އުމުރުން ދޮށި ފިރިހެނަކާ އިނުން މައްސަލައަކަށް ނުވަނީ ކީއްވެތޯ ޕްރިޔަންކާ ސުވާލުކޮށްފި

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އޭނާ އަށް ވުރެ 10 އަހަރު ހަގު މީހަކާ ކައިވެނި ކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް، 26، އާއި ޕްރިޔަންކާ، 36، ގެ އުމުރުގެ ތަފާތު ބޮޑު ވާހަކައަކީ ބައެއް މީޑިއާތަކުން ވެސް ހުއްޓުމެއް ނެތި ދައްކާ ވާހަކައެކެވެ.


މިކަމާ ބެހޭ ގޮތުން ޕްރިޔަންކާ މީގެ ކުރިން އެހާ ސީދާކޮށް ވާހަކަ ދައްކާފައި ނެތަސް، އެމެރިކާގެ އިންސްޓައިލް މެގަޒިންގެ އަންނަ މަހުގެ ކަވަ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އުމުރުގެ ތަފާތު ވާހަކަ ދައްކައިފަ އެވެ. އެއާ އެކު ޕްރިޔަންކާ އެ ވާހަކަ ދައްކާ އެންމެނަށް ކުރިމަތިކުރީ ސުވާލެކެވެ.

"ކައިވެންޏެއް ކުރާ އިރު އަންހެން މީހާ އަށް ވުރެ ފިރިހެން މީހާ ދޮށިވެގެން އެއްވެސް މީހަކު އެކަން މާ ބޮޑު ކަމަކަށްވެގެން އެ ވާހަކައެއް ނުދައްކާ. އެހެންވީމާ ކޮބާ އަންހެނަކު އޭނާ އަށް ވުރެ ހަގު ފިރިހެނަކާ ކައިވެނި ކުރީމަ މައްސަލައަކަށް ވާން ޖެހޭ ސަބަބަކީ؟" މިދިޔަ ޑިސެމްބަރު މަހު އިންޑިއާގައި ކައިވެނި ކުރި ބަތަލާ ބުންޏެވެ.

ޕްރިޔަންކާ ބުނި ގޮތުގައި ވަރަށް ގިނަ މީހުން އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކަ އެވެ. އެކަމަކު އެފަދަ ވާހަކަތަކަށް މާ ބޮޑު ސަމާލު ކަމެއް އެއް އިރެއްގައި ވެސް ނުދޭ ކަމަށް، 2000 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީ ބުންޏެވެ.

"ބަޔަކު ދައްކަން ބޭނުންވާ ވާހަކައެއްވިއްޔާ ދައްކަ ދައްކައި ތިބެދާނެ. އެއަކުން އަހަރެންގެ ދިރިއުޅުމަށް ކުރާނެ އަސަރެއް ނެތް. އަހަރެން ބޭނުން ވަނީ އަހަރެން 'ލައިފް އެންޖޯއި' ކުރަން،" ޕްރިޔަންކާ ބުންޏެވެ. "އަހަންނާއި ނިކް އުޅެނީ ވަރަށް އުފަލުން. އެއީ ވަރަށް ލޯބި ފިރިއެއް. އަހަރެން ވަރަށް އުފާކުރަން ހަޔާތުގެ ބައިވެރިއަކަށް ނިކް ކަހަލަ ފިރިއަކު ލިބުނީމަ."

މި ފަހަރުގެ އިންޓަވިއުގައި ވެސް އޭނާ ވަނީ ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު ދަރިއަކު ހޯދާނީ ކޮން އިރަކު ކަމެއް ނުބުނެ އެވެ. މީގެ ކުރިން ނިކް ވެސް ވަނީ އަވަހަށް ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޕްރިޔަންކާ ބުނީ ބޭނުންވަނީ އޭނާއާ މެދު ދަރިން ފަހުރުވެރިވާ ކަހަލަ އަންހެނަކަށް ވާށެވެ.

"ފަހުރުވެރިވެލާފައި އެއީ އަހަރެންގެ މަންމައޭ ދަރިން ބުނާ ކަހަލަ މަންމަކައަކަށް ވާން އަހަރެން ބޭނުން ވަނީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ. "މިވެނި އިރަކު ދަރިއަކު ހޯދާނަމޭ ބުނާކަށް ނޭނގޭ. އަހަންނަށް ހީވަނީ ކޮންމެ ކަމެއް ވެސް ވަގުތު ޖެހުނީމަ ވާނެހެން."