ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ އަހަރު ރިލީޒްކޮށް، އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ސަސްޕެންސް ތުރިލާ "އަންދާދުން" ޗައިނާގެ ސިނަމާތަކުގައި ދައްކަން ނިންމައިފި އެވެ.


ސްރީރާމް ރަގަވަން ޑައިރެކްޓްކޮށްފައިވާ ފިލްމު ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި ބޮލީވުޑްގެ ފިލްމުތަކަށް މިހާރު ބޮޑު މަގުބޫލު ކަމެއް ލިބެމުން އަންނަ ޗައިނާގައި އަޅުވަން ނިންމާފައި ވަނީ "ޕިއާނޯ ޕްލެޔާ" ގެ ނަމުގަ އެވެ. އެގޮތުން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

އަޔޫޝްމަން ކުރާނާ އާއި ތައްބޫ އަދި ރާދިޕާ އަޕްޓޭ މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ "އަންދާދުން" ޗައިނާގައި ދައްކަން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 5 ގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ ބޮކްސް އޮފީހުގައި 111 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ހޭދަ ކުރީ އެންމެ 32 ކްރޯޑެވެ.

ކްރިޓިކުންގެ ތައުރީފު ވެސް އޮހުނު "އަންދާދުން" އާ ބެހޭ ގޮތުން ގިނަ ކްރިޓިކުން ބުނީ މިއީ މި ފަހުން ހިންދީ ސިނަމާ އިން ފެނިގެން ދިޔަ އެންމެ ޝައުގުވެރި އަދި އެންމެ މޮޅު އެއް ސަސްޕެންސް ތުރިލާ ކަމަށެވެ.

"ބުރައްމަސްތުރާ" ތަމަޅަ އާއި ތެލެގޫ ބަހުން

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިހާތަނަށް ގެނެސްދޭ އެންމެ ބިޔަ ފިލްމު އަދި ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ ފެންޓަސީ ފިލްމު "ބުރައްމަސްތުރާ" ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުން ވެސް ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

ހިންދީ ފިލްމުގެ ލޯގޯ ވެސް މި މަހުގެ 6 ގައި ދައްކާލާފައިވާ އިރު، މިހާރު ވަނީ ތަމަޅަ އާއި ތެލެގޫ ބަހުން ތައްޔާރުކޮށްފައިވާ ލޯގޯތައް ވެސް ދައްކާލައިފަ އެވެ. މި އަހަރުގެ ކްރިސްމަސްގައި ރިލީޒް ކުރާ "ބުރައްމަސްތުރާ" އަކީ "ޔެ ޖަވާމީ ހޭ ދީވާނީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީގެ ތިން ވަނަ ޑައިރެކްޝަނެވެ.

ފިލްމުގެ ތަރިންނަކީ އާލިއާ ބަޓް، ރަންބީރު ކަޕޫރް، އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި އެވެ.

"ބުރައްމަސްތުރާ" އަކީ 150 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

"ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ނިންމާލައިފި

ތިން އަހަރެއްހާ ދުވަސް ފަހުން ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ކުޅޭ ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ މެދު ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަންޒަރުތައް ނަގައި ނިންމައިލީ މިދިޔަ ހަފުތާގެ ތެރޭގައި އަންޑަމަންގައި ވެސް ފިލްމުގެ މަންޒަރުތަކެއް ނެގުމަށް ފަހު އެވެ. ޝޫޓިން ނިންމައިލުމަށް ފަހު، ޓީމުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ރޯއި ކަޕޫރް ފިލްމްސް އާއި ރޯނީ ސްކްރޫވާލާ ގުޅިގެން ގެނެސްދޭ "ދަ ސްކައި އިޒް ޕިންކް" ގެ މަންޒަރުތައް މުމްބާއީ އާއި ނިއު ދިއްލީ އަދި ލަންޑަނާއި ނިއު ޔޯކްގައި ވެސް ވަނީ ނަގައިފަ އެވެ.

ސޮނާލީ ބޯސް ޑައިރެކްޓް ކުރާ މި ފިލްމަކީ 2015 ގައި މަރުވި އިންޑިއާގެ ކުރީގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ މައިގަނޑު ތަރިނަންނަކީ ޕްރިޔަންކާ އާއި ފަރްހާން އަހްތަރު އަދި ޒާއިރާ ވަސީމެވެ. އަދި ރޯހިތު ސަރަފް ކިޔާ އައު އެކްޓަރަކު ވެސް މި ފިލްމު ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ.

"ދަ ސްކައި އިޒް ޕިންކް" ސިނަމާތަކަށް އަންނާނީ މި އަހަރުގެ އޮކްޓޯބަރު 11 ގަ އެވެ.

އަނޫރާގްގެ އިތުރު ފިލްމެއް ތާޕްސީ އަށް

މިދިޔަ އަހަރު ރިލީޒް ކުރި "މަންމަރުޒިޔާ" އަށް ފަހު، އެ ފިލްމުގެ ބަތަލާ ތާޕްސީ ޕައްނޫ އަނެއްކާ ވެސް ޑައިރެކްޓަރު އަނޫރާގް ކެޝަޕް ޑައިރެކްޓް ކުރާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަދި ނަން އިއުލާންކޮށްފައި ނުވާ މި ފިލްމަކީ ސުޕަ ނެޗްރަލް ތުރިލާއެކެވެ. ތާޕްސީ ފިޔަވައި ފިލްމުގައި ދެން ހިމެނޭ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

އަންނަ ނޮވެމްބަރުން ޑިސެމްބަރަށް ޝޫޓިން ކުރިއަށް ގެންދާ ފިލްމުގެ ޕްރޮޑިއުސަރަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ތާޕްސީގެ އެންމެ ފަހުގެ ފިލްމު "ބަދުލާ" ގެ އެއް ޕްރޮޑިއުސަރު ކަމަށްވާ އެޒްއާ އެންޓަޓައިންމަންޓްގެ ސުނީރު ކެތުރިޕާލެވެ.

އަނޫރާގްގެ އައު ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.

ތާޕްސީ މިހާރު ވެސް އަންނަނީ އަނޫރާގް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ސާންޑް ކީ އާންކް" އެވެ.

ބަންސާލީގެ އައު ފިލްމަށް ދެ ނަމެއް

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން ހާނާ އެކު، ސަންޖޭ ބަންސާލީ ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "އިންޝާﷲ އެވެ.

ނަމަވެސް ފިލްމަށް ސަލްމާން ސޮއި ކުރިކަން މިހާރު ކަށަވަރުވެފައިވާ އިރު، މި ފިލްމަށް ދެ ނަމެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފަ އެވެ. ބޮލީވުޑް ލައިފުން ބުނި ގޮތުގައި ބަންސާލީ ރަޖިސްޓްރީކޮށްފައިވާ ދެ ނަމަކީ "ދިލް ދޭ ދިޔާ އިންޝާﷲ" އާއި "ޕިޔާރް ހޯ ގަޔާ އިންޝާﷲ" އެވެ.

އަދި މި ދެ ނަމުގެ ތެރެއިން ފިލްމަށް ކިޔާނެ ނަމަކަށް ބަންސާލީ ނިންމާނީ "ދިލް ދޭ ދިޔާ އިންޝާﷲ" އަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ސަލްމާނާ އެކު ބަންސާލީ ހަދާ އައު ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ މި ފިލްމުގެ ބަތަލާއަކީ ވެސް ކާކު ކަމެއް އަދި ނޭނގެ އެވެ. ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ހާއްސަ ރޯލަކުން ޝާހްރުކް ހާން ވެސް ފެންނާނެ އެވެ.