ޑިޒްނީގެ ސްޓްރީމިން ހިދުމަތް ނޮވެމްބަރު 22 ގައި ފަށަނީ

ސްޓްރީމިން ހިދުމަތުގެ ތެރެއަށް ނުކުންނަ ކުންފުނިތައް އިތުރުވެ، ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް، މަޝްހޫރު ޑިޒްނީ ކުންފުނީގެ ސްޓްރީމިން ސާވިސް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗް ކުރަން ނިންމައިފި އެވެ.


ހޮލީވުޑްގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ވެސް ހިމެނޭ ކުންފުނިން ސްޓްރީމިންގެ ހިދުމަތް ރަސްމީކޮށް އެމެރިކާގައި ލޯންޗްކުރާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ހިދުމަތަށް ދީފައިވާ ނަމަކީ "ޑިޒްނީ+" އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މަހު ފީގެ ގޮތުގައި "ޑިޒްނީ+" އިން ނަގާނީ 6.99 ޑޮލަރެވެ. އެއީ އަހަރަކަށް ބަލާ ނަމަ 69.99 ޑޮލަރެވެ. އަދި މިއީ ސްޓްރީމިންގެ ހިދުމަތުގައި މިހާރު އެންމެ މަގުބޫލު ނެޓްފްލިކްސްގެ ބޭސިކް ޕްލޭނަށް ވުރެ 2 ޑޮލަރު ހެޔޮ އަގެކެވެ.

ޑިޒްނީން ސްޓްރީމިން ހިދުމަތަށް ނުކުންނާނެކަން އިއުލާން ކުރިތާ ދެ އަހަރު ފަހުން، ހިދުމަތް ފަށައި ގަންނަން ތައްޔާރުވަމުން އަންނަ އިރު، ޑިޒްނީއާ އެކު ދުނިޔޭގެ ސްޓްރީމުން ހިދުމަތުގެ ވިޔަފާރި އަށް ވަރަށް ބޮޑު ވާދަވެރި ކަމެއް ކުރިމަތި ވާނެ އެވެ. ސަބަބަކީ އެ ކުންފުނީގެ 96 އަހަރުވީ ތާރީހުގައި ހިމެނޭ މުއްސަނދި ކޮންޓެންޓް "ޑިޒްނީ+" ގެ ތެރެއަށް އަންނާނެތީ އެވެ.

މީގެ ތެރޭގައި ސީދާ އެ ސްޓޫޑިއޯގެ ފިލްމުތަކާއި މާލެވެލް ސްޓޫޑިއޯސް އާއި "ސްޓާ ވޯސް" ގެނެސްދޭ ލޫކަސް ފިލްމްސްގެ އުފެއްދުންތަކާއި ޕިކްޒާ، ޓްވެންޓިއެތު ސެންޗަރީ ފޮކްސް އަދި ނެޝަނަލް ޖޯގްރިފިކްގެ ކޮންޓެންޓްގެ އިތުރުން ސީދާ "ޑިޒްނީ+" އަށް ހާއްސަކޮށްގެން އޮރިޖިނަލް އެތައް ކޮންޓެންޓެއް ގެނެސް ދޭން ނިންމާފައިވެ އެވެ.

އެކަމަށް ވަނީ 2024 އާ ހަމައަށް ބިލިއަން ޑޮލަރުގެ ބަޖެޓެއް ވެސް ހަމަޖައްސައިފަ އެވެ.

ދިގު ތާރީހެއްގެ ބިޔަ އަދި މުއްސަނދިކަލެކްޝަނަކާއި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ އެތައް އުފެއްދުމެއް ސުމަކުން ފަށައިގަންނަ އިރު ވެސް "ޑިޒްނީ+" ގެ ތެރެއިން ބަލައިލެވެން ފުރުސަތު ލިބުމަކީ ޑިޒްނީގެ ވަރުގަދަކަން ސްޓްރީމިން ހިދުމަތުގެ ތެރެއިން ފާޅުވެގެން ދާނެ ކަމެކެވެ.

އެހެންވެ ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ވެސް ހުންނެވީ އިތުރުބާރާއި ޔަގީންކަމާ އެކީގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ސްޓްރީމިންގެ ހިދުމަތް ދޭ އެހެން ކުންފުނިތައް ދެން ވާދަ ކުރަން ޖެހޭނީ ސީދާ "ޑިޒްނީ+" ގެ ފަހަތުންނެވެ.

"އަހަރެމެންނަށް އޮޔް ޔަގީން ކަމަކީ ޑިޒްނީގެ ކުރިއަށް އޮތް ތަނުގައި ސްޓްރީމިން ހިދުމަތުގެ ވިޔަފާރި ބައްޓަން ކުރާނެ ކުންފުންޏަށް ވާނެކަން،" އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން އެޕަލް އިން ވެސް "އެޕަލް ޓީވީ" ގެ ނަމުގައި ސްޓްރީމިންގެ ވިޔަފާރި އަށް ނުކުމެފަ އެވެ.