސާބުގައި ހެން. އޭރުން ޓޫރިޒަމް ރަނގަޅުވަމުން އަންނާނެ."

ގައިސަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް ހުޅުވި ފަހުން "މިހާރު ވެސް ނަތީޖާ ގޯހެއް ނޫނެ"ވެ. މިސާލަކަށް ކުރިން އެވްރެޖްކޮށް 98-100 ޕަސެންޓްގެ އޮކިއުޕަންސީއެއްގައި ހިންގި ޕެރަޑައިސްގައި ޓޫރިސްޓުން މިހާރު ތިބި މިންވަރު "50 ޕަސެންޓުން މަތިވުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބީއެކެ"ވެ.

އެކަމަކު އެއީ ވަރަށް މަދު ރިސޯޓެއްގެ ހާލަތެވެ. އެ ހިސާބަށް ގިނަ ރިސޯޓްތައް ވީހާ ވެސް އަވަހަކަށް ދިއުމަކީ، އެންމެންގެ ވެސް އުއްމީދެވެ.

މިއަދު މިވަނީ ގެސްޓްހައުސްތައް އަލުން ހުޅުވައިފަ އެވެ. ޓޫރިޒަމްގެ ފަޅުކަން ފިލުވާލުމުގެ އިތުރު ފިޔަވަޅެކެވެ. އެކަމަކު މުޅި އިންޑަސްޓްރީގެ ސިއްހަތު ހަމަޔަކަށް އެޅޭނީ ޔޫރަޕާއި އިންޑިއާގައި އޮތް ބަލިމަޑުކަން މައިތިރިވެ، ރާއްޖެ އަންނަ ފްލައިޓްތައް ވެސް އިތުރުވެގެންނެވެ.