ހުޅުމާލޭ އިރުމަތީ ފަރާތު އަތިރިމަތީގައި ވަނީ ހިމޭން ހެނދުނެއްގެ ފޭރާމެވެ. ރާޅުތައް ބީއްސަމުން އެނބުރި ގޮސް އަންނަނީ ކިޔަމަންތެރިކަމާ އެކުގަ އެވެ. ސާފު ހުދު ވެލިގަނޑު ތެންމަމުން، ލައްވެފައިވާ މޫދުވިނަތަކަށް އިރުގެ ދޯދިން ވިދުވަރު ގެންނަމުންނެވެ.
ކައިރީގައި ފައިވާން ބަހައްޓައި، ކަކުލުގައި ދަތްދޮޅި އަޅުވާލައިގެން، ދެ އަތުން ފައިގައި ބައްދާލައިގެން އައިޝާ އިން އިރު ފަތިސް ހަނދުވަރުގެ ފިނިން ތެތްވެފައިވާ ވެލިގަނޑު ފިނި އިހްސާސްވަމުން ދިޔަ އެވެ. އައިޝާ ރޭ ވެސް ނުނިދަ އެވެ. ރަނގަޅަށް ނިދޭ ރެއެއް މިހާރު މަދެވެ. ކީއްވެތޯ އަހާ މީހަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެ އެވެ. އެންމެ ކުޑަމިނުން ފިރިމީހާ ހާމިދަށް ވެސް ބުނެދޭނެ ގޮތެއް ނޭނގެ އެވެ.
ރެޔަކީ ދެބަސްވެ އަރާރުންވުން ކުންނަށް ދިޔަ ރެ އެވެ. އެއީ އަޑު ގަދަކުރީތީއެއް ނޫނެވެ. މަދު ފަހަރަކު ނޫނީ ހާމިދު ބާރަށް ބަހެއް ނުބުނާނެ އެވެ. އެކަމަކު ރެޔަކީ އެ ހިމޭންކަމުގެ މާ ގޯސް ރެ އެކެވެ. އޭނާގެ މަޑުމައިތިރި ބަސްތަކުން ދޭހަވީ ގޮތް ނިންމައިގެން ހުރިކަމެވެ. އެ ނިންމުން ބާރަށް ހާމަކުރަން ބޭނުންވާ ބަސްތައް އޭނާގެ ދުލަށް އަދި ނާންނަނީ ކަންނޭނގެ އެވެ.
"އައިޝާ، އަހަރެން ވަރުބަލިވެއްޖެ. އައިޝާ އޮޔާ ގޮސް ގެއްލޭތަން ބަލަން ހުރެ ވަރުބަލިވެއްޖެ،" ހާމިދުގެ އެ ކުރު ޖުމްލައިން އައިޝާގެ ހިތް ތޮރުފާލި އެވެ.
އެ ބަހަށް އައިޝާ ރައްދެއް ނުދެ އެވެ. އޭނާ ކުރިން ނުބުނާ އެއްޗެއް އަލުން ބުނަން ނެތީ އެވެ. ބަދަލުވުމަށް ވީ ކޮންމެ ވައުދެއް ފެނަށް ދިޔައީތީ އެވެ. ދޫ ބަންދުވެފައި ހުރެ ގެއިން ނުކުތް ގޮތަށް އައިޝާ ގޮސް އަތިރިމަތީ އެ އިނީ އިރު އެރުމުގެ ވެސް މާ ކުރިންނެވެ.
ރާޅަކާ އެކު ގެނެސް ވެލިގަނޑުމަތީ ބާއްވާލި ދިއްގާ މަލަކަށް އައިޝާގެ ސަމާލުކަން ހުއްޓުނެވެ.
އޭގެ ފިޔަތައް އެތެރެއަށް މެޅިފަ އެވެ. ފިޔަތަކުގެ ކޮޅުގައި ހުރި ރަތް ރީނދޫ ކުލަ އޭގެ ކަރުގަނޑާ ދިމާލަށް ފޭދެމުން ގޮސް މަޑު ރީނދޫ ކުލައެއްގަ އެވެ. އިރު އޮއްސޭ މަންޒަރެއްގެ ކުލަތެކެވެ. ރާޅާ ކުޅެމުން ދިޔަ ކުދި ގާކޮޅުތަކުގެ ތެރޭގައި ހުދު ވެލިގަނޑުމަތީ އެ އޮތް އިރު ހީވަނީ މާހައުލާ ގުޅެން އަމިއްލަ ނަފްސާ ދެބަސްވާ ހެންނެވެ. ސާފު ވެލިގަނޑުމަތީ އެ މަލުގެ ފާޅުކަން ބޮޑެވެ.
އެއީ ފުރިހަމަ މަލެއް ނޫނެވެ. އެއް ފިޔައިން އިރައިގެން ދިޔަ ބައި ރާޅާ އެކު އެތެރެއަށް އޮޅިފަ އެވެ. އެތެރެއަށް ވެލި އެޅިފަ އެވެ. އޭގެ ކުރިމަތިން، އެއްވެސް ޝައުގުވެރިކަމެއް ނެތި ހުރަސްކޮށް އެ ދިޔައީ ބަރަވެއްޔެކެވެ. އެ މާ އޮތީ ހަލާކުވެފަ އެވެ. ގަހުން ވެއްޓި އޮޔާ ދަނީ އެވެ. އެ މަލުގެ މައްޗަށް ބަހެއް ބުނުމުގެ ހައްގެއް ނެތް ބާރުތަކެއް ދަމައި ގެނެސްފަ އެވެ. އެކަމަކު ހުޅުމާލޭ އިރުމަތީ ފަރާތުގެ ދޮން ވެލިގަނޑުމަތީ އެ މާ އެ އޮތީ އޭގެ ވަށައިގެންވާހާ މަންޒަރެއް ޒީނަތްތެރިކޮށްދޭ އެއްޗެއްގެ ގޮތުގަ އެވެ.
އައިޝާ އެ މާ ނެގި އެވެ. އަަރަމުން ދިޔަ އިރުގެ ދޯދިތަކުން އެ މާ ހޫނުވެއްޖެ އެވެ. މޫދުން ލިބުނު ތެތްކަން ފިލައި ހޫނުވީ އެވެ. ތެތް ވެލިގަނޑު ވެސް ހިކެނީ އެވެ. އައިޝާ އެ މަލާ ކުޅެލި އެވެ. ކޮންތާކުން އައި މަލެއް ހެއްޔެވެ. މޫދަށް މަލެއް ވެއްޓޭ ހިސާބުގައި ދިއްގާ ގަހެއް ނުވެސް ނެތެވެ. އެ މާ ގަހުގައި އިންނާނީ ވެއްޓި އޮޔާ ނުދާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. އެއީ ހެނދުނަށް ފޮޅޭ މަލެކެވެ. އައިޝާގެ ކުޑައިރުގެ ހަނދާންތަކާ އެ މަލާ ގުޅެ އެވެ. ހެނދުނު އެ މާ ފޮޅޭއިރު ރަން ރީނދޫ ކުލައިގައި އިނަސް މެންދުރު ފަހަށް ކުލަ ބަދަލުވެ ރީނދުލަށްވެ އެވެ. ރޭގަނޑު ގަހުން ވެއްޓެ އެވެ. ބައެއް މާތައް ބިންމައްޗަށެވެ. ބައެއް މާތައް ސީދާ މޫދަށެވެ.
މޫދު ވެސް އޭގެ ގޮތުގަ އެވެ. މޫދުން އެ މާ ކޮންމެވެސް ތާކަށް ގެންދާނެ އެވެ.
މި މާ ވެސް އެ އައީ ވަރަށް ދުރުންނެވެ. އެ މަލުން އެކަން އެނގެ އެވެ. މޫދުގެ ލޮނުން ފޯވެފަ އެވެ. ކުލަވެއްޓި ފިޔަތައް ހަލާކުވެފަ އެވެ. ކޮންމެވެސް ކަމެއް އެ މަލާ ކުރިމަތިވިކަން އެނގެ އެވެ. ގަލެއްގައި ޖެހުނީ ކަންނޭނގެ އެވެ. ބާރަށް ދިޔަ ލޯންޗަކުން ވެސް ޖެހިދާނެ އެވެ. މޫދުގެ ހަމަޔާއި އިންސާފުގެ ތެރެއިން ޖެހި ރާޅުތަކުން ލިބުނު ޒަހަމަކަށް ވެސް ވެދާނެ އެވެ. ކޮންމެ ސަބަބަކަށް ވިޔަސް އެނގެނީ އެ މަލަށް ފަރުވާލެއް ނެތް ރާޅުތަކެއް ކަމެވެ. އެ މާ މި ހިސާބަށް ގެނައީ އެ އޮންނަންވީ ތަނުން ނަގައިގެން އޭގެ ރުހުމަކާނުލައިކަމެވެ. އެއީ އެ މާ އިހްތިޔާރުކުރި ދަތުރެއް ނޫނެވެ. މިއީ އަންނަން ބޭނުންވި ތަނެއް ވެސް ނޫނެވެ. ރާޅާއި އޮޔާ އެކު މަންޒިލެއް ނެތި އޮޔާ ގޮސްފަ އެވެ.
"އައިޝާ އޮޔާ ގޮސް ގެއްލޭތަން ބަލަން ހުރެ ވަރުބަލިވެއްޖެ."
އައިޝާގެ އަތުގައި އޮތް މާ ގަޔާ ގާތްކޮށްލި އެވެ. އައިޝާގެ މެޔަށް ލުއިކަމެއް އިހްސާސްވި އެވެ. ޖެހިފައިވާކަން ނުވެސް އެނގޭ ގޮށެއް މޮހިގެން ދިޔަހެން ހީވި އެވެ.
އެތައް އަހަރެއް ވަންދެން އައިޝާ އޮޔާ ބެހެމުން ދިޔަ ގޮތް އޭނާގެ ސިކުނޑީގައި އެނބުރިގަތެވެ. އެކަމަކު އެއީ މި ހޫނު އަތިރިމަތި ނަލަކޮށްދިން މި ދިއްގާ މަލުގެ ދަތުރުހެންނެއް ނޫނެވެ. އޭގެ ދިމާ އިދިކޮޅެވެ. އޭނާ ހީކުރީ އެއީ މިނިވަންކަމާ އެކު ކާމިޔާބަށް ކުރި ދަތުރު ކަމަށެވެ. އެކަމަކު އެއީ އޭނާގެ އެއްވެސް ބާރެއް ނެތި އޮޔާ ދިޔަ ދިއުމެކެވެ. ކައިވެނީގެ ފުރަތަމަ އަހަރު އޭނާ އެނބުރެމުން ދިޔައީ "ހިތްގައިމު އޮއެވަރެއްގައި" ކަމަށް އޭނާ ހީކުރި އެވެ. އެކަމަކު އެ އޮއެވަރުގައި މިސްރާބު ކަނޑައަޅަން އޭނާއަކަށް ނޭނގުނެވެ.
އޭނާގެ ސިކުނޑީގައި ސިފަވަމުން ދިޔައީ އޭނާގެ އަމިއްލަ ހަޔާތުގެ އޮއެވަރެވެ. ހޫނު ގޮނޑުދޮށުގެ މޫދުން ލެއްގި ދިއްގާ މަލަށް ކުރިމަތިވި އޮއިވަރެއް ނޫނެވެ. އައިޝާ ހީކޮށްގެން ހުރީ އޭނާ ދިޔައީ މިނިވަންކަން ކަމުގެ އޮއެވަރުގައި ކަމަށެވެ. އޭނާ ލޯބިކުރި ގްރެފިކް ޑިޒައިންގެ މަސައްކަތުގެ ވެސް ކޮޅު ބެދުނީ އެވެ. އޭނާ ގެންގުޅުނު، ޕެޓާންތަކުން ފުރިފައިވާ ކުޑަ ނޯޓްފޮތް ހުޅުވާނުލާތާ ވެސް އަށް މަސް ވީ އެވެ. ޒިންމާތަކާއި، ރަހުމަތްތެރިކަމާއި، ވައުދުތަކާއި، ދުވަސްތަކާއި، އެއިން ކޮންމެ ކަމެއްގައި ވެސް ފުރިހަމަވަނީ ބައިކުޅަބައެކެވެ. އެއްވެސް ކަމެއް ފުރިހަމައެއް ނުކުރެވެ އެވެ.
މާ ހިފައިގެން ކޮޅަށް ތެދުވެ ހުރި އިރު އައިޝާއަށް ކަމެއް ވިސްނުނެވެ. ހާމިދު އަދިވެސް އައިޝާ ދެކެ ލޯބިވާކަމެވެ. ހާމިދުގެ ކިބައިން ނެތި ދިޔައީ އައިޝާއަށް އޮތް އުންމީދެވެ. ލޯތްބެއް ނޫނެވެ. ތަފާތު ދެ ކަމެކެވެ. ވަރަށް ތަފާތު ދެ ކަމެކެވެ.
ބޮޑުވަމުން ދިޔަ ދިޔަވަރާ އެކު ޖަހާލި ރާޅަކުން އައިޝާގެ ފައި ތެންމާލައި ހޭލައްވައިލި އެވެ. އަނެއްކާ ވެސް އަނެއް ރާޅު އަ އެވެ. ލަދުވެތިކަމެއް ނެތި އައިސް އެކަން ތަކުރާރުވަމުން ދިޔަ އެވެ. ހަމަ ކޮންމެ ފަހަރަކު ހަމަ ދާދި އެއްކަހަލަ ރާޅެކެވެ. ކޮންމެ ރާޅެއް ވެސް، އަދި އެއްފަހަރު، ވާގޮތް ބަލައިލާނަމޭ ބުނާހެން ތަކުރާރުވުމުގަ އެވެ.
އެ ދިއްގާ މާ އޭގެ ރީތިކަމަށް އަމިއްލައަކަށް ނޭދެ އެވެ. އޭގެ ކުލަތަކުގެ ތަރުތީބާ މެދު ޝަކުވާއެއް ނުކުރެ އެވެ. ރީތިކަމަކީ އޭގެ ޒާތުގައި އެ ފެންނަ ގޮތެވެ. ރޭގަނޑު ވުމުން ގަހުން އެ މާ ވެއްޓުނީ އެވެ. ކޮންމެ ދުވަހަކު ވެސް އެ ރޭގަނޑު އަންނާނެ އެވެ. ގަހުގެ ގޮފިތައް އެ މަލާ ވަކިވެ ދޫކޮށްލާނެ އެވެ. އެއީ އެކަން ހިނގާނެ ގޮތެވެ. ހިނގަން ޖެހޭނެ ގޮތެވެ. ހަލާކުވެ ތެމި ފޯވެގެން އައިސް ބީރައްޓެހި ގޮނޑުދޮށަކަށް އެ ލެއްގީ އެވެ. މިހާރު ގަދަ ހޫނުގައި އަނދަނީ އެވެ. އެކަމަކު އެ ރީތި ކުލަތަކާ އެކުގަ އެވެ. އޭގެ ގޮތުގަ އެވެ. ހަލާކުވެފައިވާ ހާލު ވެސް، ނިދި ގެއްލި ދިރިއުޅުމުގެ މާނަ އޮޅިފައިވާ އަންހެނެއްގެ ވިސްނުން ބަދަލުކޮށްލަން އަލުން ވިސްނަން އެތައް އިރަކު ހުންނަން މަޖުބޫރުކުރުމުގެ ބާރު އެ މަލަށް ލިބިފައިވެ އެވެ.
ރާޅުފަށުގައި އައިޝާ އެ މާ ބާއްވާލި އެވެ.
ދެން އައި ލުއި ރާޅުން އެ މާ އުފުލާލައި ތަންކޮޅަކަށް ގެންދިޔަ އެވެ. އަނެއްކާ ވެސް އަނެއް ރާޅެވެ. އެ ރާޅުން އުފެދުނު އޮއެވަރުގައި މާ އެނބުރެމުން ބޭރަށް ދިޔަ އެވެ. ދެން އައި ރާޅުން ގޮނޑުދޮށާ ކައިރިއަށް އެ މާ ފޮނުވާލި އެވެ.
ބުނެދޭން ނޭނގިފައި ހުރި ވާހަކަ ބުނާނެ ގޮތް އައިޝާއަށް އެނގުނެވެ.
ހިތުގެ ހަމަޖެހުން ލިބޭ މިސްރާބަށް ދާން އައިޝާއަށް ނޭނގުނީ އެވެ. އެ މާ އޮޔާ އެ ދަނީ އިހުތިޔާރެއް ނެތީމަ އެވެ. އެކަމަކު އައިޝާއަށް އެތައް އިހުތިޔާރެއް އޮތެވެ. އައިޝާ އެކަމަކަށް ލޯބިކުރި މަސައްކަތަކީ މުޅި ދިރިއުޅުމަށްވީ އެވެ. ޑިޒައިންތައް ހެދުމުގައި މުޅި ރޭ ހޭލައި ހުންނަނީ އެހެން މީހުންގެ ތައުރީފަށްޓަކަ އެވެ. ދުވަހުގެ ބޮޑު ބައި ނިދުމުގަ އެވެ. އައިޝާ ފަހުރުވެރިވަމުން ދިޔައީ ކުރެވޭ ގިނަ މަސައްކަތާ އެކު ލިބެމުން ދިޔަ މަޝްހޫރު ކަމަށެވެ. ނޭނގުނީ ދިރިއުޅުމެއް ކުރަހައި ބައްޓަންކޮށް ކުލަޖެއްސުން މާ މުހިންމުކަމެވެ. އާޚިރުގައި ހުރިހާ ކަމެއް ބޮއްސުންލީ އެވެ. އޭނާ ހާމިދާ ދުރުކުރުވި މާޔޫސްކަމަކީ މަސައްކަތުގައި ބޭނުންވި ހިސާބަށް ދުވަހަކު ވެސް ނުދެވުމެވެ. އިމެއް ނެތި މަސައްކަތަށް ހުސްކޮށްލި ވަގުތުތަކުގައި އަމާޒެއް ނެތި ދިޔަ މިސްރާބެވެ.
ފަތިހުގެ ފިނީގައި އޮޔާ ދެމެމުން އައިސް ބަހެއް ނުބުނެ އެ މަލުން އެ ދިނީ އެ މެސެޖެވެ.
ދިއްގާ މާ އަނެއްކާވެސް އޮޔާ ދާން ފެށި އެވެ. ހަމަ އެ ރީތިކަމުގަ އެވެ. އެކަމަކު އެއްވެސް މަންޒިލެއް ނެތެވެ.
އައިޝާ ވެލި ފޮޅާލަމުން ތެދުވެ ގެޔާ ދިމާލަށް ހިނގައިގަތެވެ.
އޭނާ އެ މާ ސަލާމަތެއް ނުކުރެ އެވެ. ރާޅުތަކާ އެކު އެ ދާނެ އެވެ. އެކަމަކު އެ މަލުގެ މެސެޖު އައިޝާއަށް ފުދެ އެވެ. އޭނާ ދިރިއުޅުމުގެ މަންޒިލް އަލުން ހޯދާނެ އެވެ. ހަޔާތެއް އޮޔާ ދިޔަކަ ނުދޭނެ އެވެ. އެ ރާޅުތައް ފަދައިން ތަކުރާރުކޮށް މަސައްކަތްކުރާނެ އެވެ. (ނިމުނީ)