"މަންމާ" ލާރާ އަޑުގެ ނެތްކޮޅަށް ވަރަށް ރުޅިއައިސް އޭނާގެ މައިދައިތަ ފާތުމައަށް ގޮވާލިއެވެ. އޭރު ލާރާގެ ލޯ ވެސް ވަނީ ރުޅިއައިސް ރަތްވެފައެވެ. އަތް ތުރުތުރު އަޅައެވެ. ލާރާގެ އަޑަށް ފާތުމަ ބާރު ހިނގުމުގައި ކޮޓަރިން ނުކުމެގޮސް ލާރާގެ ކުރިމައްޗަށް އެރިއެވެ. ފާތުމައައިސް ހުއްޓުމާ އެކު އެއްޗިހި ކިޔަން ފެށިއެވެ. ބެލްކަނީގައިގައި ހިއްކަންއަޅާފައިހުރި އެއްޗިހި ކޮޓަރިއަށް ވެއްދުމުންނެވެ. ގޭގައި ލާރާ އާއި މާއިލްގެ ކަންތައްކުރުމަށް މީހަކު އެބަހުރިކަން ހަނދާން ކޮށްދިނެވެ. އަދި ތިޖެހިފަހުރި ބަލި އަހަރެމެން ގަޔަށް އަރުވަން ނޫޅޭށޭބުނެ ކޮޓަރިއަށްވަދެ ދޮރު ޖެހިއެވެ. އެވަގުތު ކޮޓަރިތެރޭ ހުރި މާއިލް ދެން ހިތްހަމަ ނުޖެހެންޏާ އަލުން ތިދޮންނާށޭ ބުނިއަޑުއިވުނެވެ.

ފާތުމަ މިއަދު އެ ވަނީ އެއަޑުތަކަށް ހޭނިފައެވެ. ފާތުމަ އެއްޗިހި ބެލްކަނިން ނަގައި ކޮޓަރިއަށްލީ ވާރޭ ވެހޭތީއެވެ. އެހެން ބުނެދޭނެ ފުރުސަތު ވެސް ނުދީ ލާރާ ކިޔާނެ އެއްޗެއް ކިޔާފައި ދިޔައީއެވެ. މާއިލް ކައިވެނިކޮށް ގެއަށް ލާރާ ގެނައި ދުވަހުން ފެށިގެން މާއިލްގެ ހިތުގައި މަންމައަށް ދެވުނު ގަދަރާއި ލޯބި ވަނީ ފަނޑުވެފައެވެ.

ފާތުމައަކީ ހުދުބަލީގެ ވޭން ތަހައްމަލްކުރަމުންދާ މީހެކެވެ. މާއިލްގެ އުމުރުން 10 އަހަރުގައި ފިރިމީހާ ކެންސަރުބަލީގައި ވަކިވެ ދިޔުމުން މާއިލް ކިޔަވައިދީ މީހަކަށް ހެދީ ފާތުމަ ހެދިކާ ވިއްކައިގެން ލިބުނު އާމްދަނީންނެވެ. މިއަދު އެ ހުރިހާކަމެއް މާއިލް ވަނީ ހަނދާން ނައްތާލާފައެވެ. މާއިލްއަކަށް ލާރާ އެ ވަރަށް ފާތުމަ އާއި ދިމާއަށް އެއްޗިހި ކިޔާއިރު ވެސް ކަމަކަށް ނުވެއެވެ. ބުނެލިޔަސް ބުނެލާނީ ތިގޮތަށް ވާހަކަ ނުދައްކާށޭއެވެ. ފާތުމަވީ ގުރުބާނީގެ އަގެއް ނެތް ފަދައެވެ. ލާރާ ފާތުމައާ ވާހަކައެއް ނުދައްކައެވެ. ހިތުން ރުހުމުގައި ބަލާނުލައެވެ. މާއިލް ވެސް ވާހަކަ ދައްކަނީ ކަމަކު ކިޔަންވީމައެވެ. ބަލިވެގެން ޑޮކުޓަރަށް ދެއްކުމަށް ވެސް ފާތުމަ ދަނީ އެކަންޏެވެ. މާބޮޑަށް ބަލި ނަމަ ހަސްފަތާލަށްވެސް ދަނީ ގޭގައި މާއިލް ގެންގުޅޭ ބަންގުލަދޭޝްގެ ނޯކަރު ފަރީދާއާ އެކުއެވެ. ފަރީދާއާ އެކު ދިޔަކަން އެނގުނަސް ހިތްފަޅައިގެންދާވަރަށް ލާރާ އެއްޗިހި ކިޔައެވެ. އޭގެ ފަހުން ފަރީދާ ވެސް ބިރުން، ފާތުމައާ އެކު ދިޔަސް އެކަމެއް ލާރާއަކަށް ނާންގައެވެ. ފަރީދާވީ ފާތުމައަށް ނުހަނު ހެޔޮ މީހަކަށެވެ. ފާތުމަ ވެސް ބަލަނީ މާއިލްމެންނާ ވީ އެންމެ ދުރެއްކޮށް އުޅެވޭތޯއެވެ. އެހެނަސް ދަރިއަށްވުމުން މަންމާއޭކިޔައި ގޮވާލާތޯ ކިތަންމެ ދުވަހަކު ބަލަހައްޓައިގެން ދޮރުކައިރީ ފާތުމަ ހުރެއެވެ. އެހެނަސް އެމަންޒަރު މާއިލްއަށް ފެންނަ ކަމަށް ވެސް ނުހަދައެވެ. ފާތުމައަށް އަބަދުވެސް އޭނާއަށް ދަރިފުޅު ތަރުބިއްޔަތު ކުރެވުނު ގޮތާ މެދު ވިސްނެއެވެ. ކޮންމެ ދުވަހަކު މާއިލްއަށް ހެޔޮވިސްނުން ދެއްވާ ފާތުމައާ މެދު ކަންތަށްކުރަމުން އެދާ ގޮތް ބަދަލުކޮށްދެއްވުމަށާއި މާއިލްގެ ހިތުގައި މަންމައަށްޓަކައި ލޯތްބާއި ގަދަރާއި އިހްތިރާމް ލެއްވުމަށްއެދި ދުއާ ކުރެއެވެ. 

މާއިލް އާއި ލާރާގެ ދިރުއުޅުން ކުރިއަށްދިޔައެވެ. އެމީހުންނަށް ފާތުމައަކީ މުހިއްމު މީހަކަށްނުވިއެވެ. ބަލިވެ ކޮޓަރިން ނުނުކުތަސް ކޮބާތޯ ނުވަތަ ކައިފިންތޯ ވެސް މާއިލް އަހާނުލައެވެ. ކުރިން ފާތުމަ ދެރަވެގެން މާއިލްއާ އެ ވާހަކަ ދެއްކިޔަސް މިހާރު ފާތުމަ ވެސް އަޅައެއް ނުލައެވެ. މާއިލް އާއި ލާރާ ގޭތެރެ ޒީނަތްތެރިކުރަމުން ދިޔައީ އެ ދެމީހުންގެ އަލަތު ދަރިފުޅު އުފަންވާ ދުވަސް ކައިރިވާތީއެވެ. ލާރާ ބަނޑުބޮޑުކަން ފަރީދާ ފަރާތުން އެނގުނު ދުވަހުން ފެށިގެން ފާތުމަ ހުންނަނީ އެ ދަރިފުޅު ދެކިލުމަށް ކެތްތެރިކަން ކޮޅުންލާފައެވެ. ފަރީދާއަށް ކެއްކުމުގައި އިރުޝާދު ދެމުންދިޔައީ ލާރާ އާއި މާއިލްއަށް ސިއްރުންނެވެ. ލާރާ އާއި މާއިލް ހީ ސަކަރާތް ޖަހަމުން މަސައްކަތުގައި އުޅުނުއިރު ވެސް ފާތުމަ ފެންނަ ހިސާބުގައި ހުރިއިރު ވެސް އެ ދެ މީހުންނަށް ފާތުމަ ނުފެންނަ ކަހަލައެވެ. އެހެނަސް ފާތުމަ ހެވިފައި އެތަނުގައި ހުއްޓެވެ. 

ލާރާ ވިހެއުމަށް ހަސްފަތާލަށް ދިޔައީ ދަންވަރުއެވެ. އެކަން ފާތުމައަށް އެނގުނީ ފަރީދާ ފަރާތުން ފަތިހުއެވެ.  ކުޑަމިނުން އެކަން ވެސް މާއިލްއަށް ނޭންގުނެވެ. އެ ޚަބަރާއެކު ފާތުމަ ހަސްފަތާލަށް ދިޔައިރު ލާރާގެ އާއިލާ ވެސް އެތަނުގައި ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް އުފާވެރިކަން ފެންނަމުން ދިޔައެވެ. ލާރާގެ މަންމަ ސަމީމާއަށް ފާތުމަ ފެނިގެން ސަލާން ކޮށްލަމުން ވަރަށް ވާހަކަ ދެއްކިއެވެ. ލާރާ އުޅުމާ ބޭހޭގޮތުން ވެސް ސުވާލުކުރިއެވެ. ފާތުމަ ހީލަމުން އެއީ ވަރަށް ރަނގަޅު ކުއްޖެކޭ ބުނިއަޑު މާއިލްއަށް އިވުނެވެ. މާއިލްއަށް ފާތުމައާ ދިމާއަށް ބަލާލެވުން އިރު ފާތުމަ ވެސް ހުރީ މާއިލްއަށް ބަލަހައްޓައިގެންނެވެ. މާއިލްއަށް ފާތުމަގެ ދެލޮލުން ވޭނީ ކަރުނަ ފެނުނެވެ.

"މާއިލް... ދަރިފުޅު..." ނަރުސް ކުއްޖާ ދަރިފުޅު ގޮވައިގެން ނުކުތްތަން ފެނިފައި އެތަނުން މީހަކު ގޮވާލިއެވެ.

މާއިލްގޮސް ދަރިފުޅު އުރާލިއެވެ. ސަމީމާ ވެސް ފާތުމަ އަތުގައި ހިފައިގެން ގޮސް މާއިލްގެ ކައިރިއަށް ހުއްޓުނެވެ. ލޯބިލޯބި ފިރެހެން ކުއްޖެކެވެ. އެދަރިފުޅު ފެނުމާއެކު ފާތުމަ ﷲއަށް ހަމްދުކުރިއެވެ. ލޮލުން ފޭބި އުފާވެރި ކަމުގެ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. ސަމީމާ ވެސް އެދަރިފުޅު އުރާލިއެވެ. ސަމީމާ އުރައިގެންހުރެފައި އަވަހަށް މާމަ ވެސް އުރާލާށޭބުނެ ފާތުމައަތަށް އެދަރިފުޅު ލިއެވެ. ފާތުމަ ލޯބިން އެދަރިފުޅު ބޮޑިކޮށްލާ މޫނަށް ބޮސްދިނެވެ. 

ހަވީރުވުމުން އަނެއްކާ ވެސް ފާތުމަ ހަސްފަތާލަށް ދިޔައެވެ. ލާރާމެން ތިބި ކޮޓަރި ނޭނގޭތީ މާއިލްއަށް ގުޅުމުން ފޯނު ނުނެގެމުން ފާތުމަ ދިޔައީ ސަމީމާއަށް ގުޅައިގެންނެވެ. ސަމީމާ އެކު ވަދެގެން ފާތުމަ ގޮސް އެ ދަރިފުޅު ބާއްވާފައިވާ އެނދު ކައިރިއަށް ޖެހިލިއެވެ. އަރާމް ނިންޖަކުން ނިދާފައިވާ އެ ދަރިފުޅުގެ މޫނުގައި ބީހިލުމަށް ބޭ އިހްތިޔާރުގައި ފާތުމަގެ އަތް ހަރަކާތް ކުރަމުން ދިޔައެވެ.

"މާއިލް ބޭބީ ގެނެސްދީބަލަ... ބަނޑުހައިވެފަ އޮންނާނީ..." ފާތުމަ ކުޑަދަރިފުޅު ގައިގައި އަތްލަފާނެތީ ލާރާ ބުނެލިއެވެ.

މާއިލް އަވަސް އަވަހަށްގޮސް ދަރިފުޅުނަގައި ލާރާ ކައިރީގައި ބޭއްވިއެވެ. ސަމީމާ ވެސް ތެދުވެ ގާތުން ދިނުމަށް ލާރާއަށް އެހީތެރިވެދިނެވެ. ހަދާނެ ގޮތެއް ނޭނގިފައި އެ ހުރި ފިޔަވަޅުމަތީ ފާތުމަ ހުރީއެވެ. ގާތުންދީ ނިމުމުން ލާރާގެ މަންމަ ސަމީމާ ދަރިފުޅު ނަގައިގެންގޮސް ފާތުމަ ކައިރިއަށް ހުއްޓުނެވެ. އަދި އަވަހަށް އުރާލާށޭ މި ވަގުތު މިއޮތީ ބަނޑުފުރި ނިދިފައި ކަމަށް ބުނެލިއެވެ. ފާތުމައަށް މާއިލް އާއި ލާރާގެ މޫނަށް ބަލާލެވުނެވެ. ލާރާގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. މާއިލްހުރީ ފޯނަށް ގެއްލިފައެވެ. ފާތުމަ ހީލަމުން މިވަގުތު ނިދާފައި އޮތުމުން އިހަށް ބާއްވާލާށޭބުނެލިއެވެ. އުރާލުމަށް ކިތަންމެ ހިތް އެނދުނަސް ފާތުމައަށް އެ ހިތްވަރެއް ނުލިބުނެވެ. ދަރިފުޅު އެނދުގައި ބާއްވާލުމަށް ފަހު ސަމީމާ ފާތުމަގެ ކައިރިއަށް ޖެހި އެކިއެކި ވާހަކަ ދެއްއްކުމުގައި އިރުކޮޅަކު ހުރުމަށްފަހު ސަމީމާ ގެއަށްދިޔައެވެ. ފާތުމަވެސް އިރުކޮޅަކު ހުރުމަށްފަހު އެތަނުން ނުކުތެވެ.

"އަހަރެން ބޭނުމެއްނޫން މާއިލްގެ މަންމަގެ އެ މުޑުދާރު އަތުން ދަރިފުޅު ގައިގައި އަތްލާކަށް... މަންމަ ކައިރި ބުނާތި ބޭބީ އުރައިގެން ނުވާނެޔޭ.." ފާތުމަ ނުކުތުމާއެކު ލާރާ ވަރަށް ރުޅިއައިސް ބުނެލިއެވެ.

މާއިލް ވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލަމުން ބޭބީއާ މަންމަ ކައިރިވިޔަކަ ނުދޭނަމޭ ބުނެލީ އެއްވެސް ޖެހިލުމެއްނެތިއެވެ.

މިއަދު މާއިލްއަށް މަންމަ މުޑުދާރު ވެއްޖެއެވެ. މާއިލްގެ ހަޔާތަށް ލާރާ ނާންނައިރު މާއިލްއަށް މަންމައަކީ މުތެކެވެ. ހުދުބައްޔަކީ މާއިލް ހަނދާން ހުންނަން ފެށީންސުރެ ފާތުމަގައިގައި ހުންނަ ބައްޔެކެވެ. ފިރިމީހާ އަލިދީދީ ދުނިޔޭގައި އެކަމަށް ފަރުވާ ވެސް ކުރެވުނެވެ. އަލިދީދީ ވަކިވެ ދިޔުމަށްފަހު ފާތުމަ އުޅުނު ހާލު އެންމެ ކައިރިން ވެސް ދުށީ މާއިލްއެވެ. ފާތުމައަށް ނުނިދި އެތައް ރެއެއް ހޭލާ ހުއްޓަސް އެއްވެސް ކަމެއް އުނިވިޔަނުދީ ކޮށްދިނީ ފާތުމައެވެ. ސުކޫލްކުދިން ފާތުމައަށް މަލާމަތްކުރުމުން އެ ދުވަހު މާއިލް ފާތުމަ ދިފާއު ކުރިއެވެ. އެހެނަސް މިއަދު އެ ހުރިހާކަމެއް ބަދަލުވެ ލާރާގެ އަޅަކަށް މާއިލްވަނީ ބަދަލުވެފައެވެ. މިހާރު މާއިލްއަށް ފާތުމަ ހުތުރެވެ. ފާތުމަގެ އެ ސިފައަށް ލާރާ އެއްޗެއް ބުންޏަސް އެއީ މާބޮޑު ކަމަކަށް މާއިލް ނުހަދައެވެ. މަންމަ ދެރަވާނެޔޭ އެ ހިތަށް ކުޑަކޮށްވެސް ނާރައެވެ.

ވިރެމުންދިޔަ ހިތަކާ އެކު ފާތުމަ ގެއަށް ދިޔައެވެ. އޭރު ފަރީދާ ގޭތެރެ ސާފުކުރުމުގައި އުޅެއެވެ. ފާތުމަ ހުރިގޮތް ފެނި ފަރީދާ ފާތުމަ ކައިރިއަށް ޖެހިލިއެވެ. ފާތުމަ ފަރީދާ ގައިގައި ލެނގިލަމުން ގިސްލާރޮމުން ދިޔައެވެ. ރޮމުން ފިރިމިހާ އަލިދީދީއަށް ގޮވުނު އަދަދު ނޭނގެއެވެ. ފަރީދާ ހުރީ ހާސްވެ ކަންތައް ބޮޑުވެފައެވެ. ފާތުމަ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ފަރީދާ ހުއްޓެވެ. އެތައް އިރަކު ފާތުމަ ރޯން ހުރުމަށް ފަހު ކޮޓަރިއަށް ވަނެވެ. ވުޟޫކޮށް ދެރަކުއަތުގެ ނަމާދެއް ކުރިއެވެ. މާއިލްގެ ހިތުގައި މައިކުލުނު ލެއްވުމަށްއެދި ދުޢާ ކުރުމުގައި އެތައްއިރެއް ފާތުމަ ހޭދަކުރިއެވެ.

ލާރާ ހަސްފަތާލުން ދޫކޮށްލެވުނެވެ. ދަރިފުޅު ގޮވައިގެން ވަން ވަގުތު ވެސް ލާރާއަށް ފާތުމަ ފެނުމުން ރުޅި މޫނު ދައްކާފައި ވަނީ ކޮޓަރިއަށެވެ. މާއިލް ގޮސް ފާތުމަގެ ކުރިމައްޗަށް ހުއްޓުނެވެ.

"ލާރާ ބޭނުމެއްނޫން މަންމަ ބޭބީ އުރާކަށް.. ތިބަލީގެ އަސަރު ބޭބީއަށް ކޮށްފާނެތީ..." މާއިލް ފުންނޭވާއެއް ލަމުން ބުނެލިއެވެ. އަދި މަންމަގެ ދެލޮލަށް ބަލާލިއެވެ.

"ދަރިފުޅަށް އެންމެ ރަނގަޅަށް އެނގޭނީ މިއީ ގައިންގަޔަށް އަރާ ބައްޔެއް ނޫންކަން.." ފާތުމަގެ ކުރެކިފައިވާ އަޑު ނުކުތެވެ. "އެކަމަކުވެސް.. މަންމަ އެސޮރު އުރައިގެން ލާރާ މިގޭތެރޭ މަންމައަށް އެއްޗިހިކިޔުން އޮންނާނީ.. ގޭތެރެ ހަލަބޮލިވުން ނޫން ކަމެއް ނުވާނެ.. އެއީ މަންމައަށް ވެސް އެންމެ ރަނގަޅުވާނެގޮތް... މާއިލް އިސްޖަހާލަމުން ގޮސް ވަނީ ކޮޓަރިއަށެވެ. ފާތުމަ ވެސް އިސް ޖަހާލަމުން ކަރުނަތައް ފޮހެލަމުން ކޮޓަރިއަށްވަނެވެ. 

ދުވަސްތައް ފާއިތުވަމުން ދެއެވެ. މާއިލްއަށް އޭނާގެ މަންމަ ގޭގައި އުޅޭހެން ވެސް ހީނުވެއެވެ. މާއިލް ފާތުމައާ ވާހަކަ ދައްކާލަނީ ވެސް ހިތަށް އެރިއްޔާއެވެ.  މައިވަންތަކަމަކީ ކޮބާކަން ފިރެހެނަކަށް އިހްސާސް ނުވެދާނެއެވެ. އެހެނަސް ލާރާ މިއަދު މަޔަކަށްވީއިރު ވެސް ނޭނގުނެވެ. މާއިލްއާއި ލާރާ ފިކުރެއްނެތި ދިރިއުޅުމައިގެން ކުރިއަށް ދިޔައީ މި ކުރެވެނީ ފާފައެއް ކަމާމެދު ވެސް ވިސްނާނުލައެވެ. ފާތުމައަށް މާއިލްގެ ދަރިފުޅު މީޝަމް ފެންނަ ކޮންމެ ފަހަރަކު އެ ލޯބި ކުޑަކުޑަ ފުރާނަ އުރާލައި އެ މޫނުގަ ބޮސްދީ ބައްދާލަން ހިތް ރޮމުން ދެއެވެ. އެހެނަސް އެއް ފުރާޅެއްގެ ދަށުގައިއުޅެ އެ ފުރުސަތު ނުލިބި ހަ މަސް ފާއިތުވީއެވެ. މީޝަމް އުފަންވި ދުވަހު އުރާލުން ފިޔަވައި ފާތުމައަށް އެ ދަރިފުޅުގެ ގައިގައި އިނގިލި ކުރި ޖައްސާލާނެ ފުރުސަތު ވެސް ނުލިބެއެވެ. ފާތުމަ އުއްމީދު ކޮށްގެންހުރީ ލާރާ ވަޒީފާއަށް ނުކުންނައިރު ފަރީދާއާ މީޝަމް ހަވާލް ކުރުމުން އެ ފުރުސަތު ލިބޭނެ ކަމަށްށެވެ. އެހެނަސް ކަންތައް ވެގެންދިޔައީ އެހެނެއް ނޫނެވެ. ދަރިފުޅު ގެންދިޔައީ ކުދިން ބަލަހައްޓާ ސެންޓަރަކަށެވެ. ދަރިފުޅު ގޮވައިގެން ލާރާ ގެއަށް ވަންނަނީ ހަވީރުވާ ފަހުންނެވެ. އެއީ ވެސް ފާތުމަ މީޝަމް އުރާހަދާފާނެތީކަން ފާތުމައަށް އެގެއެވެ.

ދުވަހަކީ ހުކުރު ދުވަހެވެ. ހަވީރުވުމުން ފަރީދާ ވެސް އޭނާގެ އެކުވެރިންނާ އެކު ބޭރަށް ނުކުތެވެ. ލާރާ އުޅުނީ މީޝަމް ގޮވައިގެން ކޮޓަރީގައެވެ. މާއިލް އޮފީސް ކަމެއް ޖެހިގެން މެންދުރު ކައިގެން ބޭރަށް ނުކުތްގޮތަށް ގެއަކަށް ނާދެއެވެ. ފާތުމަ ޓީވީ ކައިރީގައި އިންދާ ފައިގައި ކުޑަކުޑަ އަތަކުން އަތްލާހެން ހީވެގެން ބަލާލިއިރު މީޝަމް ފިރުކެމުން އެކަނިމާއެކަނި ކޮޓަރިން ބޭރަށް ނުކުތީއެވެ. ފާތުމަގެ ހިތް އެދެމުންދިޔައީ އެދަރިފުޅު ނަގައި ބޮނޑިކޮށްލުމަށެވެ. މާއިލް ބުނެފައިވާ ޖުމުލަ ހަނދާންކުރާކަށް ފާތުމަ ބޭނުމެއް ނުވިއެވެ. ފާތުމަ މީޝަމްއަށް ބަލާލުމާ އެކު މީޝަމް ހޭން ފެށިއެވެ. އެވަގުތު މީޝަމް ފަހަތަށް ވެއްޓެން އުޅުމުން މަގޭދަރިއޭ ބުނަމުން ފާތުމަ މީޝަމް ނަގައި ބައްދާލިއެވެ. ލާރާއަށް ނުކުމެވުނީ އެވަގުތުއެވެ. އައިގޮތަށް މީޝަމް ޖަހައިގަންނަމުން ފާތުމަ ކޮށްޕައި ވައްޓާލިއެވެ.

"މުޑުދާރު އަންހެނާ... ނުޖެހޭ އުރާކަށް. ހަމަ ނޭގެނީތަ... ނުވިސްނެނީތަ މަ ކަލޭމަތިން ފޫހިވާކަމެއް... ފަކުރު ގަންނަ ކަމެއް..." ލާރާހުރީ ރުޅިއައިސް ތުރުތުރު އަޅައެވެ.

ލާރާގެ ހަޅޭކުގެއަޑަށް ބިރުން މީޝަމްއަށް ވެސް ރޮވެމުން ދިޔައެވެ. ލާރާ ހުއްޓާނުލައި އެއްޗިހި ކިޔަމުން ގޮސް ކޮޓަރިއަށްވަނީ ފާތުމައަށް ވީގޮތެއް ބަލާވެސް ނުލައެވެ. ފާތުމަ ވެއްޓި ފާތުމަގެ އުނަގަނޑު ޖެހުނީ ބިއްލޫރި މޭޒެއްގައެވެ. މޭޒު ތަޅައިގެން ނުދިޔަޔަސް ޖެހުނުލެއް ބާރުކަމުން ފާތުމައަށްއިނީ ހިރިވެސް ނުލެވިފައެވެ. ދެންމެ ލާރާ ބުނި ބަސްތަށް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ބިއްލޫރި މޭޒު ކައިރިއަށް ވެއްޓިފައޮތް ފޯނުނަގައި ފާތުމަގުޅީ މާއިލްއަށެވެ. ވަރަށް ބިޒީކަމަށްބުނެ މާއިލްނައެވެ. ދެންގުޅީ ފަރީދާއަށެވެ. އޭރު ފަރީދާ އޭނާގެ އެކުވެރިއަކާ އެކު އައިސް ގެއަށްވަންނީއެވެ. ދެ މީހުންވެގެން ފާތުމަ ނަގައި އަތުލަފިކޮށްގެން ގޮސް ކޮޓަރީގައި ބޭއްވިއެވެ. 

އެދުވަހުގެ ފަހުން ފާތުމަ ގިނަވަގުތު ހޭދަކުރަމުންދިޔައީ ކޮޓަރީގައެވެ. މަންމަ ނުފެންނާތީ މަންމަ ދެކިލުމަށްވެސް ނޫނީ ކޮބާތޯ ބަލާލަން ވެސް މާއިލް އެކޮޓަރިއަކަށް ނުވަދެއެވެ. މަންމަ ކައިފިތޯ ވެސް ބަލާނުލައެވެ. ނުވަމަހާއި ނުވަދުވަސް އެކަންޏެއް ނޫނެވެ. އުމުރުން 25 އަހަރު ވަންދެންވެސް މާއިލް ކެއީ ފާތުމަގެ އަތުންނެވެ.

ސަރުކާރު ބަންދު ދުވަހެއް ކަމަށްވާތީ ލާރާވެސް މާއިލް ވެސް ގޭގައި އުޅުނު ދުވަހެކެވެ. ފާތުމަވެސް ކޮޓަރިން ފެން ހުސްވެފައި ހުރުމުން ފެންތައްޓެއް ބޯލުމަށް ނުކުމެ ސޯފާގައި އިށީދެލިއެވެ.

"މަންމިއަށް ބައި ކިޔާލާ ދޫނި.." މާއިލް މީޝަމް ގޮވައިގެން ކޮޓަރިން ނުކުންނަމުން ބުނެލަމުން މީޝަމްގެ ކުޑަކުޑަ އަތްތިލަ ހިއްލާލިއެވެ.

މީޝަމް ބާރަށް ހީލާފައި ބައިބައި ކިޔަލިއެވެ. އަދި ކޮޓަރި ދޮރު ލައްޕާފައި މާއިލް ހިނގައިގަތުމާ އެކު މީޝަމްއަށް ފާތުމަ ފެނިގެން ފާތުމައަށް ވެސް ހީލާފައި ބައިބައި ކިޔަންފެށިއެވެ. ފާތުމަވެސް ހީލާމުން ތެދުވެ އަތް ހަރަކާތް ކޮށްލިއެވެ. އަދި މާއިލްއަށް ދަރިފުޅާއޭ ކިޔައި ގޮވާލިއެވެ. މާއިލް މާބޮޑު ސަމާލުކަމެއް ނުދީ މިދަނީ ބޭބީ ގޮވައިގެން ދުއްވާލަން ކަމަށްބުނެ ހިނގައިގަތެވެ.

"މިއީ ދަރިފުޅު ބަނޑުއަޅައިވިހޭ މައިމީހާއޭ.. ސުވަރުގެވަނީ މަންމަގެ ފައިތިލަ ދަށުގައޭ ދަރިފުޅާ...ހެޔޮނުވާނެ..."ފާތުމަގެ ގިސްލަމުން ބުނެލިއެވެ.

އެއަޑުގައިވީ ރިހުން މާއިލްއަށް އިހްސާސްވިއެވެ. ފަސްއެނބުރި ފާތުމައަށް ބަލާލިއެވެ. އެދެލޮލުން އެތައް ވާހަކައެއް މާއިލްކައިރީ ދައްކަން ބޭނުންވެފައިވާކަން އެނގެއެވެ. ފާތުމަގެ އަތް އުފުލާލިއެވެ. ދަރިފުޅާ ހަމައެންމެ ފަހަރަކު ވެސް ބައްދާލާށޭ ބުނާ ފަދައިންނެވެ. ތެދެކެވެ. ލާރާއާ ކައިވެނި ކުރެވުމަށްފަހު މާއިލް މުޅިން ބަދަލްވެއްޖެއެވެ. މަންމައާ އަނގައިން ނުބުނާތާ ރުހިފައި ބަލާވެސް ނުލެވެއެވެ. ފާތުމަ ފެނިފައި މިއަދު މާއިލްއަށް އަސަރު ކޮށްފިއެވެ. މަންމަ ވެސް މިއަދު އެ ވަނީ މުސްކުޅިވެ ގައިބާރުދެރަވެފައިކަން އެ މޫނުމަތިން ފެންނަން އެބަހުއްޓެވެ. މާއިލްގެ އެހީތެރިކަމަށް އެ ހިތް ރޯކަމުގެ އިހްސާސް މާއިލްއަށް ކުރިއެވެ. މީޝަމްއަކީ މަންމަ މާމަ ދަރިއަށްވެފައި މީޝަމް އުރާލަން ބޭނުންވާނެކަން ހިތަށްއެރުމާ އެކު ފާތުމައާ ދިމާއަށް ދިޔުމަށް މާއިލް ހިނގައިގަތެވެ. އެވަގުތު ފާތުމަގެ ފަހަތުން މާއިލްއަށް ލާރާ ފެނުނެވެ. ލާރާ ދެލޯބޮޑުކޮށްލަމުން ނޫނެކޭ ބުނުމަށް ދެއަތަށް ބޯހޫރުވާލިއެވެ. މާއިލް ކުރިއަށްނެގި ފިޔަވަޅު ހުއްޓާލައި އިސްދަށަށް ޖަހާލަމުން ގެއިން ނުކުތެވެ. މާއިލްގެ މި ހަރަކާތުން ފާތުމަ ހިތަށްކުރި އަސަރުން ހުރިފިޔަވަޅު މައްޗަށް ތިރިވެ ރޮމުންދިޔައެވެ. އެހެނަސް ލާރާގެ ހަރުހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. 

"ބައްޕި... ބައްޕި... ތެދުވޭ...." މާއިލްއަށް އިވެމުންދިޔައީ މީޝަމްގެ އަޑެވެ.

ދެން އިވެން ފެށީ ލާރާގެ ރުއިމުގެ އަޑެވެ. ގިސްލުމުގެ އަޑުން މުޅި މާހައުލު ގުގުމަން ފެށިއެވެ. އެއާ އެކު އެންމެންގެ ރުއިމުގެ އަޑު ތެރެއިން މާއިލްއަށް އިވެންފެށީ މަންމަގެ ގުރުއާން ކިޔެވުމުގެ އަޑެވެ. އެއަޑުގައި އެތައް އަސަރެއް އެބަވެއެވެ. މާއިލް ލޯހުޅުވަން މަސައްކަތް ކުރިއެވެ. އެހެނަސް ލޮލެއް ނުހުޅުވުނެވެ. އަތެއް ފަޔެއް ހަރަކާތެއް ނުކުރިއެވެ. މާއިލް އެތައް މަސައްކަތެއް ކޮށްގެން ވެސް ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް ހުރިހާ އަޑެއް އެއްފަހަރާ ކެޑުނެވެ. ހިނދުކޮޅެއްނުވެ މަޑުފިޔަވަޅެއްގެ އަޑު މާއިލްގެ ކަންފަތުގައި ޖެހުނެވެ. އެއީ ދެވަނަ މީހެއްގެ ފިޔަވަޅެއް ނޫންކަން މާއިލްއަށް އެނގުނެވެ.  އެއީ މާއިލްގެ މަންމަ ފާތުމަގެ ފިޔަވަޅުކަން އެނގި މަންމައަށް ގޮވަން މާއިލް މަސައްކަތް ކުރިއެވެ. އިރުކޮޅަކުން އިވެންފެށީ ފާތުމަގެ ގިސްލުމުގެ އަޑެވެ.

"ޔާ ﷲ... މިއަޅާގެ ދަރިފުޅުގެ ފާފަ ފުއްސަވާންދޭވެ... ކަށްވަޅަކީ އަލިތަނެއް ކަމުގައި ލައްވައި ނަރަކައިގެ ހޫނު އަލިފާނުން މިއަޅާގެ ދަރިފުޅު ސަލާމަތް ކުރައްވާނދޭވެ...ޔާ ﷲ...މިމަންމަގެ ފައިތިލަދަށުން ދަރިފުޅު ސުވަރުގެ ވައްދަވާނދޭވެ..." ފާތުމަގެ ގިސްލުމާއި ރުއިމުގެ އަޑުން މާއިލްގެ ކަންފަތް ގުގުމަމުން ދިޔައެވެ. "މަންމާ.....މަންމާ.... މާފްކުރޭ..." މާއިލްގެ ދެލޯބޮޑުވިއެވެ. ތެދުވެ މަންމައަށް ގޮވަންފެށިއެވެ. އޭރު މާއިލްގެ އަތުގައި ހިފައިގެން ފިރުމާލަ ފިރުމާލަ ފާތުމަ އިނެވެ. މާއިލްއޮތީ ހަސްފަތާލުގައި އެނދުމަތި ކުރެވިފައިކަން އެނގުނީ އެމާހައުލު ފެނުމުންނެވެ. މާއިލްއަށް އެ ފެނުނީ ހުވަފެނެއްކަން އެނގުނެވެ. މާއިލް ފާތުމަގެ އަތްނަގައި އެއަތުގައި ބޮސްދެމުން މާފަށް އެދެމުން ދިޔައެވެ. މާއިލް ހޭއެރުމުން ނަރުހާއި ޑަކުޓަރުން ވަދެ މާއިލް ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ޑަކުޓަރުގެ އެދުމަށް ފާތުމަ ބޭރަށް ނުކުތެވެ.

މާއިލް ހަމައަކަށް އެޅުމުން ފުރަތަމަ ވެސް ހޯދީ ފާތުމައެވެ. އައިސީޔޫ ތެރެއަށް ފާތުމަ ވަނެވެ. މާއިލްގެ ބޮލުގައި ފިރުމާލަމުން ﷲއަށް ހަމްދު ކުރިއެވެ. މާއިލް ހަމައަކަށް އެޅުމުން މީޝަމް ގޮވައިގެން ސައިކަލް ދުއްވާލަން ނުކުމެ އުޅެނިކޮށް އެކްސިޑެންޓްވީ ކަމާއި އެކްސިޑެންޓްގައި މީޝަމް ނިޔާވި ޚަބަރު ދިނެވެ. ލާރާ ވެސް އޮތީ އެޑްމިޓް ކޮށްފައިކަމާއި މާއިލްއާ މެދު ޑޮކުޓަރުން ވެސް އުއްމީދު ކަނޑާލި ކަމަށް ފާތުމަ ކިޔައިދެމުން ދިޔައެވެ. މާއިލް ހޭއެރީ އެކްސިޑެންޓްގެ ފަސް ދުވަސް ފަހުން ކަމަށްވާތީ މީޝަމް ފެނުމުގެ ނަސީބު ވެސް މާއިލްއަކަށް ނުލިބުނެވެ. 

މާއިލް ދޫކޮށްލީ ލާރާއަށްވުރެ އެއްދުވަސް ފަހުންނެވެ. މީޝަމްގެ ވަކިވެ ދިޔުމާއެކު މާއިލްކައިރިއަށް ހަސްފަތާލަށް ވެސް ދާނެ ހިތްވަރު ނުލިބި ލާރާ އިނީ ގޭގައެވެ. މާއިލް ގެއަށް ދޫކޮށްލަންދެން މާއިލްއަށް އެހީތެރި ވުމަށް ހުރީ ފާތުމައެވެ.  ވަރުބަލިކަމެއްނެތި ހޭހަން ކުރަންހުރީ މާއިލް ހަނދާން ނައްތާލި މައިމީހާއެވެ. މާއިލްއަށް މިއަދު އެނބުރި މިހާލަތަށް ވެސް މިއާދެވުނީ ހަމަ އެ މަންމަގެ ދުއާއިންނެވެ. މާއިލްގެ އަތުގައި ހިފައިގެން ފާތުމަ އެކޮޓަރިއަށްވަނެވެ. އޭރު ލާރާއޮތީ އެނދުގައި އޮށޯވެ ރޯށެވެ. އަދިވެސް ލާރާ ހަމައަކަށް ނޭޅެއެވެ. އޮށޯވެއޮތް ލާރާއަށް ފާތުމަ ފެނިފައި ތެދުވިއެވެ.

"މިހިރަ ސުންޕާ އަންހެނާ... އަހަރެމެންގެ ދަރިފުޅު އެ ގެއްލުނީ ކަލޭގެ ސުންޕާކަމުން.." ލާރާގެ އެ ޖުމުލައާ އެކު ލާރާގެ ކަންކަށިމަށްޗަށްއެރީ މާއިލްގެ އަތުގެ ހޫނު ކަމެވެ. ލާރާއަށް ތަދުވެގެން ކޮލުގައި އަތްއުގުޅާލެވުނެވެ. "އަހަރެމެންގެ އަމިއްލަ ކުށުން އަހަރެމެންގެ ދަރިފުޅު އަހަރެމެންނަށް ގެއްލުނީ... އެކަމަކު  އެވަރުން ވެސް ތިޔަ ނުބައި ސިނކުޑިއަށް ނުވިސްނުން.. އަހަރެންގެ މައިމީހާގެ ސިފަޔަށް ކަލޭގެ ސަބަބުން އަހަރެންނަށް ވެސް ނަފުރަތު ކުރެވުނީ.. އަދި އެމަންމައާ މެދު ކަންތައް ކުރެވުނުގޮތް ހިތަށް އެރިޔަސް އެކަމާ މިއަދު އަހަރެންދެރަވެ ލަދުގަނޭ... މިއަދު މީޝަމް ނެތުމުން ތިކުރާ ހިތާމަ އަހަރެން ގެއްލިގެން އަހަރެންގެ މަންމަ ކުރާތާ ކޮންދުވަހެއް... މައެއްގެ އިހްސާސް ނޭގުނު މީހަކަށް މައެއްގެ ދަރަޖައެއްވެސް ނޯންނާނެ.. ކަލޭ އެއްފަހަރު ވެސް ވިސްނާލިންތަ ކަލެއަށް މިކަހަލަ ބައްޔެއްޖެހި އެ ހެންމީހުން ކަލޭ ބާކީ ކޮށްލީމަ ވާނެދެރަ... ކަލެއާ އެކު އުޅޭކަށް ބޭނުމެއްނޫން... ތިހިރީ ވަރިކޮށްފަ... ނުކުމޭ..." މައިލް ލާރަގެ ކޮލުގައި ބާރަށް ހިފާލަމުން ބުނެލިއެވެ.

މާއިލްގެ ކުއްލި މިހަރަކާތުން ފާތުމައަށް މާއިލްއެއް ނުހިފެހެއްޓުނެވެ. ލާރާ ރޮމުން ދިޔައެވެ. މާއިލް ކުޑަކުއްޖެއް ފަދައިން ފާތުމަގެ ފައިބުޑަށް ތިރިވިއެވެ.

"މިދުނިޔެއަށް ފުރަތަމަވެ ސް ދެވަނަ ފަހަރަށް ވެސް މި އާދެވުނީ ހަމަ މަންމަގެ ދުޢާ ﷲ އިޖާބަ ކުރެއްވުމުން.. މަންމާ މަށަށް މާފްކުރޭ..." މާއިލް ގިސްލާ ރޮމުންދިޔައިރު ފާތުމަ އެދެމުން ދިޔައީ ލާރާ ދޫކޮށްނުލުމަށެވެ. މާއިލް ބޯ ހޫރާލިއެވެ.

"މަންމާ... މަންމަ އަހަރެންބެލީ ލޮލުގެ ނޫރު ފަދައިން... އެކަމަކު ލާރާގެ ނުބައިކަމުން އަހަރެންގެ ލޯބިވާ މަންމަ އެކަހެރި ކޮށްލެވުނީ. އިތުރަށް އަހަރެން އެ އަނދިރިކަމުގެ ތެރެއަށްދާކަށް ބޭނުމެއްނޫން... މަޔަކަށް ވުވުމުންވެސް މައެއްގެ އިހްސާސް ލާރާއަކަށް ނޭނގުނު.. އެއީ ރަނގަޅު އަންހެނެއް ނަމަ އަހަރެންނާއި މަންމަ މިހާ ދުރުނުވީސް.." މާއިލް މަންމަ ގައިގައި ބައްދާލަމުން މަންމަގެ ނިތްކުރީގައި ބޮސްދިނެވެ. (ނިމުނީ)

      ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.