މާލެތެރެއިން ފުރަތަމަ ފަހަރަށް ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.
އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް މާލޭ ފްލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސެއް ކަމަށެވެ. އޭނާ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އޭނާ މި ފަހުން އެއްވެސް ތަނަކަށް ދަތުރެއް ކުރި ކަން އަދި އެނގޭކަށް ނެތެވެ.
ރާއްޖެ އިން މީގެ ކުރިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވި އެންމެންނަކީ ވެސް ބޭރު ގައުމުތަކުން އައި މީހުންނެވެ. ޕޮޒިޓިވް މި ކޭސްއާ އެކު ކޮރޯނާވައިރަސް ހުރިކަން ޔަގީންވި ދިވެހިންގެ އަދަދު މިހާތަނަށް ހަޔަކަށް އެރީ އެވެ. ރާއްޖެ އިން އެ ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ މިހާރު 21 އެވެ. އޭގެ ތެރޭގައި ގިނައީ ޓޫރިސްޓުންނެވެ.
ކޮރޯނާވައިރަސް އަށް މީގެ ކުރިން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސި ވިލާތުން އައި މީހުންނެވެ. ފަސްވަނަ މީހާ އައީ ފިލިޕިންސުންނެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ހާއްސަ ޕްރެސް ކޮންފަރެންސެއް މިއަދު 12 ޖަހާއިރަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މި ޕްރެސްގައި ބައިވެރިވެވަޑައިގަންނަވާނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު. ޑރ. އަލީ ލަތީފެވެ.
މިއައީ އެންމެ ކަންބޮޑުވާން ޖެހޭ ވަގުތު
މިއީ ކޮރޯނާވައިރަސްއާ ގުޅޭ ކަންކަމުގައި އިސްކޮށް އުޅޭ އެންމެން އެންމެ ކަންބޮޑުވުން ފާޅުކުރަމުން އައި ވަގުތެވެ. މީގެ ކުރިން ރާއްޖެ އިން ފެނިފައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ރާއްޖެ އިން ބޭރުން އައި މީހުންނެވެ. މާލެ ތެރެއިން އޭގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެ އެވެ. އެކަމަކު އާންމުންގެ ތެރެއިން އެކަކު ފެނުނަސް، އެ ވައިރަސް ވަރަށް ބާރަށް ފެތުރުމުގެ ފުރުސަތު އޮތްކަން، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މާލެއަކީ ދުނިޔޭގައި ވެސް އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީ ކަމަށް ވާތީ ވައިރަސް ބާރަށް ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އާންމުން މިހާރު ވެސް އެއަށް ސަމާލުކަންދީ، ގެއިން ބޭރަށް ނުނިކުމެ، އަދި ސާފުތާހިރުކަން ބޮޑުކޮށްފި ނަމަ، ވައިރަސް ފެތުރުން ކޮންޓްރޯލްކުރެވޭނެ އެވެ.