އާމިރު.
21 ނޮވެމްބަރ 2021 - 06:02
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ދެވަނަ ކައިވެނި ރޫޅާލި ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" ބެލުންތެރިންނަށް ދޫކޮށްލުމަށް ފަހު، އަންނަ އަހަރު އޭނާ ތިން ވަނަ ކައިވެނި ކުރާނެ ކަމުގެ އަޑުތައް ގަވަދާން ފަށައިފި އެވެ.
މި ވާހަކަ ފޭނުންގެ މެދުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ބޮޑަށް ދެކެވެމުން އަންނަ އިރު، މީޑިއާތަކުން ބުނި ގޮތުގައި އާމިރު ދެން ކައިވެނިކުރާނީ އޭނާއާ އެކީ މަސައްކަތްކުރި ބަތަލާއަކާ އެކީގަ އެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި އެއީ އާމިރުގެ 2016 ގެ ފިލްމު "ޑަންގަލް" ގައި އޭނާގެ ދަރިއެއްގެ ރޯލު ކުޅުނު ޒުވާން ބަތަލާ ފާތިމާ ސަނާ ޝައިހް، 29، އެވެ.
އާމިރާއިި ކިރަން ރާއޯގެ ކައިވެނީ ރޫޅާލަން ނިންމި ވާހަކަ އިއުލާންކުރި ހިސާބުން ވެސް، ފާތިމާގެ ވާހަކަ ބޮޑު މަންޒަރަށް އެރި އެވެ. އަދި ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާތިމާ ގާތުން އާމިރާ ކައިވެނި ކުރާނީ ކޮން އިރަކުންތޯ ވެސް ސުވާލު ކޮށްފައިވެ އެވެ.
އޭނާ އާއި އާމިރު 56 ގެ މެދުގައި ކުރިން ވެސް ލޯބީގެ ގުޅުމެއް އޮތް ވާހަކަ މީޑިއާތަކުގައި ހޫނުކޮށް ދެކެވިފައިވެ އެވެ. ދެ ތަރިން އެކީގައި 2018 ގެ "ތަގްސް އޮފް ހިންދުސްތާން" ގައި ވެސް މަސައްކަތްކުރި އެވެ.
މީޑިއާތަކުން ބުނި ގޮތުގައި މާ ލަހެއް ނުކޮށް އާމިރު ދެން ތިން ވަނަ ކައިވެނި ކުރާނެ ކަމަށް ބެލެވޭ އިރު، މި ދަނޑިވަޅުގައި އެކަމާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ނުދައްކާނެ އެވެ. ސަބަބަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 އަށް މިހާރު ތާވަލު ކޮށްފައި އޮތް "ލާލް ސިންގް ޗައްޑާ" އޮތް ފޯކަސް ގެއްލިދާނެތީ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޅީ" މިހާރު ފެބްރުއަރީ 18 އަށް ތާވަލު ކޮށްފައިވާތީ އާމިރުގެ ފިލްމު ފެބްރުއަރީ 14 ގައި ރިލީޒް ނުކޮށްފާނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.
އަލަތު ކައިވެންޏަށް ލިބުނު ދެ ދަރިން ބޮޑެތިވެފައިވާ އާމިރާއި ކިރަން 2005 ގައި ކުރި ކައިވެންޏަށް ވެސް ދަރިޔަކު އެބަ ހުއްޓެވެ. އެއީ ސަރޮގޭޓް ކޮށްގެން ހޯދި އާޒާދު ރާއޯ ޚާން، 9، އެވެ. އެ ކައިވެނި ރޫޅާލުމުން އާމިރަށް ގިނަ ބަޔަކު ފާޑުކިޔައި، އިންޑިއާގެ އާބާދީ ކޮންޓްރޯލް ނުވަނީ އާމިރު ކަހަލަ މީހުންނާ ހެދި ކަމަށް ބުނެ ވާހަކަ ދައްކާފައިވެ އެވެ.
އާމިރާއި ރީނާ ދައްތާ 1986 ގައި ކުރި ކައިވެނި 2001 ގައި ރޫޅައިލި އިރު، ލިބުނު ދެ ކުދިންގެ ތެރެއިން ޖުނައިދު ޚާނަށް މިހާރު 28 އަހަރެވެ. އަދި އަންހެން ދަރިފުޅު އިރާ ޚާނަށް 24 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy