"އާދަނުސޮރުގެ ހަސަންކޮޔާ އަހަރެން ހަމަ އިންނަންވީ ހެއްޔެވެ؟ އެސޮރަކީ މިރަށުގެ ހަމަ އާދައިގެ މަސްވެރިއެއްގެ ދަރިއެކެވެ. އެކަމަކު އަހަރެންނަކީ މިއަތޮޅުގެ ކުރީގެއަތޮޅުވެރިޔާގެ ދޮށީފިރިހެންދަރީގެ ހުވަފަތްއަނބިމީހާއެވެ. އެހެންކަމުން، އަހަރެންނާއި އެސޮރާ ކުފޫހަމަވެގެންވަނީ ކޮންގޮތަކުން ހެއްޔެވެ؟ މިރަށުގެ މީހުން ހަމަކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެއެވެ. އަހަރެންގެ އަބުރާ ގަދަރަށް އެއްވެސްވަރަކަށް ބެލުމެއްވެސް ނެތިއެވެ.
ބަލަ! އަހަރެންނަކީ މިއަތޮޅުގެ އަތޮޅުވެރިއެއްގެ ޅީދަރިއެކެވެ. އާދައިގެ އެބައުޅޭ މިބޮއުޅޭ މީހެއް ނޫނެވެ.
އަހަރެން މީހަކާ ނުއިނދެ މި އިންނަނީ، އަހަރެންނަށް ކަމުދާ އަހަރެންނާއި ކުފޫހަމަވާ މީހަކާ އަދި ދިމާ ނުވެގެންނެވެ. ތާކު ހަމަހުންނަހާ މީހަކާ އަހަރެން އިންނާނޭހެއްޔެވެ؟ އެމީހުން އެހީކުރަނީ ކީކޭހެއްޔެވެ؟ އަހަރެން ނަށް، މިރަށުން އަހަރެން ބޭނުން މީހަކު ލިބޭނެއެވެ."
އަސްފާ މިވާހަކަތައް ދެއްކީ، ދެންމެއަކު އޭނާއާ ދިމާވި އޭނާގެ ރައްޓެހި ޝަކީލާ ބުނި އެއްޗެއްގެ ސަބަބުންނެވެ. ހަގީގަތުގައި ޝަކީލާ އަސްފާގެ ގާތު އެބުނީ، ޝަކީލާ އަޑުއެހި ވާހަކައިގެ ކުޑަ ތަންކޮޅެކެވެ. އަސްފާ ދެރަވެދާނޭތީ، އޭނާ އަޑުއެހިގޮތަށް އެވާހަކަތައް އޭނާ އަސްފާގެ ގާތު ނުބުނީ އެވެ.
ޝަކީލާ ބުނީ ހަމައެކަނި، "މިރަށުގައި ، އަސްފާ އާއި އާދަނުސޮރުގެ ހަސަންކޮޔާ އަޅުވާކިޔައިގެން މީހުން އެބަ ވާހަކަދައްކައޭ!" މިހެންނެވެ. އެކަމަކު ހަގީގަތުގައި އެވާހަކައެއް ދެކެވުނީ، މަގު ކުނިކަހަންގޮސް ތިބި އަންހެން ބަޔަކު ތެރޭގަ އެވެ. އެމީހުން އެވާހަކައެއް ދެއްކީ ، އަސްފާ އަކީވެސް އެއަވަށު މީހުންގެ ތެރޭގައި، މަގު ކުނިކަހަން ނިކުންނަން ޖެހޭ މީހުންގެ ތެރޭގައި ހިމެނިފައި ވާ މީހަކަށް ވާއިރުވެސް، އޭނާ އަކީ މާ މަތީ އިއްޒަތްތެރިއަކަށް ދެކިގެން، އެކަހަލަ އެއްވެސް ކަމަކަށް ، އޭނާ ނުނިކުންނާތީ އެހެންވެޔެވެ. އަދި އޭނާ ހުސްހަށިބަޔަށް އެހާ ގިނަދުވަހު އެހެން އިންނާތީވެސް މެއެވެ. އަސްފާގެ ފިރިމީހާ، މުޙަންމަދު މަނިކު ނިޔާވިތާ މިހާރު ދެއަހަރަށްވުރެވެސް ގިނަދުވަސް ވެއްޖެއެވެ. އަސްފާގެ ވަރަށް ޒުވާން އުމުރުގައި ، އުމުރުން އެންމެ ބާވީސް އަހަރުގައި، ހުވަފަތްވީގޮތަށް އޭނާ އެއިންނަނީ، މީހަކާ ނުއިނދެއެވެ. ވަރަށްގިނަ މީހުން އޭނާއާއި އިނުމަށް ހުށަހަޅައިފިއެވެ. އެކަމަކު އެއެންމެންނަކީވެސް އޭނާއާއި ކުފޫހަމަވާ ބަޔަކު ނޫންކަމަށް ބުނެ، ކައިވެންޏަށް އިންކާރުކުރީއެވެ.
އަސްފާ އަކީ މިރަށުގެ ވަޑިއެއްގެ ދަރިއެކެވެ. ރީތި ބުރުސޫރައެއް ގުދުރަތުން ދެއްވާފައި ވުން ފިޔަވައި އޭނާގެ ވަކި ޚާއްސަކަމެއް ނެތެވެ. އޭނާ ފަޚުރުވެރިވާކަށް، އޭނާގެ އަމިއްލަ މަސައްކަތުން ހާސިލުކުރި އެއްވެސްކަމެއް ނެތެވެ. މާ މައްޗަކަށް ކިޔެވިފައެއް ނުވެއެވެ. ސަރުކާރުގެ، ނުވަތަ އަމިއްލަ ފަރާތެއްގެ މަތީ މަގާމެއް ފުރާފައެއް ނުވެއެވެ. ރަށުގައި ، އޭނާއާއިއެކު ކިޔެވިކުދީން، ޓީޗަރު ކަމާ، ނަރުސްކަން ފަދަ މަގާމުތަކުގައި އެބަ ތިއްބެވެ. ނަމަވެސް އަސްފާ އަކީ އެފަދަ ފެންވަރެއްވެސްހުރި މީހެއް ނޫނެވެ. އޭނާގެ ހިތުގައިވާ ބޮޑާ ކަމާ ކިބުރުވެރިކަމަކީ، އޭނާ މިއަތޮޅުގެ އަތޮޅުވެރިއެއްގެ ދަރިޔަކާއި އިނދެވުމުން ލިބުނު ބޮޑާކަމެކެވެ.
ޝަކީލާ ދެއްކި ވާހަކައިގެ ރުޅިގަނޑުގައިހުރެ، އަސްފާ އޭނާގެ ގެއަށް ދިޔައެވެ. އަސްފާ އަދިވެސް އުޅެނީ އަތޮޅުވެރީންގެ ގޭގައެވެ. އެހެންކަމުން އޭނާ ކޮންމެދުވަހަކު އޭނާގެ އަމިއްލަ ގެއަށް ގޮހެއް ނޫޅެއެވެ. މަޑުމަޑުން އެއްޗެހިތަކެއް ކިޔަމުން ގެއަށް ވަންއިރު ، އޭނާގެ މަންމަ، ރުގިއްޔާ އެއްޗެއް ފަހަން ފަހާފޮށި ކައިރީ އިނެވެ. ވަދެގެން ބާރުބާރަށް އޭނާގެ މަންމަކައިރިން ދިޔައިރު މަންމައަށް ގޮވާ ވެސް ނުލައެވެ. އެހެންކަމުން އަސްފާ އެހުރީ ކޮންމެވެސް ކަމަކާ ރުޅިއައިސްފާ ކަން އޭނާގެ މަންމައަށް އެނގުނެވެ. އެކަން އެނގުމުން، ރުގިއްޔާ އަސްފާއަށް ގޮވާލިއެވެ.
"ދަރިފުޅާ! ކިހިނެއްވެގެން މަންމައަށް ގޮވާވެސްނުލާ ތިޔަ ދިޔައީ؟" ރުގިއްޔާ، އޯގާތެރިކަމާއެކު ގޮވާލިއެވެ.
"މީހަކަށް އެއްޗެއް ބުނެވޭވަރުވޭތަ މިހާރު؟ މިރަށުމީހުންގެ ކަންތައް ބޮޑުކަމުން! ހީވަނީ މަށާ ޖައްސާލައިގެން އުޅޭ ބައެއްހެން!" އަސްފާގެ ރުޅިގަނޑުގެ ސަބަބު ބުންޏެވެ.
"ތިޔަ ކިޔާ އެއްޗެއް ނޭނގެ މަންމައަކަށް! މިތާ ކައިރިއަށް އައިސް ވާހަކަ ދައްކަބަލަ! " އޭނާގެ މަންމަ ބުންޏެވެ.
ދެން އޭނާގެ މަންމަ ކައިރިއަށް އައިސް އިށީނދެފައި، ޝަކީލާ އޭނާގެ ގާތު ދެއްކި ވާހަކަތައް މަންމައަށް ކިޔައިދިނެވެ.
"އެމީހުން ވެސް އެދައްކަނީ ހަމަ ހެޔޮ ވާހަކައެއްނު! ދަރިފުޅު ތިޔަހެން މީހަކާ ނުއިނދެ އިންނާތީ އެމީހުންވެސް ކަންބޮޑުވަނީއެއްނު! އޭގައި ގޯހަކީ ކޮބައި؟" އޭނާގެ ވާހަކަ އަޑުއަހާފައި މަންމަ ބުންޏެވެ.
"ސާބަސް މަންމައަށްވެސް! މަންމަވެސް ތިޔަ ވަކާލާތުކުރަނީ އެމީހުންގެ ކޮޅަށްދޯ؟ އަހަރެން ހަމަ ހައިރާން ވެއްޖެ! މަންމަ ތިޔަހެން ވާހަކަދައްކާތީ!" އަސްފާ ރުޅިއަރައިގަނެގެން ބުންޏެވެ.
ދަރިފުޅާ! މަންމަ މިވާހަކަދައްކަނީ، އެމީހުންގެ ދިފާޢުގައެއް ނޫނޭ! މަންމަ މިދައްކަން އުޅޭ ވާހަކަ ރަނގަޅަށް ހަމަޖެހިގެންއިނދެ ވިސްނުންތެރި ކަމާއެކު އަޑުއަހާ ބަލަ! އޭރުން އެނގޭނެ މަންމަ މި ބުނަންއުޅޭ އެއްޗެއް! "
ރުގިއްޔާ ބުނިއެއްޗަށް ވަކިޖަވާބެއް ނުދީ އަސްފާ މަޑުން އިންނާތީ، ރުގިއްޔާގެ ވާހަކަ އޭނާ އަޑުއަހާފާނެކަމުގެ އުންމީދުގައި އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ދަރިފުޅާ! ރުޅިނައިސް ، މަންމަ މިދައްކާ ވާހަކަތައް ރަނގަޅަށް އަޑުއަހާބަލަ! ދަރިފުޅު ނިކަން ވިސްނާ! މުޙަންމަދު މަނިކު ނިޔާވިތާ މިހާރު ދެއަހަރަށް ވުރެ އިތުރުވީއެވެ. ދޮންފާތުމަމެން ވެސް ބޭނުން ވަނީ ދަރިފުޅު މިހާރުދެން އެހެން މީހަކާ އިންނާށެވެ. އެއީ ދޮންފާތުމަ މިހާރު ބޭނުންވަނީ، ޝާތިރާ ކައިރިއަށް މާލެއަށް ބަދަލުވާށެވެ. އެއީ ދޮންފާތުމަ ވެސް މިހާރު ވަރަށް ބަލިކޮށްއެއުޅެނީ އެކަން އެންމެބޮޑަށް އެނގޭނީ ހަމަ ދަރިފުޅަށް . ދަރިފުޅުގެ މައިދައިތަ އެއީ! ދޮންފާތުމަ މާލެ ބަދަލުވީމާ، ދެން އެގެ ހުންނާނީ މުޅީން ހަމަ ހުހަށް! އާދިލު އެއުޅެނީ ބޭރު ގައުމެއްގައި! ވީމާ ދަރިފުޅު އެކަނި އެހާބޮޑު ގެއެއްގައި އުޅޭނީ ކިހިނެތް ؟
ކުރީދުވަހު އަހަރެން ތިޔަގެއަށް ދިޔައިމާ، ދޮންފާތުމަ ދެއްކި އެވާހަކަ! ބުނި، ޝާތިރާ އަންގައިފިޔޭ މަންމަ ދެން މާލެ ބަދަލުވާންވީ ނޫންހޭ؟ އޭރުން ނޫންހޭ ތިމަންނައަށް މަންމަ ބެލޭނީ!
އަދިދެން، ދޮންފާތުމަގެ ވާހަކައިން އެނގުނު، ދަރިފުޅު އެހެންމީހަކާ އިނދެގެން ދިޔައިމާ ކަން، ދެން އެމީހުންނަށްވެސް ރަނގަޅުވާނީ! މަންމަ ހީކުރީ ، ކޮންމެވެސް ސިފައެއްގައި، އެވާހަކަ މިހާރު އޮންނާނީ ދަރިފުޅު ކައިރީ ދައްކާފައިކަމަށް! އެހެންވެ މަންމަ ކުރިން އެވާހަކަ ނުދެއްކީ!" ރުގިއްޔާ ވަރަށް މައިތިރިގޮތަކަށް އަސްފާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
"އެހެންވިއްޔާ މަންމަ ދެން ބުނެބަލަ! އަހަރެން ދެން މިރަށުން އިންނަންވީ ކާކާތަ ؟ "އަސްފާ މަޑުމަޑުން އެހިއެވެ.
"މިރަށުގައި މިހާރު އެހާ ބައިވަރު ފިރިހެނުންނެއް ނެތް ، ތިޔަ އުމުރުގެ މީހުންނާ އިންނާކަށް! އެހެންވީމާ، އެމީހުން އެބުނާ މީހާ ކިހިނެތްވާނީ؟ ރުގިއްޔާ ބުންޏެވެ.
މިހެން ރުގިއްޔާ ހަމަ ބުނުމާ އެކު ، އަސްފާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނެވެ.
"މަންމަ އަކާ މިރަށުގެ އެހެންމީހުންނަކާ ހަމަ އެއްވެސް ތަފާތެއްނެތް! އަހަރެން ހިޔެއްވެސް ނުކުރަން، މަންމަ ތިޔަގޮތަށް ވާހަކަދައްކާފާނެ ކަމަކަށްވެސް! އަހަރެން އެ ހަސަންކޮޔާ އިންނާނެތަ؟
އަހަރެން ދުވަހަކު މީހަކާ ނުއިނދެ އިންނަންޖެހުނަސް އޭނައަކާ ނުއިންނާނަން! .... އަހަރެން މިދަނީ!
އިތުރު އެއްވެސް ވާހަކައެއް އަޑުއަހާކަށް ދެން ބޭނުމެއްވެސް ނޫން!" މިހެން ބުނުމާ އެކު ، އަސްފާ ރުޅިއަރައިގަނެގެން ގެއިން ނިކުންނަން ދިޔައެވެ.
"ބަލަ! ޚުދު ތިމާއަކީ މިރަށުގެ ވަޑިއެއްގެ ދަރިއެއްކަން ހަނދާން ނެތުނީތަ ؟ ތިޔަހަރީ ހަމަ ރަނގަޅަށް ވެސް "މިސްކިތުވަކަރަށް" ވެވިފައި! " އަސްފާ ގޮސްގޮސް ހުއްޓާ އޭނާގެމަންމަ ގޮވާލިއެވެ.
"މިސްކިތުވަކަރެއް، މިސްކިތުފުރާޅެއް ކިޔާކަށް އަހަރެންނަކަށް ނޭނގެ! އަހަރެންނަށް އެނގޭ އެއްޗަކީ، އެ ހަސަންކޮޔާ ދުވަހަކު ވެސް އަހަރެން ނީންނާނޭ ކަން!" މިހެން ބުނަމުން އަސްފާ، ބާރު ބާރަށް ހިނގާފައި ހިނގައްޖެއެވެ.
އަސްފާ މިހާރު އެއޮތީ ، މިރަށުގައި ހުރި އެންމެ ބޮޑު އަދި އެންމެ ރީތި ގޭގެ ، އެންމެ ބޮޑު ކޮޓަރީގައެވެ. ހުރިހާ މާއްދީ އަރާމެއް އެކޮޓަރީގައި ހަމަޖެހިފައި ވެއެވެ. އެހެންކަމާއި އެކުވެސް އޭނާގެ ސިކުނޑިއަށް އެއްވެސް ހަމަޖެހުމެއް ނެތެވެ. އުނދަގޫކުރުވަނިވި ޚިޔާލުތަކުން އޭނާގެ ސިކުނޑި ވަނީ ފުރި ބާރުފައެވެ. ބޯހާސްވެ ބޮލުގެ ރިހުމަކަށް ވެފައެވެ.
މިއަދު މަންމައާއި ޒުވާބުކޮށްފައި އާދެވުނީތީ މިހާރު އޭނާ އެބަ ދެރަވެއެވެ. އަދި މަންމަ ދެއްކި ވާހަކަތަކުންނާއި އަދި ދިން ޚަބަރުގެ ސަބަބުން އޭނާ މުޅީން މާޔޫސް ވެއްޖެއެވެ.
މިފަދަ ރީތި ގެޔާ ، މިރީތި ކޮޓަރި ދޫކޮށް ، ދާންޖެހިދާނެ ކަމަކަށް އޭނާއަކަށް ދުވަހަކުވެސް ހީކުރެވިފައެއް ނުވެއެވެ. ނަމަވެސް މިހާރު މިވަނީ އެދުވަސް ދާދި ކައިރިވެފައެވެ. ދެން އޭނާ އެހެންއޮވެ ހިތަށްއަރަމުން ދިޔައެވެ.
"މި މުއްސަނދި ދިރިއުޅުމާއި، މި ބޮޑު ގޭގެ ހައިބައްތެރިކަމުން ، އަހަރެންނަށް ހާސިލުވީ ކޮންކަމެއްހެއްޔެވެ؟ މިގޭގެ ހަތަރުފާރުގެ ތެރެއިން އަހަރެންނަށް ދަސްވި އެއްޗަކީ ހަމައެކަނި، ކިބުރުވެރިކަމާއި ، ބޮޑާކަމެވެ. އަހަރެންގެ މި ނުރަނގަޅު ސިފައިގެ ސަބަބުން ، އަހަރެންގެ އެކުވެރީން އަހަރެންނާއި ވަކިވީއެވެ. މީހުންގެތެރޭގައި އަހަރެން ލޭބަލްވެފައިވަނީ، ބޮޑާ އަދި ކިބުރުވެރިއެއްގެ ގޮތުގައެވެ. އަހަރެންނަކީ ކުރީގައި ކޮންމެދުވަހަކު ކަހަލަގޮތަކަށް އަހަރެންގެ އެކުވެރީންނާއި އެކު ، ހަވީރު ބަށި ކުޅެންގޮސް އަދި ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ، އެމީހުންނާ އެކު މޫދަށް ގޮސް ، މަޖާކައި ހަދާ، މިފަދަ އިޖްތިމާއީ ދިރިއުޅުމެއް އުޅުނު މީހެކެވެ. އެކަމަކު އަހަރެންނަށް މިވީ ކިހިނެއްހެއްޔެވެ؟
އިއްޒަތްތެރިއަކާ އިނދެވުމުން، އަހަރެންނަށް އަހަރެން އޮޅުނީއެވެ. އޭނާގެ އިއްޒަތްތެރިކަމުން ބައެއް އަހަރެންނަށްވެސް އަރާނެކަމަށް އަހަރެންނަށް ގަބޫލުކުރެވުނީއެވެ. މުޙަންމަދު މަނިކު ހަމަ ނިޔާވުމާއި އެކުހެން އަހަރެންނަށް، ވަރަށް ރަނގަޅު މީހުންގެ ކައިވެނީގެ ދައުވަތުތައް ލިބުނެވެ. ނަމަވެސް ، މުޙަންމަދު މަނިކަށް ވުރެ އިއްޒަތުގެ ގޮތުން ދަށް މީހަކާ ނުއިންނާންވެގެން، އެހުރިހާ ހުށަހެޅުމެއް އަހަރެން ދޫކޮށްލީއެވެ. މިހާރު މިވަނީ ރަށުގައިތިބި ރަނގަޅު ހުރިހާއެންމެން ހުސްވެފައެވެ. އަހަރެން މިވަނީ މިހާރު ގާތްގަޑަކަށް މުޅީން ބާކީވެފައެވެ. މަންމަ އެބުނީ ހަމަ ވަރަށްބޮޑުތެދެކެވެ. އަހަރެންނަށް މިހާރު މިވަނީ ހަމަ ރަނގަޅަށްވެސް "މިސްކިތުވަކަރަށް ވާހެން" ވެވިފައެވެ."
ޖެހިގެން އައި ދުވަހަކީ ، އަސްފާގެ އާއިލާއަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. އަސްފާގެ މާމަ އަދިރުގިއްޔާގެ މަންމަ ނިޔާވީއެވެ. ރުގިއްޔާގެ މަންމަ ނިޔާވީ ވަރަށްގިނަދުވަހު ބަލިވެ އުޅުމަށްފަހު ، މުސްކުޅިބަލީގައެވެ. މަންމަ ނިޔާވުމާއި ގުޅިގެން ރުގިއްޔާގެ ބަލިކަންވެސް އިތުރުވެއްޖެއެވެ. ރުގިއްޔާއަކީ މިހާރުވެސްހިތުގެ ބައްޔަށާއި، ލޭގެ ޕްރެޝަރު މަތިކަމުން އެކަމަށް ބޭސް ކުރަމުން އަންނަ މީހެކެވެ. ރުގިއްޔާގެފިރިމީހާ އަދި އަސްފާގެ ބައްޕަ، ހުސޭނު ވަނީ މީގެ ދޮޅުއަހަރު ކުރީން މިދުނިޔެއާ ވަކިވެފައެވެ.
އިތުރަށް ގޯސްވުމުގެ ސަބަބުން، ރުގިއްޔާ ރަށުގެ ހެލްތުސެންޓަރަށް ގެންދެވިއްޖެއެވެ. އެތަނުން އަސްފާއަށް ލަފާދިނީ، މަންމަ ގޮވައިގެން ވީހާއަވަހަކަށް އަތޮޅުހޮސްޕިޓަލަށް ދިއުމަށެވެ. ހިތުގެ ވަރަށްމުހިންމު ޓެސްޓްތަކެއް ވަރަށް އަވަހަށް ހަދަންޖެހެއެވެ. ފަރުވާކުޑަކޮށް އަދި ލަސްކޮށްފިނަމަ ، މަންމަގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތުވެސް އެބައޮތްކަމަށް ޑޮކްޓަރު އަސްފާ ގާތުވިދާޅުވިއެވެ. އަތޮޅު ހޮސްޕިޓަލް ހުންނަނީ މިއަތޮޅުއެހެން ރަށެއްގައެވެ.
އެރަށަށް މަންމަގޮވައިގެން ދާނެ އުޅަނދެއް ހޯދުމަށް އަސްފާ އަވަސްވެގަތެވެ. އަސްފާގެ ގެއަކީ އެއްވެސް ފިރިހެނަކު އުޅޭ ގެއަކަށް ނުވާތީ، ހުރިހާކަމެއްވެސް ކުރަންޖެހިފައިވަނީ އަސްފާ އަށެވެ.
މިރަށުގައި މިފަދަ ދަތުރުތައް ކުރުމަށް ހުންނަނީ ތިން އުޅަނދެވެ. އިންޖީނުލީ ދެ ދޯންޏާއި، ކުޑަ ލޯންޗެކެވެ. މިފަދަ މޫސުން ގޯސް ދުވަސްވަރެއްގައި، އެ ލޯންޗުގައި މިދަތުރު ނުކުރެވޭނޭކަން އަސްފާ އަށް ވެސް އެނގެއެވެ. އެހެންކަމުން އޭނާ ދިޔައީ އެތަނުން ދޯންޏެއްގެ އޮޑިވެރިއެއްގެ ގާތަށެވެ. ނަމަވެސް މިފަދަ މޫސުން ނުބައި ދުވަސްވަރެއްގައި، އެދަތުރު ކޮށްދެވެން ނެތް ވާހަކަ އެ އޮޑިވެރިޔާ އަސްފާގެ ގާތު ބުންޏެވެ. ދެންއޮތީ ހަމަ އެންމެ ފުރުސަތެކެވެ. އެއީ ދެވަނަ ދޯނި ލިބޭތޯ ބެލުމެވެ. ހަގީގަތުގައި، މިދަތުރަށް އެންމެ ރަނގަޅު އަދި އެންމެފަހި އުޅަނދަކީ އެ ދޯންޏެވެ. އެދޯންޏަކީ އެ ތިން އުޅަނދުގެތެރެއިން، އެންމެ ބޮޑު ދޯންޏެވެ. ނަމަވެސް އެދޯނީގެ އޮޑިވެރިޔާގެ ނަން އިވުމުން ، އަސްފާއަށް އެވާގޮތަކުން އޭނާގެ ގާތަށް ދާން އަސްފާ ފޫހިވަނީއެވެ. ނަމަވެސް އަސްފާއަށް އޭނާގެ ގާތަށް ދިއުންނޫން ގޮތެއް މިހާރަކު ދެން ނެތެވެ. އަސްފާގެ މަންމަގެ ހާލު މިހާރު ވަނީ ވަރަށް ބޮޑަށް ސީރިއަސް ހާލަތެއްގައެވެ. މިބުނާ ދޯނީގެ އޮޑިވެރިޔަކީ އާދަނުސޮރުގެ ހަސަންކޮޔެވެ.
ވަރަށް ލަދުންހުރެ އަސްފާ ހަސަންކޮއިގެ ގެއަށް ހިނގައްޖެއެވެ. އަދި ގޭ ދޮރުމައްޗަށް އަރާ ބަލާލިއިރު މީހަކު ފެންނަންނެތިގެން، ސަލާން ގޮވާލިއެވެ. ސަލާމަށް ޖަވާބުދެމުން ، ހަސަންކޮއި ނިކުމެއްޖެއެވެ. ގޭ ދޮރުމަތީގައި، އަސްފާ ހުރިތަންފެނުމުން ހަސަންކޮއި ވަރަށް ހައިރާންވިއެވެ. އެގޮތަކީ އަސްފާ ހަސަންކޮއި އާއި ބެހޭގޮތުން ދައްކާފައިހުރި ބައެއް ވާހަކަތައް، ހަސަންކޮއި އަޑުއަހާފައި ވާތީއެވެ. ނަމަވެސް ހަސަންކޮއި، މިއިން އެއްވެސްކަމަކާ އަސްފާއަކާއި ސުވާލެއް ނުކުރެއެވެ. އޭނާ ހަމައެކަނި އެހީ، އަސްފާ އައީ ކޮންބޭނުމަކުތޯއެވެ. ވަރަށް ރަކިވެފާ، އިސްދަށަށްޖަހައިލައިގެން ހުރެ، އަސްފާ އައިބޭނުމުގެ ވާހަކަ ހަސަންކޮއި ގާތު ބުނެފިއެވެ. ހަސަންކޮއި ވަގުތުން އެދަތުރު ގޮސްދޭން އެއްބަސްވިއެވެ. އަދި ދަތުރަށް ތައްޔާރުވެގެން އައިސް އޭނާއަށް އަންގާލައިދޭން ބުންޏެވެ. އަސްފާމެން ދަތުރަށް ތައްޔާރުވެގެން ބަނދަރުމައްޗަށް ނިކުވެއްޖެއެވެ. އަސްފާމެން ފުރުވަން އެމީހުންގެ ތިމާގެ ހަތަރުފަސް އަންހެނުންނާނި ކުދީން ނިކުމެތިއްބެވެ.
މޫސުމަށް ބެލުމެއްނެތި ވަގުތުން ހަސަންކޮއި ފުރިއެވެ. އަދި ކަނޑުގަދަ ، ވައިގަދަ ދުވަހަކަށް ވާތީ ދޯނީގެ ހުރިހާ ސަތަރިތަކެއް ވައްޓާލިއެވެ. ދެން އަސްފާގެ ދެމައިންނަށް ފަހިވާނެ، ހުރިހާކަމެއް ހަސަންކޮއިފަހިކޮށްދިނެވެ.
އިރުއޮއްސުމުގެ ކުރީން އެރަށަށް އާދެވިއްޖެއެވެ. ފާލަމާ އޮޑި ހަމަ ގާތްކޮށްލުމާއެކު ވަގުތުން ރުގިއްޔާ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ހަމަވަގުތުން، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޓެސްޓްތައް ހަދައި ފަރުވާ ދޭން ފެށުނެވެ.
ފަރުވާ ފުރިހަމަ ކުރުމަށްޓަކައި، އެރޭ އެއްކޮށް ރުގިއްޔާ ހޮސްޕިޓަލުގައި ބާއްވާންޖެހެއެވެ. އެހެންކަމުން އަސްފާ ފެންވަރާލުމަށާއި، ނަމާދުކޮށްލާ ހެދުމަށް، ހަސަންކޮއިގެ ރައްޓެހި ގެއެއް ހަމަޖެއްސިއެވެ. އަދި އެގޭގައި އަސްފާއަށް ކެއުންވެސް ހަމަޖެއްސިއެވެ. މިރަށަކީ، މިކަހަލަ ދަތުރުތަކުގައި ހަސަންކޮއި ވަރަށްގިނައިން އައިސްއުޅޭ ރަށަކަށްވާތީ، އޭނާގެ ރައްޓެހިން މިރަށުގައި ވަރަށް ގިނައެވެ. ނަމަވެސް މިރަށަކީ ، އަސްފާމެން އައިސް އުޅޭ ރަށަކަށް ނުވާތީ ، އަސްފާމެންގެ އެއްވެސް ރައްޓެއްސަކު މިރަށަކު ނެތެވެ. ހަސަންކޮއި މިކަންކަން ކޮށްދިނީ، އަސްފާ ބުނެގެންނެއް ނޫނެވެ. އޭނާ އަމިއްލައަށް ފެނިގެންނެވެ. އަސްފާ އެގެއަށް ގޮސް ، ފެންވަރާލައި ހަދައިގެން އެނބުރި ހޮސްޕިޓަލަށް އަންނަންދެން، އަސްފާގެމަންމަގެ ކައިރީ ޑިއުޓީގައި ހަސަންކޮއި މަޑުކުރިއެވެ. އަދި އަސްފާ ނެތްގަޑީގައި ހޯދަންޖެހުނު ބޭހާ އެހެނިހެންތަކެތިވެސް ހަސަންކޮއި ހޯދައިދިނެވެ. އަދި ރުގިއްޔާގެ ރޭގަނޑުގެ ކެއުމާއި، މޭވާގެ ބާވަތްތައް ވެސް ހަސަންކޮއި ގެނެސްދިނެވެ.
އަނެއްދުވަހުގެ މެންދުރެއްހާއިރު، ރުގިއްޔާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ދެން އެދުވަހުގެ އަސުރެއްހާހާއިރު އެމީހުންނަށް ރަށަށް އާދެވިއްޖެއެވެ.
ރަށަށް ލެފުމާ އެކު ، ހަސަންކޮޔާ އޭނާގެ އޮޑީގައި ގެންގުޅޭ ނާސިރުގެ އެހީއާ އެކު އަސްފާގެ ދެމައިން އެއްގަމަށް ބޭލުވިއެވެ. އަދި އަސްފާމެންގެ ތަކެތި ހިފައިގެން އެގެއަށް ގޮސްދިނުމަށް، ނާސިރު ގާތު ހަސަންކޮއި ބުންޏެވެ.
ގެއަށްދާން ހަޔެއްކަ ފިޔަވަޅު ކުރިއަށް އެޅުމަށްފަހު ، އަސްފާ އެނބުރި ހަސަންކޮއިގެ ގާތަށް އަތުވެއްޖެއެވެ. ދެން އެމީހުންގެ މިދަތުރަށް ދޭންޖެހެނީ ކިހާ ފައިސާއެއްތޯ އަސްފާ އެހިއެވެ.
"އަސްފާގެ ބައްޕަ ހުސޭނުބެއަކީ ، އަހަރެމެންގެ ވަރަށްގާތް ރައްޓެއްސެކެވެ. އަދި އަހަރެމެންގެ މި ދޯނި ހެދިއިރު ވަރަށްގިނަ މަސައްކަތްތައް ހުސޭނުބޭ ކޮށްދީފައި ވާނެއެވެ. އެހެންކަމުން، މިދަތުރަކީ އަހަރެން ހުސޭނުބެއަށްޓަކައި ކޮށްދިން ދަތުރެކެވެ. އެހެންވީމާ މިދަތުރަކަށް ، އަހަރެން އެއްވެސްއެއްޗެއް ބޭނުމެއް ނޫނެވެ." ހަސަންކޮއި މިހެންބުނުމުން، އަސްފާ އިސްދަށަށް ޖަހައިލައިގެން ހުރެ ހިނގައްޖެއެވެ.
އަސްފާގެ ދެމައިން ގެއަށް ގޮސް ފެންވަރާލައި ހެދުމަށްފަހު، އަސްފާގެ މަންމައަށް ލުއި ކާއެއްޗެއްދިނެވެ. އެއަށްފަހު މިގަޑީގައި ދޭންޖެހޭ ބޭސް ދީފިއެވެ. ދެން މަންމަ އެނދުގައި ރީތިކޮށް ބޭއްވުމަށްފަހު އަރާމުކޮށްލުމަށް ބުންޏެވެ. ދެން އަސްފާ އެތާއިން ގޮނޑީގައި އިށީނދެލުމަށްފަހު، އޭނާގެ ދެފައި ނަގާ މަންމައޮތް އެނދުގައި ބާއްވާލުމަށްފަހު، އެ ގޮނޑީގައި ލެނގިލިއެވެ. ދެން އޭނާގެ ބޮލުން، ބޮޑު ބުރައެއް ފިލާދިއުމުން، ހަމަޖެހުމުގެ ފުން ނޭވާއެއްލިއެވެ. ދެން އޭނާ މަޑުމަޑުން ލޯމަރާލިއެވެ. އޭނާގެޚިޔާލަށް ފެންނަމުންދަނީ، އިއްޔެ އާއި މިއަދު އޭނާގެ ކުރިމަތީ ހިނގާދިޔަ ކަންތައްތަކެވެ. އޭނާގެ ޚިޔާލުގެ ނާރެހަކީ ހަސަންކޮއެވެ. އޭނާ ހިތަށްއަރަމުން ދެއެވެ.
"މިއީ ކިހާ ރަނގަޅު އިންސާނެއް ހެއްޔެވެ؟ މިފަދަ ރަނގަޅު މީހަކާ މެދު މިރަށުމީހުން އެހާ ނިކަމެތިކޮން އެދެކެނީ ކީއްވެހެއްޔެވެ؟ މިރަށުގެ ގިނަ މީހުންނަށް ވުރެ އޭނާގެ ކުލަ، ކުޑަތަންކޮޅެއް ކަޅުވުން ފިޔަވައި އޭނާގެ އުނިވީ ކޮންކަމެއްހެއްޔެވެ؟ މީހުންގެ ކުލަޔާއި ބުރުސޫރައަކީ ގުދުރަތުން ދެއްވާއެއްޗެކެވެ. އެކަމުގައި އެއްވެސް މީހެއްގެ އިޚްތިޔާރެއް ނޯވެއެވެ. އެހެންކަމުން މީހުންނަށް ލިބިފައިވާ ގައިގެ ކުލަޔަކުން ނުވަތަ ސިފައަކުން އެމީހަކު ނިކަމެތިކޮށްލެވޭނޭ އެއްވެސް ހަމައެއް ނޯންނާނެއެވެ. މީހެއްގެ ޝަޚުސިއްޔަތު ނުވަތަ ހަރުދަނާކަން، ބަލަންވާނީ އެމީހެއްގައި ހުންނަ މައުނަވީ ސިފަތަކުންނެވެ. އެމީހެއްގައި ހުންނަ ރިވެތިއަޚުލާގާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ހިތްތިރިކަމާއި މިފަދަ ކަންކަމުންނެވެ.
ހަމަ ޔަގީނުންވެސް، އަހަރެންނަށް މިރަށުން ފެނުނު މިފަދަ ސިފަތައް އެންމެ ރަނގަޅަށް ހުރިމީހަކީ ހަމަ ހަސަންކޮޔެވެ. މި ސަބަބާހުރެ، އަހަރެން ގައިމުވެސް އޭނާއަށް ހިތްކިޔައިފިއެވެ. އެހެންކަމުން ހަމަ މާދަމާވެސް ، އޭނާ އަހަރެންގާތު އިންނަން އަހައިފި ނަމަ، އަހަރެން ހަމަ ވަގުތުން އެއްބަސްވާނަމެވެ. އަދި އެކަމަށް އަހަރެން އެދެންވެސް މެއެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.