އަހަރެމެންގެ ގޭގެ ހަމަޖެހުން ބަދަލުވެގެން ދިޔައީ މީގެ އަހަރުތަކެއް ކުރިން، ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިއަކު ކިޔަވަންވެގެން އަހަރެމެންގެ ގެޔަށް އައި ހިސާބުންނެވެ. އޭނާގެ ނަމަކީ އައިލަމްއެވެ. އޭނާ އައީ ހަމައެކަނި ފޮށިތަކެއް ހިފައިގެންނެއް ނޫނެވެ. އޭނާ އައީ އަހަރެންގެ ހަޔާތުގެ ހަމަޖެހުން ނަގާލައި، އަހަރެންގެ ގޭގެ އެންމެންގެ ހިތްތައް ފަތަހަކުރަމުންނެވެ. އައިލަމް މިގެޔަށް އައިއިރު އަހަރެންގެ އުމުރަކީ އެންމެ ދިހަ އަހަރެވެ. އޭނާއަށް ވާނީ ސާދަ ވަރަކަށް އަހަރެވެ. އޭރު އޭނާއަކީ އިސްކޮޅުން ދިގު، ހިމަތޮޅި، އަދި ނިކަން މަޑުމައިތިރި ކުއްޖެކެވެ. ނަމަވެސް އެ މަޑުމައިތިރިކަމުގެ ފުރަގަހުގައި ވަނީ ވަރަށް ތޫނުފިލި ބުއްދިއެކެވެ. ދޮންމަންމަ ސަކީނާއަކީ އަސްލު މަންމައެއް ފަދައިން އަހަރެން ބަލާބޮޑުކުރި މީހެއް ކަމަކު، އައިލަމް އައުމާއެކު އޭނާގެ މުޅި ސަމާލުކަން އެ ދިމާއަށް އެނބުރުނެވެ. އައިލަމްއަކީ ކިޔެވުމުގައި މޮޅު، އަދަބުވެރި، އަދި ގޭގެ ކަންކަމުގައި އެހީތެރިވާ "ނަމޫނާ" ކުއްޖަކަށް ވިއެވެ.

އަހަރެންގެ ހިތުގައި އައިލަމްއާ މެދު ނަފްރަތުގެ އޮށް އިންދަން ފެށުނީ، އަހަރެންގެ ކޮންމެ ކަމެއް އޭނާއާ އަޅާކިޔަން ފެށި ހިސާބުންނެވެ. "ބަލާބަލަ އައިލަމް ކިޔަވާވަރު،" ނުވަތަ "އައިލަމް ބުނާ ބަސް އަހާވަރު ބަލާބަލަ،" މިއީ އަހަރެންގެ ކަންފަތުގައި ބައްޕަ އާއި ދޮންމަންމަ އަބަދު ޖަހަމުން ދިޔަ ރާގެވެ. އޭރު އަހަރެމެން ދެމީހުން އެކުގައި ސަކަރާތް ޖަހައި އުޅުނީމެވެ. އޭނާ އަހަރެން ރުޅިއަރުވަން ކުރާ ކަންތައްތަކަކީ އަހަރެން މިއަދުވެސް ހަނދާން ހުންނަ ކަންކަމެވެ. އޭނާ އަހަންނަށް ކިޔައި އުޅޭ ވަނަމަކީ "ބޮލީ" އެވެ. އެއީ އަހަރެންގެ ބޮލުގެ އިސްތަށިގަނޑު އޭނާ ބުނާ ގޮތުން ބޮއްޔެއްހެން އޮންނާތީއެވެ. އަހަރެންގެ އަސްލު ނަމަކީ ޒާރާ ކަމަށް ވިޔަސް، އޭނާގެ ދުލުން އެ ނަން އިވުމަކީ ނާދިރު ކަމެކެވެ. އައިލަމްގެ އެ ހުންނަ އާދަޔާޚިލާފު ބޯހަރުކަމާއި، ކޮންމެ ކަމެއްގައި ކުރި ހޯދުމުގެ ސިފައަކީ އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހެދި ކަންތައްތަކެވެ.

ވަގުތަކީ ހަލުވިކަމާ އެކު ދަތުރުކުރާ އެއްޗެކެވެ. އަހަރުތައް ފާއިތުވަމުން ގޮސް އައިލަމްގެ ސްކޫލް ދައުރު ނިމުނެވެ. އޭނާ ވީ މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ ފަދަ މޮޅު ދަރިވަރަކަށެވެ. އެއާއެކު ގޭގައި އޭނާގެ ބަސްވިކޭ މިންވަރު ދިހަ ގުނަ އިތުރުވިއެވެ. އޭނާ އައި އިރު ހުރި ހިމަތޮޅިކަން ބަދަލުވެ، އޭނާ ވީ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ، ހަށިގަނޑު ވަރުގަދަ ޒުވާނަކަށެވެ. އޭނާގެ ސިފައަށް އައި ބަދަލަކީ އަހަރެންގެ ކްލާސްމޭޓުންގެ މެދުގައި ބޮޑު ސުރުޚީއަކަށް ވިއެވެ. އޭނާގެ ހަންގަނޑުގެ ކުލަ ވަނީ ހިތްގައިމު މުށިކުލައަކަށް ބަދަލުވެފައެވެ. އޭނާ އިސްތަށިގަނޑު ސްޓައިލްކޮށްލައިގެން ހުންނަ ގޮތުން، ކޮންމެވެސް ހިންދީ ފިލްމީ ތަރިއަކާ ވައްތަރުވެގެން އަހަރެންގެ ރައްޓެހިން އޭނާއަށް ތަފާތު ނަންތައް ކިޔައި އުޅެއެވެ.

"ޒާރާ، ތިޔައީ ކިހާ ނަސީބުގަދަ ކުއްޖެއް! އެކަހަލަ ހޭންޑްސަމް މީހަކާއެކު އެއްގޭގައި އުޅެން ލިބުނީމާ،" ޝިފާ އަބަދުވެސް ބުނާނެއެވެ. ނަމަވެސް އެމީހުންނަށް ނޭނގޭ ކަމަކީ އޭނާގެ އެ ހިތްގައިމު ސިފައަކީ އަހަންނަށް ހަމައެކަނި ފޮނިކަމާއި ބޮޑާކަމުގެ ނިޝާނެއް ކަމެވެ.

އަހަރެން އެންމެ ބޮޑަށް ރުޅިއައީ ކިޔަވަން ދާން ޖެހުނު ދުވަސްވަރުއެވެ. އަހަރެންގެ ހުވަފެނަކީ މެލޭޝިއާއަށް ގޮސް ބިޒްނަސް އެނަލިސިސް ކިޔެވުމެވެ. ނަމަވެސް ބައްޕަގެ ނިންމެވުން ތަފާތެވެ. ބައްޕަ ނިންމެވީ އައިލަމް އިނގިރޭސިވިލާތަށް ފޮނުވާށެވެ. އަހަރެން ކިޔަވަން ޖެހުނީ މާލޭގެ ވިލާ ކޮލެޖުންނެވެ.

"ބައްޕާ، ކީއްވެ އައިލަމް ފޮނުވާފައި އަހަރެން މިތާ ބެހެއްޓީ؟" އަހަރެން އެދުވަހު ޝަކުވާ ކުރީމެވެ.

ބައްޕަގެ ޖަވާބަކީ ވަރަށް ކުރު ޖަވާބެކެވެ. "އައިލަމްއަކީ ފިރިހެން ކުއްޖެއް. އޭނާއަށް އެކަނި އުޅެވޭނެ. އަދި އޭނާ ކިޔަވައިގެން އައިސް ގޭގެ ވިޔަފާރި ބަލަހައްޓަން ޖެހޭނެ. ޒާރާއަކީ އަންހެން ކުއްޖެއް، އަހަރެމެންނާ ދުރުގައި ހުންނާކަށް ބައްޕަ ބޭނުމެއް ނޫން." އެދުވަހު އަހަރެންގެ ހިތް ކުދިކުދިވިއެވެ.

އައިލަމްއަކީ ބައްޕަގެ އަސްލު ދަރިއެއްވެސް ނޫނެވެ. އެކަމަކު އޭނާއަށް ލިބޭ އިސްކަން އަހަންނަށް ވުރެ މާ ބޮޑެވެ.

ކޮލެޖް ނިންމުމަށްފަހު އަހަރެން ވަނީ ބައްޕަގެ ކުންފުނީގައި މަސައްކަތް ކުރަން ފަށާފައެވެ. އަހަރެންގެ ވަޒީފާއަކީ ރިސޯޓްތަކުގެ މާލީ ހިސާބުތައް އެނަލައިޒް ކުރުމެވެ. މިއީ ވަރަށް ބުރަ، ސިކުނޑި ސާފުކޮށް ބަހައްޓަން ޖެހޭ މަސައްކަތެކެވެ. މުޅި ދުވަހު ކޮމްޕިއުޓަރު ކުރިމަތީގައި އިނދެއިނދެ، ބޮލުގައި ރިއްސާ ދުވަސްތައް މަދެއް ނޫނެވެ. އައިލަމް މަސައްކަތް ކުރަނީ ބައްޕަގެ މައި އޮފީހުގައެވެ. އޭނާއަކީ މިހާރު ކުންފުނީގެ މާލީ ކަންކަން ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކަކެވެ. އޭނާގެ ހަރުދަނާކަމާއި، މަސައްކަތަށް ހުންނަ ޝައުގުވެރިކަމުގެ ސަބަބުން ބައްޕަ އޭނާއަށް ކުރާ އިތުބާރު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

މިއަދުވެސް އެއީ އާދައިގެ މަތިން ބުރަ ދުވަހެކެވެ. އޮފީހުން އައިސް ވަރަށް ބަނޑުހައިވެފައި ހުރުމުން އަހަރެން ބަދިގެއަށް ވަނީ އެއްޗެއް ކާލުމުގެ ނިޔަތުގައެވެ. ދޮރު ހުޅުވާލި ތަނުން އަހަރެން ސިހުނެވެ. އައިލަމް ހުރީ ކާން ތައްޔާރު ކުރާށެވެ. ގޭގެ ކައްކާ މީހާ މިއަދު ބަލިވެގެން ނާންނާތީ، ދޮންމަންމަ އެ މަސައްކަތް ހަވާލުކުރީ އޭނާއާއެވެ. ގޭގައި ކިތަންމެ އެހީތެރިން ތިއްބަސް، މިފަދަ ކަންކަމުގައި ދޮންމަންމަ އަބަދުވެސް އިތުބާރު ކުރަނީ އޭނާއަށެވެ. އޭނާ ތައްޔާރުކޮށްފައި ހުރީ އަހަންނަށް އެންމެ މީރު ލަޒާނިއާއެވެ. އޭގެ މީރުވަސް މުޅި ބަދިގެތެރޭގައި ހިފާލާފައި ހުއްޓެވެ.

ނަމަވެސް އޭނާ ފެނުމުން އަހަރެންގެ ބަނޑުހައިހޫނުކަން ފިލައި، ރުޅިވެރިކަން އިތުރުވިއެވެ. އޭނާއަށް ނުފެނި އަވަހަށް ބަދިގެއިން ނުކުތީމެވެ. މިހާރަކަށް އައިސް އަހަރެން ބަލަނީ އޭނާއާ ކުރިމަތިނުލައި އުޅެވޭތޯއެވެ. އެއްގެއެއްގައި އުޅޭއިރުވެސް އަހަރެމެންގެ ދެމެދުގައި ވަނީ ބޮޑު ހަމޭހިމޭންކަމެކެވެ. އޭނާއަށް އަހަރެން ނަފްރަތުކުރާކަން އެނގެއެވެ. ނަމަވެސް އޭނާ އެކަމަކާ ފަރުވާލެއް ނުބަހައްޓައެވެ. ފުރުސަތެއް ލިބިއްޖެނަމަ އަހަރެން ރުޅިއަރުވަން ކޮންމެވެސް އެއްޗެކޭ ބުނެލާނެއެވެ.

"ބޮލީ، މިއަދުވެސް އޮފީހުގައި އިނދެ ނިދާފައިތަ ތިއައީ؟" އޭނާގެ އެ މަލާމާތުގެ ރާގު އަހަރެންގެ ކަންފަތުގައި ޖެހުމުން، އަހަރެންގެ ލޭ ހޫނުވެގެން ދެއެވެ.

އެވަގުތު އަހަރެންގެ ބޮލަށް މޮޅު ޚިޔާލެއް އައެވެ. އައިލަމް ގޭގައި އުޅޭތީ ކާރު އޮންނާނީ ގަރާޖުގައެވެ. އަހަރެން ވަނީ ކުރިން ދަނޑިވަޅެއް ބަލާފައި ކާރުގެ ސިއްރު ތަޅުދަނޑިއެއް ހައްދާފައެވެ. ދޮންމަންމަ ގާތު އެބައަންނަމޭ ބުނެލާފައި، އަހަރެން ކާރުގައި ނައްޓާލީމެވެ. އަހަރެން ދިޔައީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ޝިފާގެ ގެޔަށެވެ. އޭނާ އޭރު ހުރީ އޭނާގެ ލޯބިވެރިޔާ ރޫމީއާ އެކު މެންދުރުގެ ކެއުމަކަށް ދާން ތައްޔާރުވެގެންނެވެ. އަހަރެމެން ދިޔައީ މާލޭގެ މަޝްހޫރު ރެސްޓޯރެންޓަކަށެވެ. އެތަނުގައި ތިބި ހުރިހާ ޖޯޑުތަކެއް ފެނުމުން ޝިފާ އަހަންނާ ދިމާކުރަން ފެށިއެވެ.

"ޒާރާއަށް ކަމުދަނީ ހަމައެކަނި އައިލަމް، އެހެންވެ އެހެން މީހަކާ ގަޔާނުވަނީ،" އޭނާ ހެމުން ބުންޏެވެ. "އަހަރެމެންނަށް އެނގެއޭ އޭނާ ކިހާ ހޭންޑްސަމްކަން. އޭނާ މެލޭޝިއާއިން އައި ފަހުން މުޅި މާލޭގެ އަންހެން ކުދިން ތިބީ އޭނާއަށް ފިދާވެފައި."

އަހަރެން އެކަމާ ދެކޮޅު ހެދީމެވެ.

"އޭނާއަކީ އަހަރެން އެންމެ ފޫހިވާ މީހާ. އޭނާގެ އެ ބޮޑާކަމާއި، ފޮނިގޮތްތަކަކީ އަހަންނަށް ދުވަހަކުވެސް ކަމުދާނެ ކަންކަމެއް ނޫން." ނަމަވެސް ހަގީގަތަކީ އައިލަމްގެ ހުންނަ ބައެއް ސިފަތަކަކީ އަހަރެންވެސް ގަޔާވާ ސިފަތަކެއް ކަމެވެ.

އެކަމަކު އޭނާއާ ރައްޓެހިވުމަކީ އަހަރެންގެ ޚިޔާލަށްވެސް އަންނަ ކަމެއް ނޫނެވެ. އޭނާއަކީ އަހަރެންގެ އެންމެ ބޮޑު ހަތުރެވެ. އޭނާ މިގެޔަށް އައުމުގެ ކުރިން އަހަރެންގެ ދިރިއުޅުމަކީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އޭނާ އައުމަށްފަހު ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީއެވެ.

ގެޔަށް އައިއިރު ދޮންމަންމަ ހުރީ ވަރަށް ރުޅިއައިސްފައެވެ. އަދި އައިލަމްގެ އެ ހަރުކަށި ބެލުންތަކުން އަހަންނަށް އުނދަގޫވިއެވެ. ދޮންމަންމަ އަހަންނަށް ދިގު ލެކްޗަރެއް ދިނެވެ. އަންހެން ކުއްޖަކު އެކަނި ކާރުގައި ބޭރަށް ދިޔުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، އަބަދުވެސް ގޭގެ މީހަކާ އެކު ނޫނީ ނުދިއުމަށް އަމުރު ކުރިއެވެ.

"ޒާރާ، މިއީ ކުޑަކުދިން އުޅޭ ގޮތެއް ނޫން. އައިލަމްއަށް ވެސް ކިހާ އުނދަގުލެއް ވާނެ، އޭނާ ކާރު ބޭނުންވާއިރު ޒާރާ އެ ހިފައިގެން ދިޔުމުން،" ދޮންމަންމަ ބުންޏެވެ. އަހަރެން ރުޅިއައިސްގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީމެވެ.

އަހަރެންގެ ހަމައެކަނި ހިތްހަމަޖެހުމަކީ ފޭސްބުކްގައި ވާހަކަދައްކާ "ޝެޑޯ" އެވެ. އަހަރެންގެ ނަމަކީ "މޫންލައިޓް" އެވެ. އަހަރެމެން ދެމީހުން ވާހަކަދައްކާތާ މިހާރު ހަ މަސް ވެއްޖެއެވެ. އޭނާއަކީ އަހަރެންގެ ހިތުގެ ހުރިހާ ޝުއޫރުތަކެއް ހިއްސާކުރާ މީހާއެވެ. އޭނާ އަހަރެންގެ ފޮޓޯއެއް ނުވަތަ އަސްލު މައުލޫމާތެއް ހޯދާކަށް ދުވަހަކުވެސް މަސައްކަތެއް ނުކުރެއެވެ. އޭނާ އަހަންނަށް ހިތްވަރުދެއެވެ. "ޝެޑޯ" އަކީ އަހަރެންގެ ބޭބެއެއްގެ މަދުކަން ފުރިހަމަކޮށްދޭ މީހަކަށް ވެއްޖެއެވެ. އޭނާއާ ދިމާވުމުން އަހަރެންގެ ފޫހިކަން ފިލައެވެ. އަދި ދިމާނުވެއްޖެ ނަމަ މިސްވާން ފަށައެވެ.

އަހަރެންގެ އުމުރުން ބާވީސް އަހަރު ފުރުނު އުފަންދުވަސް ކައިރިވަމުން އައިއިރު، "ޝެޑޯ" އާ ބައްދަލުކުރުމުގެ ޝައުގުވެރިކަން އިތުރުވިއެވެ. އަހަރެން އޭނާއަށް އަހަރެންގެ ގޭގެ އެޑްރެހާއި، އުފަންދުވަހުގެ ޕާޓީއަށް ދައުވަތު ދިނީމެވެ. އޭނާ ބުންޏެވެ، "އަސްލު އެނގުމުން ޒާރާ މާޔޫސްވެދާނެއެވެ. ނުވަތަ ރުޅި އަތުވެދާނެއެވެ." ނަމަވެސް އަހަރެން ހުރީ އޭނާއާ ބައްދަލުކުރަން ނިންމައިގެންނެވެ. އޭނާ އަކީ އަހަރެންގެ ހިތުގެ ރަސްގެފާނު ކަމުގައި އަހަރެން ނިންމީމެވެ. އޭނާއާ ވާހަކަދައްކާއިރު އަހަންނަށް އިހުސާސްވަނީ ވަރަށް ގާތް މީހަކާ ވާހަކަދައްކާ ހެންނެވެ. އޭނާ އަހަރެންގެ ކޮންމެ ޝުއޫރެއް ދަނެއެވެ. އަހަރެން ދެރަވާ ވަގުތުތަކުގައި އޭނާ އަހަރެން ހެއްވާލައެވެ.

އުފަންދުވަހުގެ ޕާޓީގެ ކަންކަން އިންތިޒާމް ކުރީ އައިލަމްއެވެ. ގޭތެރެ ޒީނަތްތެރިކޮށްފައި ހުރި ގޮތުން އަހަރެން ހައިރާންވިއެވެ. ހީވަނީ އަސްލު ވެސް ޕްރިންސަސްއަކަށް ތައްޔާރުކޮށްފައިވާ ގަނޑުވަރެއް ހެންނެވެ. އެރޭ އަހަރެން ހުރީ ދޮންމަންމަ ތައްޔާރުކޮށްދިން ވަރަށް ރީތި ހެދުމެއްގައެވެ. ހުރިހާ ރައްޓެހިން އައިސް ތިއްބެވެ. ނަމަވެސް އަހަރެންގެ ދެލޯ ހޯދަމުން ދިޔައީ "ޝެޑޯ" އެވެ. އެވަގުތު އައިލަމް ވެސް ހުރީ އާދަޔާޚިލާފަށް ރީތިވެލާފައެވެ. އޭނާގެ ހޭންޑްސަމްކަން މިއަދު އަދި މާ ބޮޑަށް ފާހަގަކުރެވެއެވެ. އޭނާ އަހަންނާ ދިމާއަށް ބަލާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ވިންދު އަވަސްވާކަން އަހަންނަށް އިހުސާސްވިއެވެ.

ޕާޓީގެ ތެރޭގައި އެންމެން މަޖާކޮށް ވާހަކަދައްކަމުން ދިޔައިރު، އަހަރެން ހުރީ ވަރަށް ނުތަނަވަސްވެފައެވެ. "ޝެޑޯ" އަންނާނެ ބާވައެވެ؟ އޭނާ ނައިސްފި ނަމަ އަހަރެން ވަރަށް ދެރަވާނެއެވެ. ވަގުތު ހިނގަމުން ދިޔަވަރަކަށް އަހަރެންގެ ހިތް މަރުވަމުން ދިޔައެވެ. އެވަގުތު ފޯނު ބީޕްވެލިއެވެ.

"އަހަރެން މިހުރީ ޒާރާގެ ހަމަ ކައިރީގައި. ފަހަތަށް ބަލާލަބަލަ." އަހަރެން ތުރުތުރުލާ ހާލު ފަހަތަށް ބަލާލީމެވެ. ފެންނަން ހުރީ ހަމައެކަނި އައިލަމްއެވެ. އޭނާ ހުރީ އަހަންނަށް ބަލަހައްޓައިގެން، އޭނާގެ އާދައިގެ ލާނެތް ހިނިތުންވުމާއެކުގައެވެ.

"ބޮލީ،" އޭނާ މަޑުމަޑުން ގޮވާލިއެވެ.

"ކީކޭ ޕްރިންސަސް؟" އަހަރެންގެ މުޅި ދުނިޔެ ހުއްޓުނު ފަދައެވެ.

"ޝެޑޯ އަކީ އައިލަމް ހެއްޔެވެ؟" އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ އަހަރެންގެ އަތުގައި ހިފާލަމުން ބުންޏެވެ. "ޒާރާ ބުނީމެއްނު ރުޅިއެއް ނުވާނަމޭ؟" އަހަރެންގެ ހިތުގައި ތޫފާނެއް އުފެދުނެވެ. އަހަރެން އެންމެ ލޯބިވި، އެންމެ އިތުބާރުކުރި މީހަކީ އަހަރެން އެންމެ ނަފްރަތުކުރި މީހާއެވެ. މިއޮތްހާ ދުވަހު އަހަރެންގެ ހިތުގެ ހުރިހާ ސިއްރުތަކެއް ހިއްސާ ކުރެވުނީ އޭނާއާ ހެއްޔެވެ؟ އޭނާ އަހަރެންގެ ހުރިހާ ބަލިފައިތަކެއް ދަނެއެވެ.

އެވަގުތު ބައްޕަ އާއި ދޮންމަންމަ އައިސް އެންމެންގެ ކުރިމަތީގައި އަހަރެމެންގެ ކާވެނި އިއުލާން ކުރިއެވެ. މިއީ އެންމެން ރާވައިގެން ދިން ބޮޑު ސަޕްރައިޒެކެވެ. އައިލަމް އަހަރެންގެ އަތުގައި ހިފައިގެން ހުރެ ކޭކު ފެޅިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނަމަވެސް އަހަރެންގެ ހިތުގެ ފުންމިނުން އިހުސާސް ކުރެވީ އާދަޔާޚިލާފު އުފަލެކެވެ. އަހަރެން އޭނާދެކެ ރުޅި އައީ، ހަގީގަތުގައި އޭނާދެކެ ލޯބިވާތީކަން އަހަންނަށް އެނގުނީ އެވަގުތުއެވެ. އޭނާގެ ކޮންމެ އަމަލަކީ އަހަރެންގެ ސަމާލުކަން ހޯދުމަށް ކުރާ ކަމެއްކަން އަހަންނަށް ވިސްނުނެވެ.

ދުނިޔޭގެ ކަންތައް ހުންނަނީ މިކަހަލަ ގޮތަކަށެވެ. އަގުބޮޑު އަލިމަސް ކަނޑަނީ ހިލަގަނޑަކުންނެވެ. ސާފު ރަތުރަން ނަގަނީ ކިސަޑުގެ ތެރެއިންނެވެ. ބަލާލަން ރީތި ހިތްގައިމު ފިނިފެންމާ ފޮޅެނީ ކަށިގަސްގަނޑަކުންނެވެ. އައިލަމް އަކީ އަހަރެންގެ ފުރަތަމަ ނަފްރަތެވެ. އަދި އޭނާއަކީ އަހަރެންގެ ހަގީގީ ލޯބިވެސް މެއެވެ. އޭނާ އަހަރެންގެ ހުރިހާ ސިއްރެއް ދެނެގަތީ އޭނާ އަހަރެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މިއަދު އަހަރެން ގަބޫލުކުރަމެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް އޭނާ ނޫން އެހެން މީހަކު ދުވަހަކުވެސް ކަމަކު ނުދާނެއެވެ.

ޕާޓީ ނިމުމަށްފަހު، އަހަރެމެން ދެމީހުން ބަގީޗާގައި މަޑުކޮށްލީމެވެ.

"ޒާރާ، އަހަރެން މިހާ ދުވަހު ކެތްކުރީ ޒާރާގެ ހިތް އަހަންނަށް ލިބޭނެ ދުވަހަކަށް. އަހަރެން އެނގެން ބޭނުންވީ ޒާރާގެ އަސްލު އިހުސާސްތައް،" އައިލަމް ވަރަށް ލޯތްބާއެކު ބުންޏެވެ.

"އަހަރެން ދުވަހަކުވެސް ޒާރާ ދެރައެއް ނުކުރާނަން." އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފޭދުނެވެ.

އަހަރެންގެ ދިރިއުޅުމުގެ އައު ބާބެއް މިއަދު ފެށުނީއެވެ. ކުރިޔަށް އޮތީ ފޮނި އުންމީދުތަކެވެ. އުފާވެރި ހުވަފެންތަކެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް އެ ބޮޑު ފާރު މިއަދު ވެއްޓިއްޖެއެވެ. އޭގެ ބަދަލުގައި މިއަދު ވަނީ ވަރުގަދަ ލޯބީގެ ގުޅުމެއް އުފެދިފައެވެ.

އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ރެއެވެ. މުޅި ކޮޓަރީގައި ވަނީ ފިނިފެންމަލުގެ މީރުވަހެވެ.

"އައިލަމް، އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން މިކަހަލަ އުފާވެރި ދުވަހެއް އަހަރެންގެ ހަޔާތަށް އަތުވެދާނެ ކަމަކަށް،" އަހަރެން މަޑުމަޑުން ބުނެލީމެވެ.

އޭނާ އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ.

"ޒާރާ، އަހަރެން ޒާރާއާ ދިމާކޮށް، ރުޅިއަރުވަނީ ޒާރާގެ އެ ރީތި ހިނިތުންވުން ދެކެން ބޭނުންވާތީ. އަހަރެންގެ ހިތުގައި ޒާރާއަށްޓަކައި އޮތް ލޯބި ބަޔާންކޮށްދޭން އަހަރެން ބޭނުންކުރި ގޮތަކީ އެއީ،" އޭނާ އޮޅުންފިލުވައިދިނެވެ.

އަހަރެންގެ ހިތުގައި އައިލަމްއާ މެދު އޮތް ހުރިހާ ޝަކުވާއެއް މިއަދު ފިލައިފިއެވެ. އޭނާގެ އެ ބޮޑާކަމަކީ ހަގީގަތުގައި އޭނާގެ ހަރުދަނާކަމެވެ. އޭނާގެ އެ ފޮނިކަމަކީ އޭނާގެ އަމިއްލަ ނަފްސަށް އޮތް އިތުބާރެވެ. އަދި އޭނާ އަހަންނަށް ކުރި މަލާމާތަކީ އަހަރެންގެ ސަމާލުކަން ހޯދުމަށް އޭނާ ކުރި މަސައްކަތެވެ. މިއަދު އަހަރެން މިހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ ފުރަތަމަ ނަފްރަތަކީ މިއަދު އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ލޯތްބެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އަހަރެމެން ދެމީހުން އެކުގައި ކުންފުނީގެ ކަންކަން ކުރިއަށް ގެންދާނަމެވެ. ބައްޕަގެ ހުވަފެންތައް ހަގީގަތަކަށް ހަދާނަމެވެ. އަދި އަހަރެމެންގެ އަމިއްލަ އުފާވެރި އާއިލާއެއް ބިނާކުރާނަމެވެ. މިއީ އަހަރެން ދުވަހަކުވެސް އުންމީދު ކުރި ގޮތެއް ނޫނެވެ. ނަމަވެސް މިއީ މިއަދުގެ ހަގީގަތެވެ. އަހަރެންގެ ހިތުގެ ރަސްގެފާނަކީ އައިލަމްއެވެ. އަހަރެންގެ "ޝެޑޯ" އެވެ. (ނިމުނީ)

        ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.