އެ ދެމީހުން ވެސް ބައްދަލުވީ މުޅި ރަށުތެރޭގެ ހަލަބޮލިކަމާއި އަޑުތަށް ކެނޑި ހަމަހިމޭންވާ ހިސާބުންނެވެ. ނާމާން ހިމޭންކަމެއް ނޫނެވެ. އެކަމަކު ސިކުނޑިއަށް ހަމަޖެހުން ލިބޭފަދަ ހިމޭންކަމެކެވެ. ޖެހެމުންދިޔަ ވައިގައި ވިއްސާރައިގެ ފިނިކަމުގެ އިތުރުން މޫދު ލޮނުގެ ވަސް ހުއްޓެވެ.
އާހިދުގެ ބަރުވަމުންދިޔަ ސިކުނޑި އާއި ވިރެމުން ދިޔަ ހިތަށް ހަމަޖެހުމެއް ލިބޭތޯ ތޮށިގަނޑުމައްޗަށް ދިޔައިރު އެތަނުން އިތުރު މީހަކާ ބައްދަލުވެދާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. އެހެންކަމުން އަނބުރާލާފައި އައިކޮޅަށް ދިޔުމަށް ތޮށިގަނޑުން ފައިބަން އުޅެނިކޮށް އެ ކުއްޖާ ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ތަފާތު ހިނިތުންވުމެކެވެ. އުފާވެރި ހިނިތުންވުމެކެވެ. އެކަމަކު އެ ދެލޮލުން އެކަނިވެރިކަން ފެންނަން ހުއްޓެވެ. އެ އިހުސާސް އާހިދުއަށް ކުރެވުނީ ކީއްވެކަމެއް ހުދު އާހިދުއަށް ވެސް ނޭނގެއެވެ. އެ ހިނިތުންވުމުގައި އާހިދުވެސް ބައިވެރިވެލިއެވެ. މަޑުމަޑުން ބޮލުގެ އިށާރާތުން އޭނާއާއި ބައިވެރިވެލުމަށް ބުނެލިއެވެ. "ސަހާ" އަމިއްލައިން ތަޢާރަފްވެލަމުން ސަހާ އާހިދު އާއި ވާހަކަދައްކަންފެށީ އާހިދު ތޮށިގަނޑުމަތީ އިށީނދެލުމުންނެވެ.
އިރުއޮއްސޭމަންޒަރު ބަލަން ދެމީހުން އެތާ އިށީނދެލައިގެން ތިބިއިރު ދެ މީހުން ވެސް ތައާރަފްވެ ވާހަކަދެއްކިއެވެ. އާހިދު އަކީ ރަށުތެރޭގައި މާގިނައިން ނިކުމެ އުޅޭ މީހެއް ނޫންކަމުން ސަހާ އެއީ ކޮން ގެއަކު ކުއްޖެއްކަމެއް އޭނައަކަށް ނޭނގުނެވެ. އެހެންކަމުން ސަހާ އާހިދުއަށް ސަހާ އަކީ ކާކުކަން ކިޔައިދިނެވެ. ސަހާއަކީ އެ ރަށު ކުއްޖެއް ނޫނެވެ. ރަށުގައި އިނގިރޭސި ކިޔަވައިދޭނެ ޓީޗަރެއް ނެތުމުން ކައިރި ރަށަކުން މި ރަށަށް ބަދަލުވީކަމުގައި އޭނާ ބުންޏެވެ. މާގިނައިރެއްނުވެ ބަންގި ގޮވުމުން ސަހާ އެތަނުންދިޔައެވެ. އާހިދުއަށް އެގޮތަށް މީހަކާ ވާހަކަދައްކާލަން ހަމަޖެހިލައިގެން އިނދެވުނު ދުވަހެއް އޭނާ ހަނދާން ވެސް ނެތެވެ. ދުނިޔެމަތިން ފޫހިވެފައިވާވަރުން މީހަކާ ބައްދަލުކޮށް ހީ ސަމާސާ ކޮށްލަން ވެސް އާހިދުއަށް ވަނީ ބޮޑުކަމަކަށެވެ. އެކަމަކު ސަހާ އާއި ދިމާވުމުން އާހިދުއަށް އެވީގޮތް އޭނާއަށް ބަޔާންކުރަން އުނދަގުލެވެ. އާހިދު އިންތަނުން ތެދުވެލީ ގެއަށް ދިޔުމަށެވެ. އެކަމަކު މާދަން ވެސް އާހިދު އެތަނަށް އަންނާނެއެވެ. ސަހާއާ ދިމާވޭތޯއެވެ.
ޖެހިގެން އައި ދުވަހު ވެސް ހަމަ އެގަޑިއަށް އާހިދު އެތަނަށް ދިޔައެވެ. އޭރު ސަހާ އެތާނގައި އިނެވެ. ތޮށިގަނޑުމަތީ އިށީނދެލައިގެން ފައި ބޭރަށް އެލުވާލައިގެން ހަލުވާލަ ހަލުވާލައެވެ. ސަހާ އަބަދުވެސް ދައްކަނީ އޭނާއަށް އުފާވެރިކަން ލިބޭ ކުދިކުދި ކަންތައްތަކުގެ ވާހަކައެވެ. ފަތިހު ތެދުވެ ފުރަތަމަ ބޯލާ ސައިތަށިން އޭނާއަށް ހިތްހަމަޖެހުން ލިބޭ ވާހަކައެވެ. ކުރީގެ ލަވަތައް އަޑު އިވުމުން ހިތަށް ލިބޭ ހަމަޖެހުމުގެ ވާހަކައެވެ. ވާރޭ ވެހިފައި ހުއްޓާލާވަގުތު ދުނިޔެމަތިން ދުވާ މީރު ވަހުގެ ވާހަކައެވެ. އިރު އޮއްސުމުން ތަރިތަކަށް ގިނައިރު ބަލަހައްޓައިގެން ހުރުމުން އޭނާއަށް ގެއްލިފައިވާ އުއްމީދުތަށް އާވާ ވާހަކައެވެ. އާހިދު އަށް އިނދެވެނީ ސަހާގެ ވާހަކަތަކަށް ގެއްލިފައެވެ. އޭނާ ވާހަކަދައްކަމުން އިސްތަށިގަނޑު އެއްފަރާތްކޮށްލާ ގޮތާއި، ވަކި ހިސާބަކަށް ކިޔާފައި ޖަހާލާ ހިނިގަނޑުން އާހިދުގެ ހިތް މަޑުމަޑުން ސަހާ އަށް ލެނބެމުންދިޔަކަން އާހިދުއަކަށް ނޭނގެއެވެ.
އެދުވަހަށްފަހު ކޮންމެ ދުވަހަކު ވެސް އާހިދު އާއި ސަހާ އެތަނުން ދިމާކޮށް ވާހަކަދައްކާ ހަދައެވެ. ބައެއް ދުވަސް ދުވަހު އިރުއޮއްސި އަނދިރިވާންދެން ވެސް އެތާ ދެމީހުން ވާހަކަދައްކަން ތިބެއެވެ. މަޑުމަޑުން އާހިދުއަށް ވެސް އޭނާގެ ހިތުގައިވާ ވާހަކަތަށް ހިއްސާކުރެވެން ފެށިއެވެ. އާހިދު ބޭނުންވާ ވަރަށްވުރެ ވެސް ބޮޑަށެވެ. އޭނައަށް ފެންނަ ހުވަފެންތަކުގެ ވާހަކަތަކެވެ. ހިތް ބަރުވާ ކަންކަމުގެ ވާހަކަތަކާއި ދިރިއުޅުމާއިމެދު ކުރެވޭ އުންމީދުތަކުގެ ވާހަކަތަކެވެ. މި ހުރިހާ ވާހަކައެއް ސަހާ ކަނުލާ އަޑުއަހައެވެ. އެކަންކަމާއި މެދު ސަހާ ދެކޭގޮތް ހިއްސާކުރެއެވެ. ދެމީހުންގެ ވިސްނުން ކަންކަމުގައި ތަފާތު ނަމަވެސް ދެމީހުންނަށް ވެސް އެކަކު އަނެކަކުގެ އިހުސާސްތަށް އެނގެއެވެ.
މިގޮތަށް ބައްދަލުވަމުން ގޮސް ނޭނގުމުގެ ތެރޭގައި ދެމީހުންނަށް ވެސް އެކަކު އަނެކަކު ދެކެ ލޯބި ވެވުނެވެ. އެކަން ބަޔާންވެސް ކުރިއެވެ. ނަމަވެސް އެކަކުވެސް އެއްވެސް ކަމަކަށް ވައުދެއް ނުވެއެވެ. އެއްވެސް ކަމަކަށް ހުވާކޮށް އަހުދެއް ނުކުރެއެވެ. ދެމީހުން ވެސް ބޭނުންވީ ކަންކަން ވަމުންދާގޮތަށް އެކަމެއް ވިޔަދިނުމަށެވެ. އާހިދު ސަހާގެ މާޒީއާ މެދު ސުވާލުކުރުމުން ސަހާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. މާޒީ މާޒީގެ ގޮތުގައި ބާއްވާށެވެ. ބައެއް ހާލަތްތަކުގައި އެއީ އެންމެ ރަނގަޅުގޮތެވެ. އާހިދު އިތުރަށް އެ ސުވާލުކޮށް އެއްވެސް ކަމެއް އޮޅުންފިލުވާކަށް ބޭނުމެއް ނުވިއެވެ. ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އޭނާއަށް ސަހާގެ މައްޗައް މިހާރު އޮތް އިތުބާރު އަމިއްލަ މީހާގެ މައްޗަށް ވެސް ނެތެވެ. ދެމީހުންނަށް ވެސް ދެމީހުން ދަސްވީ އެތިކޮޅުކޮޅުންނެވެ. ސަފްހާ އަކަށް ފަހު ސަފްހާއެކެވެ. ދެމީހުންނަށްވެސް އެގޮތް މާ ކަމުދެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ލޯބިވިޔަސް އެ ގުޅުމަށް ނަމެއް ދޭކަށް އަދި އެކަކުވެސް ބޭނުމެއް ނުވެއެވެ. އެކަކުވެސް ދުނިޔެ އުމުރަށް އެކީ ހުންނާނެކަމަކަށް ނުބުނެއެވެ. އަބަދުވެސް މާދަން ބައްދަލުކުރާނެކަމަށް ބުނެފައި ގެއަށް ދަނީއެވެ.
އެއްދުވަހެއްގެ ހަވީރެވެ. އާހިދު އިނީ ސަހާގެ އިންތިޒާރުގައެވެ. ނަމަވެސް އެދުވަހު ސަހާއެއް ނައެވެ. ސަހާ ހޯދުމަށް އާހިދު ސަހާ އުޅޭ ގެއަށް ދިޔުމަށް ނިންމާފައި ވެސް އަޅާނުލީއެވެ. އެއީ ދެމީހުން ވެސް ނިންމާފައިވާގޮތެވެ. ފޯނުކުރެވޭނެ ގޮތެއްވެސް ނެތެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ނަންބަރު ނުދިނީ، ކޮންމެ ދުވަހަކު ވެސް އެތަނުން ބައްދަލުކޮށް ވާހަކަދެއްކުމަށެވެ. އެއީ އާހިދު ވެސް ބޭނުންވެގެން ނިންމި ނިންމުމެކެވެ. އެ ނިންމުމަށް އިހުތިރާމް ކުރުމަށްޓަކައި އާހިދު އެތައް އިރަކު އިންތިޒާރުކުރުމަށް ފަހު ދިޔައީ ގެއަށެވެ. އެރޭ އާހިދުގެ ލޮލަކަށް ނިންޖެއް ނައެވެ. އެތަށް ފަހަރެއްގެ މަތިން ސަހާ ހޯދުމަށް އެގެއަށް ދިޔުމަށް އާހިދު ބޭނުންވިއެވެ. ނަމަވެސް ކެތްކޮށްލައިގެން އަނެއްކާވެސް އޮށޯންނަނީއެވެ. އާހިދުގެ ހިތަށް އެތައް ބައިވަރު އެއްޗެއް އަރާފައިބަމުން ދިޔައެވެ. ސަހާ ބަލީ ބާއެވެ. ނޫނީ އޭނާ އަށް އެހެން ކަމެއް ދިމާވީބާއެވެ. އާހިދު އެކި ގޮތްގޮތަށް ވިސްނަން އެނދުމަތީ ދޮކޮޅަށް ދޮކޮޅަށް ފުރޮޅި ފުރޮޅިއޮއްވާ އޭނާއަށް ނިދިއްޖެއެވެ.
އާދުވަހެކެވެ. މިއަދުވެސް އާހިދު ސަހާގެ އިންތިޒާރުގައި ވަގުތު ގުނާލަ ގުނާލާ އިނެވެ. ނަމަވެސް ސަހާއެއް ނައެވެ. ކެތްނުވެގެން އާހިދު ސަހާ އުޅޭ ގެއަށް ދިޔައެވެ. އެގެއަށް ދިޔުމުން އިވުނު ހަބަރަކުން އާހިދުގެ ހިތް މޭފަޅާފައި ނިކުއިންކަހަލައެވެ. ސަހާ އޭނާގެ ރަށަށް އެނބުރި ދިޔައީއެވެ. ސުކޫލުން ވެސް ކެނޑިގެންނެވެ. އާހިދުއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އާހިދުއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އެގޭ ދައްތަ އާހިދުއަތަށް ސިޓީ އުރައެއް ދިއްކޮށްލުމަށް ފަހު އާހިދު ސަހާ ހޯދަން އައިސްފި ނަމަ އެ ސިޓީ ހަވާލުކޮށްދިނުމަށް ބުނެފައިވާކަމަށް ބުންޏެވެ. އާހިދު ސިޓީ ހިފައިގެ ން އެނބުރިދިޔައީ ގެއަކަށް ނޫނެވެ. ދިޔައީ އަނެއްކާވެސް އެއްކަލަ ތޮށިގަނޑު މައްޗަށެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ސިކުނޑިއަށް އަރާފައިބަމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ލިބޭތޯއެވެ. އަތް ތުރުތުރުއަޅާހާލު ސިޓީ ހުޅުވާލިއިރު އޭނާގެ ލޮލަށް ކަރުނަތަށް ޖަމާވަމުން ދިޔައެވެ.
ސިޓީގައި އޮތީ އެ ރަށުގައި ހުރި ދުވަސްކޮޅު އާހިދު ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަން ބަލައިގަނެ އެކަމަށް ޝުކުރުއަދާކުރާ ވާހަކައެވެ. އެ ދެމީހުންގެ ދޭތެރޭގައި އޮތް ނަން ނުވާ ގުޅުން ދެން ނިމުމަކަށް އައީކަމެވެ. އަދި ސަހާ ހޯދުމަށް ސަހާގެ ރަށަށް ވެސް އައިސްގެން ނުވާނެކަމެވެ. އަދި ހިތް ބުރަ ނުކޮށް އެހެން ކުއްޖަކު ހޯދައިގެން އާ ދިރިއުޅުމެއް ފަށަން އެދިފައިވެއެވެ. ސިޓީގައި ސަހާ ބުނެފައިވާގޮތުން ސަހާ އަކީ މީހަކާއިނދެ ދަރިއަކު ވެސް ހުރި ކުއްޖެކެވެ. އެހެންކަމުން ސަހާ ހޯދުމަށް އެރަށަށް ގޮސްފި ނަމަ އޭނާގެ ދިރިއުޅުން ހަލާކުވެ އޭނާގެ ދަރިފުޅު ބިކަވާނެއެވެ. ސިޓީ ކިޔާ ނިމުމާ އެކު އާހިދުގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ކޯތާފަތްމަތިން ފައިބަމުން ދިޔައެވެ. އެކަމަކު އެއިން އެއްވެސް އެއްޗެއް އާހިދުއަށް ގަބޫލެއް ނުކުރެވުނެވެ.
ދުނިޔެއަކީ ކެހިވެރިތަނެއްކަން އާހިދު އަށް އަބަދުވެސް އިނގެއެވެ. މީގެ އަހަރެއްކުރިން އާހިދު ވަރަށް ބޮޑަށް ބަލިވެ ޑޮކްޓަރަށް ދެއްކުމަށް ރާއްޖެއިން ބޭރަށް ގޮސް އުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައި އާހިދުގެ މަންމަ އާއި ބައްޕަ ނިޔާވީއެވެ. އާހިދުއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އާހިދުއަށް ދުވަހަކު ވެސް ދަރިން ނުލިބޭނެކަން އެނގުނެވެ. އާހިދުއަކީ އިންތިހާއަށް ކުޑަކުދިންދެކެ ލޯބިވާ މީހެކެވެ. ނަމަވެސް އޭނާއަށް ބައްޕައަކަށް ވުމުގެ އުފަލެއް ދުވަހަކު ވެސް ނުލިބޭނެއެވެ. އާއިލާގައި އިތުރު މީހެއް ނެތުމުގެ ސަބަބުން އޭނާ އެކަނިވީއެވެ. ދިރިއުޅުންމަތިން ފޫހިވެފައިވަނިކޮށް ސަހާ އާއި ބައްދަލުވެ ދިރިއުޅުމަށް އިތުރު ހިތްވަރެއް ލިބުނީއެވެ. ނަމަވެސް ރަހުމުކުޑަ މި ދުނިޔެ އަނެއްކާވެސް އާހިދުއާ ކުޅެލީ ކުޅިވަރެކެވެ. ކުރިއެކޭ އެއްގޮތަށް ފޫހިކޮށްލީ ދުނިޔެ މަތިންނެވެ. ނޭވާލާން ވެސް ބުރަ ކަމަކަށް އެނާއަށް ވިއެވެ. ވަޒީފާއަށް ނުގޮސް ޗުއްޓީތަށް ހުސްވެއްޖެއެވެ. ސަލާމުގެ ދުވަސްތަށް އިތުރުވެއްޖެއެވެ. ނިދާ ހޭލައިގެން އެނދުން ތެދުވަންވެސް ބޮޑުކަމަކަށްވެ އޮފީހަށް ސަލާމްބުނާ ދުވަސްތައް ވެސް އިތުރުވަމުންދިޔައެވެ. ސަހާ މަތިން ހަނދާން ނައްތާލަން އާހިދު ކުރަމުންދިޔަ މަސައްކަތް ދިޔައީ ބޭކާރުވަމުންނެވެ. އެންމެފަހުން ސަހާ ހޯދާ އޭނާއާއި މެދު އެގޮތަށް ކަންތައްކުރީ ކީއްވެތޯ ސުވާލުކުރަން އާހިދު ބޭނުންވިއެވެ.
ސަހާ ހޯދުމަށް ސަހާގެ ރަށަށް އާހިދު ދިޔައީ ދެ ފިކުރެއްގައި ހުރެއެވެ. ސަހާގެ ދިރިއުޅުން ހަލާކުކޮށްލަން އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު އާހިދުގެ ހިތުގައި ހުރި ސުވާލުތަކުގެ ޖަވާބު އާހިދު ބޭނުންވެއެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު ލިބުނަސް އާހިދުގެ ހިތަށް ހަމަޖެހުން ލިބޭނެބާއެވެ. މިހާރު ނުވާ އުފަލެއް އޭރުން ވާނެބާއެވެ. އެތައް ސުވާލުތަކެއްގެ ތެރޭގައި ހުރެ އާހިދު އެރަށަށް ފޭބިއެވެ. އަދި ދުވަހުކުއްޔަށްދޭ ކޮޓަރިއެއް ހުންނަ ގެޔެއް ހޯދައިގެން އެ ގެއަށް ދިޔައެވެ. އެކަމަކު އާހިދު ސަހާ ހޯދާނީ ކިހިނެއްބާއެވެ. އާހިދުގެ ރައްޓެއްސެއް އެ ރަށަކު ނޫޅެއެވެ. ރަށުތެރެއިން މީހެއްކައިރީ ސަހާގެ ވާހަކަ އަހައިފިއްޔާ ބޮޑު މައްސަލައަކަށްވެދާނެއެވެ. ހަދާނެ ގޮތެއް ނޭނގިފައި ކޮޓަރިން ނިކުމެ ސޯފާގައި އިންދާ އެތަނަށް އަންހެން ކުއްޖަކު އައެވެ. އަދި ކަމެއް ބޭނުން ނަމަ އޭނާ ގާތު ބުނުމަށް އެދިފައި ހިނގައިގަތް ވަގުތު އާހިދު އެރަށު ސުކޫލު ހުންނަނީ ކިހާ ހިސާބަކުތޯ ސުވާލުކޮށްލިއެވެ. ލަދުރަކި ގޮތަކަށް ހީލުމަށްފަހު ސުކޫލު ހުންނަތަން ކިޔައިދިނުމަށްފަހު އެ ކުއްޖާ އާހިދު ކައިރީ އާހިދުއަކީ ސުކޫލަށް ކަމަކު އައި މީހެއްތޯ އަހާލިއެވެ. ދެމީހުން މަޑުމަޑުން ވާހަކަދައްކަމުން ސޯފާގައި އިށީނދެލިއެވެ. އާހިދުގެ މަޑުމައިތިރިކަމާއި ހިތްތިރިކަން އެކުއްޖާއަށް ވަރަށް ކަމުދިޔައެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ދަމުން އޭނާ އަމިއްލަ ނަން ބުނެ ސަލާމް ކޮއްލުމަށް އަތްދިއްކޮށްލިއެވެ. "ސަމާ" އެނަން އަޑުއިވުމުން އާހިދުގެ ހިތް ތެޅިގަތެވެ. "ސަހާ އޭ.." ސަލާމް ކޮށްލުމުގެ ބަދަލުގައި އާހިދުއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. ސަމާ ހިނިގަނޑެއް ޖަހާލާފައި އަނެއްކާވެސް ބުނެލިއެވެ. "ސަހާ އެއް ނޫން. ސަމާ." ސަމާ ކުޑަކޮށް ލަދުގަތެވެ. އަދި ސަލާމް ކޮށްލަން އުފުލާލި އަތް ތިރިކޮށްލުމަށްފަހު އެތަނުން ދިޔައެވެ.
އާހިދު ސުކޫލުދޮށަށް ގޮސް އެތާ ކައިރީގައި ހުންނަ ހޮޓަލުގައި ކޮފީތައްޓެއް ބޯލަން އިނެވެ. ސުކޫލަށް ވަދެ ނިކުމެހަދާ މީހުންގެ ތެރެއިން ސަހާ ފެނޭތޯއެވެ. ސުކޫލު ގަޑި ނިމި އެންމެން ސުކޫލުން ނިކުމެގެން ގޮއްސިއެވެ. އެކަމަކު ސަހާއެއް ނުފެނުނެވެ. މާޔޫސްވެގެން އާހިދު އެނބުރި ގެއަށް ދިޔައެވެ. އޭރު އިރުއޮއްސެން ގާތްވެފައިވާތީ އާހިދު ފެންވަރާލައިގެން ނިކުމެ ބަންގިގޮވާންދެން ސޯފާގައި އިށީނދެލިއެވެ. ހަދާނެ ގޮތަކާ މެދު ބޯގޮއްވަން ސޯފާގައި އިންދާ އެތަނަށް ސަމާއައެވެ. އަދި އާހިދު ކައިރީ އިށީނދެލުމަށްފަހު ވާހަކަދައްކަން ފެށިއެވެ. ދެމީހުން ވާހަކަދައްކަން ތިއްބާ ބަންގިގޮވިއެވެ. އެވަގުތު ސަހާގެ ފޯނަށް މެސެޖެއް އައެވެ. ބޭއިހްތިޔާރުގައި އާހިދުއަށް އެ ފޯނަށް ބަލާލެވުނެވެ. އަދި ފޯނުގައި އިން ފޮޓޯ ފެނުމުން ސަހާއަށްވުރެ ކުރިން އާހިދު އެ ފޯނު ނެގިއެވެ. އެ ފޯނުގައި އިން ފޮޓޯގައި ފެންނަން ހުރީ ސަމާއާ އެއްކޮށް ސަހާއެވެ. ހައިރާންވެފައި ފޮޓޯއަށް ބަލަހައްޓައިގެން ހުއްޓާ ސަމާ އާހިދުގެ އަތުން އެ ފޯނު އަތުލިއެވެ. އަދި ވީ ކީއްތޯ ސުވާލުކޮށްލިއެވެ. އާހިދު ތެޅެމުން ދިޔަ ހިތާއި އެކު ބޭއިހްތިޔާރުގައި ސަހާގެ ނަން ކިޔާލިއެވެ. އަދި ސަހާ އަކީ ސަމާގެ ކާކުތޯ ސުވާލުކޮށްލިއެވެ. ހާސްވެފައި ސަމާ އެތަނުން ތެދުވިއެވެ. އަދި އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ނިކުންނަށް އުޅެނިކޮށް އާހިދު ސަމާ މަޑުކުރުވިއެވެ. އާދޭހުގެ ރާގަށް އަނެއްކާ ވެސް އެ ސުވާލުކޮށްލިއެވެ. ދެލޯ މަރާލުމަށްފަހު ސަމާ ފުން ނޭވާއެއް ބޭރުކޮއްލަމުން ގޮނޑީގައި އިށީނދެލިއެވެ.
"އާދު؟" އާހިދު އާއި ދިމާލަށް ބަލާލަމުން ސަހާ ސުވާލުކޮށްލި އެވެ.
އާދު އަކީ އާހިދު އަށް ސަހާ ލޯބިން ދީފައިވާ ނަމެކެވެ. އާހިދު އިތުރަށް ހައިރާންވެ އާއެކޭ ބުނުމަށްފަހު ސަމާ ކައިރީ އިށީނދެލިއެވެ.
"ސަހާ އެއީ އަހަރެންގެ ކޮއްކޮ. އާހިދުގެ ހުރިހާ ވާހަކައެއް ސަހާ ކިޔައިދިން. އެނގޭ އާހިދުގެ އެތައް ސުވާލެއް އެބަހުރިކަން. އެކަމަކު ތި ހުރިހާ ސުވާލެއްގެ ޖަވާބު އަހަންނަށް ދެވޭކަށް ނެތް. އަހަންނަށް މާފުކުރޭ. އަދި ވީ އެންމެ އަވަހަކަށް ރަށަށް އެނބުރިދޭ،"
އާހިދު އެތައް އާދޭހެއް ކުރިއެވެ. ސަހާ އާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުންޏެވެ. އެތައް ސުވާލެއްގެ ޖަވާބު ބޭނުންވާހަކަ ބުންޏެވެ. އެންމެފަހުން ކެތް ނުވެގެން ސަމާ ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނެވެ، ސަހާ އާހިދު ދެކެ އިންތިހާ އަށް ލޯބިވާ ވާހަކަ އާއި ސަހާގެ ބަލީގެ ވާހަކައެވެ. ސަހާ އަކީ ހިތުގެ ބަލި ހުންނަ ކުއްޖެކެވެ. އެއްވެސް ބޭހަކަށް ނުގުޑާ ވާހަކައެވެ. މިހާރު ސަހާގެ ހާލު ދަށަށް ގޮސްގެން މާލެ ގެންގޮސްފައިވާ ވާހަކަ އާއި ރާއްޖެއިން ބޭރަށް ދާން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ. އާހިދު އަށް އިތުރު ސުވާލެއް ކުރާނެ ފުރުސަތެއް ނުދީ ސަހާ އާހިދުގެ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ދިނެވެ.
"އާހިދުއަށް ދިމާވެފައިވާ ކަންތަށް ތަކުން މީގެން އެއްވެސް ކަމެއް އާހިދުއަށް އެނގޭކަށް ސަހާ ބޭނުމެއް ނުވި. އާހިދުއަށް އެ ހިތްދަތިކަން އަލުން ދޭކަށް އޭނަ ބޭނުމެއް ނުވި." ރޮމުން ސަމާ ހުރިހާ ވާހަކައެއް ކިޔައިދިން އިރު އާހިދު އިނީ އިންތާ ގަނޑުވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. އާހިދު ސަހާ ދެކެ ވާ ލޯބި، ސަހާ ވެސް އާހިދު ދެކެ ވާކަން އެނގި އާހިދުގެ ލޮލުން ކަރުތައް ފައިބައިގަތެވެ.
އާހިދު އެންމެ ވަގުތުކޮޅެއް ވެސް ބޭކާރުކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެންމެ އަވަސް ފްލައިޓަކުން ޓިކެޓް ނަގައިގެން އާހިދު މާލެ ދިޔައެވެ. އޭރު ސަމާ އޮތީ ސަމާގެ މަންމައަށް ގުޅާފައި ކަންތައް ވީގޮތް ކިޔައިދީފައެވެ. ސަހާއާ ބައްދަލުކުރުމަށް ކެތްމަދުވެފައިވާ އާހިދުއަށް ސަހާއާ ބައްދަލު ވީއިރު ސަހާ އޮތީ އެޑްމީޓް ކޮށްފައެވެ. މަޑުމަޑުން، ސަހާ އޮތް އެނދު ކައިރިއަށް ގޮސް ސަހާގެ ކޮނޑުގައި އަތްލުމުން ސަހާ އެދިމާލަށް ބަލައިލިއެވެ. ލޯކުރިމަތިން އާހިދު ފެންނަން ހުރުމުން ސަހާއަށް ގަބޫލުކުރަން ވެސް އުނދަގޫވިއެވެ.
"އައި އެމް ސޮރީ.." ސަހާ އަށް ރޮވުނެވެ.
އާހިދު ސަހާ ގައިގައި ބައްދާލަމުން ސަހާ އަށް މާފުކުރިކަމަށް ބުންޏެވެ.
"އަހަރެން ވަރަށް ލޯބިވޭ ސަހާދެކެ.. ވީ ވިލް ފައިންޑް އަވޭ ސަހާ.. މިކަމުން ސަހާ ސަލާމަތްވެގެން ދެމިހުން މެރީ ކުރާނީ... އައި ޕްރޮމިސް...." ރޮމުން ރޮމުން އާހިދު ވެސް ވާހަކަދެއްކިއެވެ.
އިރުކޮޅަކުން ސަހާގެ މަންމަ އައިސް އާހިދު ކޮނޑުގައި ހިފާ އާހިދު އާއި ސަހާ ދުރުކުރުވިއެވެ. އޭރު ސަހާ ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ނޭވާއެއް ނުލައެވެ. އާހިދު "ސަހާ" އޭ ކިޔާފައި ބާރަށް ހަޅޭއްލަވައިގަތެވެ. އަދި މޮޔައެއްހެން ސަހާ ގައިގައި ބައްދަބައްދާފާ ރޯންފެށިއެވެ.
ސަހާ އާހިދު ދޫކޮށް ދިޔައީއެވެ. އާހިދުގެ ދިރިއުޅުން އަނެއްކާވެސް މާނައެއް ނެތް ހިތްދަތި، އަނދިރި ތަނަކަށް ވީއެވެ. ފުރަތަމަ މަންމަ އާއި ބައްޕަ ނިޔާވުމެވެ. ދެން ބައްޕައަކަށް ވުމުގެ އުފަލުން މަހުރޫމްވުމެވެ. އެއަށް ފަހު ކުޑަކޮށް ވެސް އާހިދުގެ ދިރިއުޅުމުގައި ކުލަ ޖެހި އާ އުންމީދުތަކެއް ލިބުނީ ސަހާގެ ފަރާތުންނެވެ. މިއަދު ސަހާ ވެސް އޭނާ ދޫކޮށް ދިޔައީއެވެ. އާހިދުގެ ހިތާއި ސިކުނޑިއަކަށް މިކަންތައްތަކަށް ތަހައްމަލެއް ނުކުރެވުނެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި، ހަޅޭއްލަވަމުން، އަމިއްލަ ގައިގައި ތަޅަމުން އާހިދު ރޮމުންދިޔައެވެ. (ނިމުނީ)
ނޯޓް: މިއީ މި ރޯދަ މަހު "މިހާރު" އިން ބާއްވާ ކުރުވާހަކަ މުބާރާތަށް ހޮވިފައިވާ ވާހަކައެކެވެ.