މިދިޔަ މަހު ޕާކިސްތާނުގެ ހަނގުރާމަވެރިން އިންޑިއާ ސިފައިންގެ ބަޔަކު މަރާލުމާ ގުޅިގެން ޕާކިސްތާނަށް ދިން ހަަމަލާތަކުގެ ދިފާއުގައި ޕްރިޔަންކާ ޗޯޕްޅާ ޓްވީޓްކުރުމުން އޭނާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމުން އޭނާ ވަކިކުރަން ގޮވާލައި، ޕާކިސްތާނުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
"ޖެއި ހިންދު#އިންޑިއަންއާމްޑްފޯސް" ޖަހާފައި ޕްރިޔަންކާ އަމިއްލަ ގައުމުގެ ދިފާއުގައި ކުރި ޓްވީޓާ ގުޅިގެން އޭނާއާ ދެކޮޅަށް ޕާކިސްތާނުން ކުރިއަށް ގެންދާ ޕެޓިޝަނުގައި ބުނީ އދ. ކަހަލަ ޖަމާއަތެއްގެ އެމްބެސެޑަރަކަށް ހުންނަން ޖެހޭނީ ވަކި ކޮޅަކަށް ބުރަ ނުވާ މީހެއް ކަމަށާއި އިންޑިއާ ދިފާއުކޮށްފައި އޭނާ ޓްވީޓް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.
އަދި ގުޑްވިލް އެމްބެސެޑަރުގެ މަގާމަށް ޕްރިޔަންކާ ކުފޫ ހަމަ ނުވާކަން ވެސް މިކަމުން ސާބިތުވެއްޖެ ކަމަށް އާވާޒް.އޯގްގައި ހަދާފައިވާ އޮންލައިން ޕެޓިޝަނުގައި ބުންޏެވެ.
ޕްރިޔަންކާ ވަނީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ޖަމާއަތެއް ކަމަށްވާ ޖެއިޝޭ މުހައްމަދު އިން ދިން ހަމަލާ ގުޅިގެން ވެސް ހަމަ އެ ދުވަހު ޓްވީޓެއްކޮށް، މަރުވި ސިފައިންގެ އާއިލާތަކަށް ހިތްވަރު ދީފަ އެވެ.
އެ ޓްވީޓްގައި އޭނާ ބުނީ ރުޅިވެރިކަމާއި ނަފުރަތަކީ އެއްވެސް ކަމެއްގެ ހައްލު ނޫން ކަމަށެވެ.
ޕުލްވާމާ ހަމަލައާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އިންޑިއާގެ ވަރަށް ގިނަ ރައްޔިތުން ދަނީ ޕާކިސްތާނުގެ އާޓިސްޓުންނަށް އިންޑިއާ އިން ފުރުސަތު ދިނުމާ ދެކޮޅަށް ވެސް އަޑު އުފުލަމުންނެވެ.
ޕާކިސްތާނަށް ނިސްބަތްވާ ބަޔަކު އިންޑިއާ އަށް ދިން ހަމަލާއާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ގައުމާ މުހާތަބު ކުރައްވައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދެއްވި ތަގުރީރަށް ތަރުހީބުދީ، ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ޕާކިސްތާނުގެ އެކްޓަރު އަލީ ޒަފަރު ވެސް ޓްވީޓްކުރި އެވެ. އެކަމާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު އޭނާ އަށް އެއްޗެހި ކިޔާފައި އިންޒާރު ދީފައިވެ އެވެ.
ނަމަވެސް ބޮލީވުޑްގެ ބައެއް ފަންނާނުން ވަނީ އަލީ އޭނާގެ ގައުމުގެ ދިފާއުގައި އަޑު އުފުލަކީ މައްސަލައަކަށް ވާން ނުޖެހޭ ކަމަށް ބުނެފަ އެވެ.