"އެކެއް... ދޭއް... ތިނެއް..." ސިނަމާލެ ބުރިޖުގެ ހިނގާލޭނުގައި ހުއްޓި ހުރެ އަހަރެން ފުން ނޭވާއެއް ލާފައި ދެ ލޯ ހުޅުވާލީމެވެ. އަދި ކުރިމަތީގައިވާ ކަނޑަށް ބަލާލީމެވެ. 

ޝާއިރަކު ނަމަ ބުނާނެއެވެ. ކަނޑުގެ ރާޅުތަކުން އެ ޖަހަމުންދާ މިއުޒީކީ އަޑު ހާދަ ހިތްގައިމެވެ. ވަށައިގެންވާ ކަނޑުގެ ތެތް ފިނި ހާދަ އަރާމެވެ. ބުރިޖުގައި ދިއްލާފައި ހުރި ބައްތިތަކުން ކަނޑަށް އެޅިފައިވާ އަލިތައް ކަނޑުގެ ލޮޅުންތަކާއެކު ނަށަމުންދާ މަންޒަރު ހާދަ ރީއްޗެވެ. މިއީ ޔަގީނުންވެސް ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ މަންޒަރެކެވެ.

ނަމަވެސް އަހަރެންގެ ހިތް ނުތަނަވަސްވެފައި ހުރި ވަރުން އަހަންނަށް ކުރެވުނީ ބިރުވެރި އިހުސާސެކެވެ. ކުރިމަތީގައިވާ ކަނޑު ފެނުނީ ފުން އަނދިރިގަނޑެއް ފަދައިންނެވެ. ކަނޑުގެ އެ ބިރުވެރި ކަޅުކަމުގެ ތެރެއިން ފެންނަ ހުދު ފޮނުގަނޑުތައް ހީވީ ސަލާމަތަށް އެދި ރޯ ހެންނެވެ. ބުރިޖުގެ ރެއިލިންގުގައި އަތްލައިގެން ހުންނައިރު، ކަނޑުގެ ނާމާން އަޑުތަކުން އަހަރެންގެ މުޅި ހަށިގަނޑަށް ބިރުވެރިކަމުގެ ރާޅުތަކެއް ފޮނުވަމުން ދިޔައެވެ. ހީވަނީ ކަނޑުގެ އެ ފުން އަނދިރިގަނޑު އަހަރެންގެ ފުރާނަ ދަމައިގަންނަން އުޅޭ ހެންނެވެ.

މީގެ އިރުކޮޅެއް ކުރިން އެ ނާމާން ދުނިޔެއަށް ފުންމާލަން އަހަރެންގެ ހިޔާލަށް އައީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. މީހަކު ކިތަންމެ ދެރަވެ މާޔޫސް ވިޔަސް ހިތްވަރު އެލުވާލާކަށް ނުވާނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް މިއަދު ހެނދުނު އަހަންނަށް ލިބުނު މެސެޖަކުން ހަގީގަތުގައި ވެސް ދުނިޔެ މަތިން ފޫހިވެއްޖެއެވެ. 

މެސެޖު ފޮނުވީ އަހަރެން ކުއްޔަށް އުޅޭ އެޕާރޓްމަންޓުގެ ވެރިމީހާ އެވެ. ކުރިން އެއްވެސް އަންގާލުމެއްނެތި ކުއްލިއަކަށް އެޕާރޓްމަންޓުގެ ކުލި ބޮޑު ކުރީއެވެ. އަންނަ މަހުން ފެށިގެން އިތުރަށް 1,000 ރުފިޔާ ދައްކަން ޖެހޭ ގޮތަށެވެ. 

ރަށުން މާލެއަށް ހިޖުރަކޮށްގެން ކުއްޔަށް ދިރިއުޅޭ މީހަކަށް މިއީ ބޮޑު އަދަދެކެވެ. ވަޒީފާއަށް ގޮސްގެން ލިބޭ މަހު މުސާރައިން ޒަރޫރީ ބޭނުންތައް ފުއްދާފައި، ކޮލެޖު ފީ ދެއްކުމަށްފަހު ރައްކާކުރާނެ އެއްޗެއް ނޯވެއެވެ. މިހާތަނަށް ރައްކާ ކުރެވިފައިވަނީވެސް ބައެއް ޒަރޫރީ ބޭނުންތައް މަޑުޖައްސާލައިގެނެވެ. ދުވާލު ތިން އިރު ކެއުމުގެ ބަދަލުގައި ދެ އިރަކު ނުވަތަ އެއް އިރަކު ކައިގެންނެވެ. މީހުންނަށް ނޭނގުނެއް ކަމަކު ކޮންމެހެން  ބޭނުންވާ އެއްޗެއް މެނުވީ ނުގަންނަމެވެ. ރައްޓެހިންނާއެކު ކޮފީތަކަށް އަރަނީ ވެސް ވަރަށް މަދުންނެވެ. 

އަހަރެންގެ އުމުރުފުރާގެ އެހެން މީހުން ހާދަ ނަސީބު ގަދައޭ ހިތަށް އަރައެވެ. އެ މީހުންގެ ތެރެއިން އެއް ބަޔަކީ ބޭނުން ގޮތަކަށް އުޅުމުގެ ތަނަވަސްކަން ލިބިފައިވާ ބައެކެވެ. އަނެއް ބައި މީހުން އެކި ލޯނު ނަގައިގެން ވިޔަސް ކުރަން ބޭނުންވާ ކަމެއް ކުރެއެވެ. އެ ލޯނު އަނބުރާ ނުދެއްކުނަސް ހެވެވެ. އެކަމަކު އެފަދަ ކަމެއް ކުރުމުގެ ހިތްވަރެއްވެސް އަދި އަހަރެންގެ ކިބައަކު ނެތެއެވެ. އެއަށްވުރެ އަހަރެން ފިނޑިއެވެ. ނުކެރެނީއެވެ. ލޯނު ނުދެއްކިއްޖެއްޔާ ބޮލުގައި އެޅޭނެ ދަރަނި ހިތަށް އަރާފައެވެ. 

މީގެ ތިން އަހަރު ކުރިން މަންމަ އާއި ބައްޕަ އަހަރެން މާލެއަށް ފޮނުވީ އަހަރެން ހަރުދަނާ ޒިންމާދާރު މީހަކަށް ހެދުމުގެ ފޮނި އުންމީދުގައެވެ. ރަށުން ގުރޭޑް ބާރަ ކިޔަވާ ނިންމާފައި އަހަރެންގެ އެއް އަތް ފަދަ އެންމެ ގާތް އެކުވެރިޔާ އަޔާން އާ އެކު ދެ މީހުން މާލެ އަށް ބަދަލުވީ އެކަކު އަނެކަކަށް ހިތްވަރުދެމުންނެވެ. ދެ މީހުން ބަދަލުވީ އެއް އެޕާރޓްމަންޓަކަށެވެ. ދެ މީހުން ވެގެން ގޭގެ ކުލި ހަމަހަމައަށް ބަހާލައިގެން ދައްކާ ގޮތަށް އެއްބަސްވެގެންނެވެ.

އަހަރެމެން ކިޔަވަން ފެށީ އެއް ކޮލެޖެއްގައެވެ. ނަމަވެސް ކޯސް ތަފާތެވެ. ވަރަށް މަސައްކަތުން އަހަރެއްގެ ތެރޭގައި އަހަންނަށް ސަރުކާރުގެ ވަޒީފާއެއް ހަމަޖެހުނެވެ. އެއާއެކު މަންމަމެން ގާތު ފައިސާ ނުފޮނުވާށޭ، އަހަންނަށް އަމިއްލައަށް އުޅެވޭނެއޭ ބުނީމެވެ. 

އޮފީހުން އަހަންނަށް ހަވާލުކޮށްފައިވަނީ އިދާރީ މަސައްކަތެވެ. އަޑުއަހާ މީހަކަށް މިއީ ވަރަށް އާދައިގެ ލުއި މަސައްކަތަކަށް ވެދާނެއެވެ. ނަމަވެސް ކޮންމެ މަސައްކަތަކީވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރަން އުޅުމުން ވަގުތު ނަގާނެ ކަމެކެވެ. އަހަންނަށް ލިބިފައިހުރި ތަރުބިއްޔަތެއްގެ ސަބަބުން ވަޒީފާއަށް ކަންނެތްވުމާއި މަކަރު ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަހަންނަށް ލިބޭ މުސާރަ ހަލާލު ވުމަކީ ކޮންމެހެން މަޖުބޫރު ކަމެކެވެ. 

އަހަރެން ވަޒީފާއާ މެދު ދެކޭ ގޮތާއި އެހެން ގިނަ މީހުން ވިސްނާ ގޮތާ ތަފާތުކަން ރޭކާލީ މާ ފަހުންނެވެ. އޮފީހަށް އަންނަ ގޮތަށް  ނާސްތާގެ ކަންކަމުގައި މަޝްއޫލުވުމާއި، ރަސްމީ ގަޑީގައި ގިނަ ވަގުތު އޮފީހުން ބޭރުގައި އުޅުމާއި، އޮފީހުގައި ހުންނަ ވަގުތު އަމިއްލަ އެހެން ކަންކަން ކުރުމަކީ ބައެއް މީހުންގެ އާދައެވެ. ފަހަރުގައި އެ މީހުންގެ އާއިލީ ޒިންމާތަކުގެ ސަބަބުން އެހެން ކަންތައްތަކަށް ވަގުތު ހުސްކުރަން ޖެހެނީ ކަމަށް ވެދާނެއެވެ.

އަހަރެންގެ ޑިޕާރޓްމަންޓުގައި އުޅޭ ބައެއް މީހުންނަށް އަހަރެން ފެންނަނީ އެ މީހުންގެ ޒިންމާތަކުން ބަރީއަވުމަށް ލިބޭ ފަސޭހަ ފުރުސަތެއްގެ ގޮތުގައެވެ. ބައެއް ފަހަރު އެ މީހުންގެ މަސްއޫލިއްޔަތުތައް އަހަންނާ ހަވާލުކޮށްފައި އޮފީހުން ނިކުމެގެން ދެއެވެ. އޮފީހަށް ސަލާން  ބުނި ކަމުގައިވިޔަސް، އެ މީހެއްގެ މަސައްކަތްތައް އޮޓޯއިން ހަވާލުކުރެވެނީ އަހަންނާއެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެންގެ މިޒާޖު ހުންނަ ގޮތުން މީހަކު ކަމަކަށް އެދިއްޖެނަމަ ނޫނެކޭ ނުބުނެވޭތީއެވެ. އޮފީހަށް އަންނަ ގޮތަށް ރަސްމީ ގަޑި ނިމެންދެން އަހަރެން އޮފީހުން ބޭރަކަށް ނުދަމެވެ. މެންދުރުގެ ކެއުންވެސް އޮފީހުގެ ކެންޓީނުން ފުއްދާލަނީ ވަގުތު ސަލާމަތް ކުރުމުގެ ބޭނުމުގައެވެ.

އޮފީހުގައި ބުރަކޮށް އުޅެފައި ދެން އަހަރެން ދަނީ ކޮލެޖަށެވެ. ބައެއް ދުވަސްދުވަހު ކުލާސްތައް ހަވީރު އޮންނައިރު، އަނެއްބައި ދުވަސްދުވަހު އޮންނަނީ ރޭގަނޑުއެވެ. ހަވީރާއި ރޭގަނޑު އެއްކޮށް ކުލާސްތައް އޮންނަ ދުވަސްދުވަސްވެސް މަދެއް ނޫނެވެ. ފިލާވަޅު ހަދައި ކިޔަވާ ހަދަނީ ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައެވެ. މި ދިރިއުޅުމުގެ ބުރަކަމާއި ވަރުބަލިކަން އިހުސާސްކުރެވޭނީ މިފަދަ ތަޖުރިބާއެއް ކޮށްފައިވާ މީހަކަށް އެކަންޏެވެ.

ނަމަވެސް އޭރު އަހަރެން ހުރީ ސާބިތުކަންމަތީއެވެ. ހިތްވަރު ހޯދީ ނަމާދުންނެވެ. މަންމަމެންގެ ނަސޭހަތުންނެވެ. 

އަހަންނާ އެކީ ދިރިއުޅެމުން ދިޔަ އަޔާންގެ ހަޔާތް މިއާ މުޅިން ތަފާތެވެ. އަމިއްލަ މަސައްކަތުން ވަޒީފާއެއް ހޯދުމުގެ ބަދަލުގައި އޭނާ ގިނަ ވަގުތު އުޅުނީ މާލޭގައި ދިރިއުޅޭ އޭނާގެ ބޮޑުބޭބެއެއްގެ ދަރިއަކާއެކުގައެވެ. ހާރޫން އަކީ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުނު ނުފޫޒުގަދަ މީހެކެވެ. އެހެންކަމުން އަޔާންގެ ޝައުގުވެރިކަންވެސް އެ ދާއިރާއަށް ދަމައިގަތެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ހާރޫންމެންގެ ސިޔާސީ ޕާޓީ ގެ މެމްބަރަކަށް ވިއެވެ. 

އެއާއެކު އަޔާންގެ ދުވަސްތައް ފެށިގެންދިޔައީ ސިޔާސީ އައްޑާތަކާއި މަޝްވަރާތަކުންނެވެ. އޭރު އޮތް ސަރުކާރާ ދެކޮޅަށް ބަސްއުފުލަމުންނެވެ. ސިޔާސީ ކަންކަމަކީވެސް ވަގުތު ނަގާ ބުރަ ކަމެއްކަން އަހަންނަށް އެނގުނީ އަޔާން ކުލާހަށް ހާޒިރު ނުވާ ދުވަސްތައް އިތުރުވާން ފެށުމުންނެވެ. އޭނާ ގޭގައި ހުންނަ ވަގުތުތައްވެސް ދުވަހެއް ދުވަހަކަށް މަދުވަމުން ދިޔައެވެ.

"މޯޑު ދެން ހަމަ އަހަރެންގެ ޕާޓީއަކަށް ސޮއެއް ނުކުރާނަންތަ؟" މާލެއަށް ބަދަލުވިތާ ދެ އަހަރު ފަހުން އެއްރޭ އަޔާން އަހަންނާ ސުވާލުކުރިއެވެ. އޭރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އަޔާންގެ ޕާޓީއިން ކުރަމުންދިޔަ ފޯރިގަދަ މަސައްކަތްތަކުގައި، އޭނާ ފާހަގަވެގެން ދިޔައީ އެ ޕާޓީގެ އުންމީދީ އައު ޒުވާން މޫނެއްގެ ގޮތުގައެވެ. "ހިނގާބަލަ މިކަމާ އުޅެން. އޭރުން އަހަރެމެންގެ ސަރުކާރު އައީމަ ދެން ވަރަށް ފަސޭހައިން ރަގަނޅު ވަޒީފާއެއް ވެސް ހަމަޖެހޭނެއޭ."

އަހަރެމެން ދެ މީހުން އެވަގުތު ދިޔައީ އަޔާން ދާދި ފަހުން ގަތް ސައިކަލަށް އަރާށެވެ. ހުޅުމާލޭގައި އޮތް ރަށު މީހެއްގެ ކައިވެނި ޕާޓީއަށް ދިއުމަށެވެ. 

"އަހަރެން އަދި ސިޔާސީ ކަންކަމާ އެވަރަކަށް ނުވިސްނަން. އިހަށް ބޭނުމީ ކިޔަވައިގެން ރަގަނޅު ނަތީޖާއެއް ހޯދަން." ޖަވާބުގައި އަހަރެން ބުނީމެވެ. 

އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ފިހާރައިން ނިކުތް އަވަށްޓެރިއެކެވެ. އެ އަންހެން ކުއްޖާ އަހަންނަށް ވަރަށް ރީއްޗެވެ. ބަހާރު މޫސުމުގައި ފޮޅޭ ފިނިފެންމަލަކާ އެއްފަދައެވެ. އޭނާގެ ލަދުރަކި ހިނިތުންވުން ވެސް އެހާމެ ޗާލެވެ. އޭނާއަށް އަހަރެން ވަރަށް ހިތްކިޔައެވެ. އެހެންކަމުން ދެ ތިން ދުވަހަކު މަގުމަތިން އޭނާ އާ ވާހަކަ ދައްކާލީމެވެ. 

"ރީތި މަންޖެއެއް، ދޯ؟" އަޔާން އަހަރެންގެ ގައިގައި ކޮށްޓާލާފައި ދިމާކޮށްލިއެވެ. "އަހަރެން ހިޔެއް ނުކުރަން މޯޑުއަށް އޭނަ ފެނިފައި ތިވަރު ވާނެކަމަކަށް."

އަހަރެން އަވަސްއަވަހަށް ނޫނެކޭ ކިޔައި ހިނިގަނޑެއް ޖަހާލީމެވެ. މި އަޑަށް އެ އަންހެން ކުއްޖާ އަހަރެމެންނާ ދިމާއަށް ބަލާލިއެވެ. އެވަގުތު އަހަންނާއި އެ ކުއްޖާއާ ހަތަރުކަޅި ހަމަވިއެވެ. އަހަރެމެންގެ ދެމެދު ބަޔާން ކުރަން ނޭނގޭފަދަ ޖަޒުބާތީ ގުޅުމެއް އުފެދިއްޖެކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. 

އޭނާ ދެން ބަލާލީ އަޔާންއަށެވެ. އެއަށްފަހު އަޔާންއަށް ހިނިތުންވެލާފައި އޭނާ ގެއާ ދިމާއަށް ހިނގައިގަތެވެ.

ދިވެހި ލަވައެއްގައި ކިޔައެވެ. "އެންމެ ކައިރީގައި ހީފާ އުޅޭ ރައްޓެހިން، ވާނޭ ފަހުން ބޭވަފާ."

އަޔާން އަހަންނަށް ދެރައެއް ދީފާނެކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމެވެ. އަމުދުން އެ އަންހެން ކުއްޖާއަށް އަހަރެން ހިތްކިޔާކަން އެނގި ހުރެ، އަޔާން އޭނާއާ ލޯބީގެ ގޮތުން ގުޅޭނެކަމަކަށް ހުވަފެނަކުންވެސް ނުދެކެމެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. އަޔާންވެސް މަލްހާއަށް ހިތްކިޔައި، އޭނާއަށް ލޯބި ހުށަހެޅީއެވެ. އަޔާން އަހަންނަށްވުރެ މާ ހުޝިޔާރެވެ. ބޭނުންވާ ކަންކަމާ ކުރިމަތިލައެވެ. އެހެންކަމުން އަހަންނަށް ޖެހުނީ ހިތަށް ތަދުނުވާކަމަށް ހެދިގެން ހުންނާށެވެ.

ޖެހިގެން އައި ރިޔާސީ އިންތިޚާބު ނިމިގެން ދިޔައީ އަޔާންމެންގެ ޕާޓީއިން ކުރިމަތިލި ކެންޑިޑޭޓްގެ ތަފާތު  ބޮޑު ކާމިޔާބީއާއެކުއެވެ. އެއާއެކު އަޔާންގެ ދުނިޔެ ރަން ވި ކަހަލައެވެ. ކުރިން މަގުމަތީގައާއި އައްޑާތަކުގައި ހޭދަކުރި ވަގުތުތަކުގެ ފޮނި ނަތީޖެއްގެ ގޮތުން އޭނާއަށް އައު ސަރުކާރުގެ ސިޔާސީ މަގާމެއް ލިބުނެވެ. އޭރު އޭނާގެ އަތުގައި ޑިގްރީއެއް ނެތުމުން ލިބުނީ މާ މަތީ މަގާމެއް ނޫނެވެ. ނަމަވެސް ޑިގްރީ ނިމުމާއެކު، މިހާރު ހުރި މަގާމަށްވުރެ މަތީ މަގާމަކަށް ބަދަލުވުމުގެ ހުރިހާ ކަމެއް އޮތީ ކުރިއާލައި ހަމަޖެހިފައެވެ.

އަހަރެން އޮފީހުގެ މޭޒުދޮށުގައި ބުރަކޮށް އުޅެމުންދިޔައިރު، އަޔާން އުޅެމުންދިޔައީ އެއާ މުޅިން ތަފާތު ދިރިއުޅުމެކެވެ. އޭނާއަށް ލިބޭ މުސާރަވެސް މާ ބޮޑެވެ. ކުރިން އަހަރެމެން އެކުގައި ހޭދަކުރި އާދައިގެ ވަގުތުތައް މާޒީއާ އެކުވެ، އޭނާގެ ވަގުތުތައް ހުސްވާން ފެށީ ދައުލަތާއި ޕާޓީގެ ހަރަކާތްތަކަށެވެ. އަދި މަލްހާއަށެވެ.

ކުއްލިއަކަށް އަހަރެން ސިއްސައިގެންދިޔައީ ކަނދުރާއަށް އެރި ތަދެއްގެ ސަބަބުންނެވެ. ކަރު އެލުވާލައިގެން ހުރެ ކަނޑަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއްކަމެއްވެސް ނޭނގެއެވެ. މި ފަހަކަށް އައިސް އަހަރެންގެ ކަނދުރާއަށް ކުއްލިކުއްލިއަށް ތަދުއަރައެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަން ދާނެ ފައިސާއެއް، ނުވިތާކަށް ވަގުތެއްވެސް އަހަރެންގެ ނެތެވެ. 

އެވަގުތު އަހަންނަށް ފެނުނީ ތަންކޮޅެއް ދުރުން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރި މެދުއުމުރުފުރައިގެ ފިރިހެނެކެވެ. ފަހަރުގައި އޭނާ ހުރީ ސީދާ އަހަންނާ ދިމާއަށް ބަލާކަށް ނޫނެވެ. އަހަރެން ނޫނަސް މި ބުރިޖު މަތީގައި ހިނގަން ނުވަތަ ދުވަން މީހުން އައިސް އެބަ އުޅެއެވެ. އެހެންވީމާ މި މީހާ އަކީ އެއިން މީހަކަށް ވެދާނެއެވެ.

ކަނދުރާގައި ފިރުމާލަމުން އަހަރެން ފޯނު ނަގާ ގަޑި ބަލާލީމެވެ. އޭރު ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. ނަމަވެސް ބުރިޖު މަތީގައި ދުއްވާ އެއްޗެހީގެ ހަލަބޮލިކަމަކަށް ބަދަލެއް ނާދެއެވެ. ދޭތެރެއަކުން ބޫންބޫން ލާފައި ސައިކަލުތައް ބާރުބާރަށް ދާ އަޑުވެސް އިވެއެވެ. 

އަހަރެންގެ ސިކުނޑި އަނެއްކާވެސް މާޒީއަށް ނަޒަރު ހިންގާލިއެވެ.

އެއީ މީގެ ހަ މަސް ކުރިއެވެ. އަޔާން ބޭނުންވީ އަހަރެމެން ދިރިއުޅޭ އެޕާރޓްމަންޓުން ނިކުންނާށެވެ. ހާރޫން އޭނާއަށް މާ އަގުހެޔޮކޮށް ހުޅުމާލެއިން ރީތި އެޕާރޓްމަންޓެއް ދެނީއެވެ. އެއީ މިހާރު މި އުޅޭ ތަނަށްވުރެ ޖާގަ ބޮޑު އަދި މާ ޒަމާނީ ތަނެކެވެ. 

އަޔާން ބޭނުންވީ އަހަރެންވެސް އޭނާއާ އެކު އެ ތަނަށް ބަދަލުވާށެވެ. ނަމަވެސް އަހަރެންގެ އަތުގައި ސައިކަލެއްހާ ހިސާބުވެސް ނެތުމާއެކު، އޮފީހަށާއި ކޮލެޖަށް ދަތުރުފަތުރު ކުރަން އުނދަގޫވާނެތީ އަހަރެން ގަސްދުކުރީ އެތަނަށް ބަދަލުނުވާށެވެ.

އަޔާން ދިއުމުން އެޕާރޓްމަންޓުގެ މުޅި ކުލި ދައްކަންޖެހެނީ އަހަންނެވެ. އަންނަ މަހުން ފެށިގެން 1000 ރުފިޔާ އިތުރަށް ދައްކަން ޖެހޭތީ އަހަރެންގެ ހިތް މަރުވީ އެހެންވެއެވެ. 

އަޔާން ދިއުމުން އަހަރެން ނަފްސާނީ ގޮތުން ވަރަށް އެކަނިވެރިވެސް ވިއެވެ. އަހަރެމެން އެންމެ ފަހުން ދިމާވީ މީގެ ދެ ހަފްތާ ކުރިންނެވެ. އެ ދުވަހު އޭނާ ބުނި އެއް ވާހަކަ އަހަރެންގެ ސިކުނޑީގައި އަދިވެސް ގުގުމަމުން ދިޔައެވެ. އެއީ އަންނަ އަހަރު އޭނާ މަލްހާއާ ކައިވެނިކުރަން ނިންމާފައިވާ ވާހަކައެވެ.

އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ފޫދިގެން ދިޔަކަން އިހުސާސްވީ ދުލުކުރީގައި ކަރުނައިގެ ރަހަ ލުމުންނެވެ. އެއާއެކު، ކުރިންވެސް ފާހަގަވި ފިރިހެން މީހާ އަހަރެންގެ ކައިރީގައި ހުއްޓާ ފެނުނެވެ. އޭނާ ފެނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ކަރުނަ ފުހެލާފާއި  މޫނުމަތި އަމާންކޮށްލީމެވެ. މިއީ ކާކު ހެއްޔެވެ؟

"ކޮއްކޯ، ފޯނު ދީފާނަންތަ؟" އެ މީހާގެ ރާގު ހުރި ގޮތުން އެއީ ބިދޭސީއެއްކަން އަހަންނަށް ދެނެގަނެވުނެވެ. "އަހަރެންގެ ފޯނު އޮތީ ގޭގައި. އެކަމަކު ވަރަށް އަވަހަށް ބަންގްލަދޭޝްގައި ހުރި އަހަރެންގެ އާއިލާއަށް ގުޅަން ޖެހިއްޖެ. ކޮއްކޮ ހާސްނުވޭ، ފޯނަށް އަރާ އިތުރު ޗާރޖަށް އަހަރެން ކޮއްކޮއަށް ރުފިޔާ ދޭނަން."

އެ މީހާގެ މޫނަށް ބަލާލާފައި އޭނާއަކީ އަހަންނަށް ހުރި ނުރައްކަލެއް ހެނެއް ހިޔެއްނުވިއެވެ. އެހެންކަމުން އަހަރެންގެ ފޯނު ހުޅުވާފައި އޭނާގެ އަތަށް ދިނީމެވެ. އެންމެ ގޯސް ހާލަތުގައިވެސް އޭނާ އަހަރެންގެ ފޯނު ޖަހައިގަނެގެން ފިލާނީތާއެވެ. ރިހޭފައިމައްޗަށް ފޮއި ވެއްޓުމަކީ އަހަރެންގެ ހަޔާތަށް އައު ކަމެއްނޫނެވެ. 

އެ މީހާ ޝުކުރުވެރި ނަޒަރަކުން އަހަންނަށް ބަލާލާފައި ކުޑަ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަދި އޭނާގެ އާއިލާއަށް ގުޅިއެވެ. އޭނާ ދެއްކި ވާހަކަތައް އަހަންނަށް ވަރަށް ސާފުކޮށް އަޑުއިވުނެވެ. އަހަރެން ހައިރާންވީ އޭނާ ދިވެހިބަހުން ވާހަކަ ދައްކަން ފެށުމުންނެވެ. ފަހަރުގައި އޭނާގެ އަނބިމީހާއަކީ ދިވެއްސަކަށް ވެދާނެއެވެ. 

އޭނާގެ އަނބިމީހާއާ ވާހަކަ ދައްކަމުން އެންމެ ފުރަތަމަވެސް ބުނީ، ފޯނު ގޭގައި ބާއްވާފައި އާދެވުމުން، ވަރަށް ހިތްހެޔޮ ދިވެއްސެއްގެ އެހީގައި މި ކޯލު ކުރެވުނީ ކަމަށެވެ. އޭނާގެ ދަރިފުޅާ ވާހަކަ ދެއްކީވެސް އިންތިހާ ލޯތްބާއެކުގައެވެ. އަދި އުފަންދުވަހުގެ ތަހުނިޔާ އަދާކޮށްފައި، ވަރަށް ބޮޑު ހަދިޔާއެއް ފޮނުވާނެ ވާހަކަ ބުންނެވެ. 

ކޮންމެއަކަށް އަހަރެން ހީކުރި ވަރަށް ވުރެ އެ މީހާގެ ފޯނުކޯލު ދިގެވެ. އޭނާގެ ވާހަކައިން އެނގުނު ގޮތުގައި އޭނާގެ ދަރިފުޅަކީ ލޮލަށް ނުފެންނަ ކުއްޖެކެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް އޭނާ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ.

އެ ފޯނުކޯލު ނިންމާލުމަށްފަހު އޭނާ ވަރަށް ޝުކުރުވެރިކަމާއެކު އަހަންނަށް ފޯނު އަނބުރާ ދިނެވެ. އަދި ފޯނުކޯލުގެ ހަރަދެއްގެ ގޮތުގައި އެއްހާސް ރުފިޔާގެ ނޫޓެއް، އަހަރެން ލައިގެން ހުރި ޓީޝާޓުގެ ކުރިމަތީ ޖީބަށް ކޮއްޕާލިއެވެ.

"ކޮއްކޮއަށް މާތްﷲ ކެތްތެރިކަން ދެއްވާ ރަޙުމަތްލައްވާންދޭވެ!" މިހެން ބުނުމަށްފަހު އޭނާ އަވަސްއަވަހަށް އަހަންނާ ދުރަށް ހިނގައިގަތެވެ.

އަހަރެން ހުރީ އާޝޯޚްވެފައެވެ. މިވީ ކިހިނެއްހޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ދިމާވި މީހެއް ކަންތައްތައް ކުރި ގޮތުން ބުނާނެ އެއްޗެއް ނޭނގުނެވެ. އަހަރެންގެ ހިތަށް އަރާ ފޭބި ޝުއޫރުތައް ގިނަގުނައެވެ.

އެ ބިދޭސީ މީހާވެސް އާއިލާއާ ވަކިން ދިރިއުޅެން ޖެހިފައިވުމުން ހާދަ ހިތަށް އަސަރެއް ކުރާނެއެވެ. ކޮންމެ އިންސާނެއްގެ ދިރިއުޅުމަކީވެސް ތަފާތު އިމްތިހާނުތަކާއި ހިތްދަތިކަން އެކުލެވިގެންވާ ދަތުރެއްކަން އެވަގުތު ވިސްނުނެވެ. ނަމަވެސް އެ ހުރިހާ ކަމަކާއެކުވެސް އެ މީހާ ފެނުނީ ހިތްހެޔޮ އޯގާތެރި މީހެއްގެ ގޮތުގައެވެ. އޭނާގެ ދަރިފުޅުގެ ހާލަތާމެދު ވިސްނާލުމުން، އަހަރެންގެ އަމިއްލަ މައްސަލަތަކަކީ ދިރިއުޅުމުން އުންމީދު ކަނޑާލަންޖެހޭ ފަދަ ބޮޑު ކަންކަމެއް ނޫންކަން ވިސްނުނެވެ. އަހަރެންގެ ހާލަތު އެންމެ ފަހަރަކުވެސް މައިންބަފައިންނާ ހިއްސާކޮށްފިނަމަ ޔަގީނުން އެ މީހުން އެހީވާނެއެވެ. އެހެންކަމުން އަދި އަހަރެން ގޮތް ހުސްވެ މާޔޫސް ވާކަށް ނުޖެހެއެވެ. 

ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑުން މުޅި ސަރަހައްދު ގުގުމާލިއެވެ. ބާރަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގީއެވެ. ކައިރީގައި ހުރި އުޅަނދުތަކުގައި ތިބި ބައެއް މީހުން ހަޅޭއްލަވަން ފެށިއެވެ. އަނެއް ބަޔަކު ފޯނު ނަގައި ވީޑިއޯ ކުރަންފެށިއެވެ. ދެ ތިން މީހަކު ދުއްވައިގަތީ އެކްސިޑެންޓުވި ސައިކަލުގައި ތިބި ދެ މީހުން ވިއްސައިގެންދިޔަ ދިމާއަށެވެ. 

އަހަރެން ފޯނު ނަގާފައި އެމްބިއުލަންސަށް ގުޅަން އަވަސްވެގަތީމެވެ. އެވަގުތު ފޯނުގެ ކޯލް ލޮގް ފެނިފައި، ބަންގްލަދޭޝްގެ ނަންބަރަކަށް ގުޅާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން އަހަރެން ހައިރާންވިއެވެ. އެއާއެކު ތަންކޮޅެއް ދުރުގައި ހުރި އެ ބިދޭސީ މީހާއަށް އަހަރެން ބަލާލީމެވެ.

އަހަރެން ބަލަބަލާ ހުއްޓާ އޭނާ ލައިގެން ހުރި ޓްރެކްސޫޓުގެ ޖީބުން ފޯނެއް ނަގާފައި އެމްބިއުލަންސަށް ގުޅިއެވެ. އޭނާ އެއްލި ކަޅިއަކުން އަހަންނާ ހަތަރުކަޅި ހަމަވިއެވެ. އެއާއެކު، އޭނާ މަޑުމަޑުން ހިނގާފައި އަހަންނާ ދިމާއަށް އައެވެ.

އަތުގައި ފޯނު ނެތްކަމަށް ހެދިގެން އާއިލާ އަށް ގުޅަން ބޭނުމޭ ބުނެ ދޮގު ހެދީ އަހަންނާ ވާހަކަ ދެއްކުމަށް ކަމަށް އޭނާ ބުންޏެވެ. ބޭނުމަކީ އަހަރެންގެ މޫނުމަތިން ފެނުނު މާޔޫސްކަމުގެ ސަބަބުން އަހަންނަށް ހިތްވަރު ލައިދިނުމެވެ. އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ މާލެއަށް އައިސް އުޅެން ޖެހުނު ދަތި ހާލުގެ ސަބަބުން އޭނާވެސް އަހަރެން ފަދައިން ދަންވަރެއްގައި ކަނޑަށް ބަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް މިހާރު އޭނާއަށް ވިސްނެއެވެ. ކޮންމެ ދަތިކަމަކަށްފަހު ފަސޭހަކަމެއް ވާނެއެވެ. ރޭގަނޑުގެ އަނދިރިކަމަށްފަހު ފަތިހުގެ އަލިކަން ފާޅުވާ ފަދައިންނެވެ. ބޯކޮށް ވެހޭ ވާރެއަށްފަހު އިރުގެ ރަންދޯދިތަކުން ދުނިޔެ އަލިކޮށްލާ ފަދައިންނެވެ. 

"އޭނަ ނޭވާއެއް ނުލާ! އޭނަ މަރުވެއްޖެ!" ބުރިޖު މަތިން މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ސައިކަލުގެ ފަހަތު ސީޓުގައި އިން މީހާގެ ފުރާނަ މި ދުނިޔެއާ އަލްވަދާއު ކިޔައިފިކަމުގައި މީހުން ކިޔަންފެށިއެވެ. 

އެ ހަބަރާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. އެ ނިޔާވި މީހާ މިރޭ ދަތުރު ފެށި އިރު އޭނާގެ ދިރިއުޅުމުގެ ނިމުން މިފަދަ ގޮތަކަށް އަތުވެދާނެ ކަމަށް ހީކޮށްފާނެބާއެވެ. އިންސާނާގެ ކޮންމެ ވަގުތަކީވެސް އޭނާގެ އެންމެ ފަހު ވަގުތަށް ވެދާނެކަން އަހަންނަށް ފުރިހަމައަށް އިހުސާސް ކުރެވުނީ އެ ހިނދުއެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން ދިރިއުޅުމުގެ ބުރަކަމާއި މާޔޫސްކަމުގެ ސަބަބުން އުންމީދު ކަނޑާލައިގެން ހުރި އަހަންނަށް، މަރުގެ ހަގީގަތް ކުރިމަތިން ފެނުމުން ދުނިޔޭގެ ހަގީގީ ސޫރަ ސިފަވާން ފެށިއެވެ. އާނއެކެވެ. ކޮންމެ ނޭވާއަކީ ނިއުމަތެކެވެ. ކޮންމެ ސިކުންތަކީ އަގުހުރި ހަދިޔާއެކެވެ. ޔަގީނުންވެސް މިރޭ އަހަންނަށް މި ލިބުނީ ދިރިއުޅުމާމެދު އައު ގޮތަކަށް ވިސްނައި، ހިތްވަރާއެކު ކުރިއަށް ދިއުމަށް ލިބުނު ދެވަނަ ފުރުސަތެކެވެ.

ތުރުތުރުއަޅާ ހާލު އަހަރެންގެ ކައިރީ ހުރި ބިދޭސީ މީހާއަށް ބަލާލީމެވެ. އޭނާގެ މޫނުމަތިންވެސް ފެންނަން ހުރީ އިންތިހާ އަސަރެވެ. ދެ މީހުންނަށް އެކުއެކީ ކިޔާލެވުނެވެ. "إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ."

(ނިމުނޭ)

ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.