ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލު ކުޅޭ ފިލްމު "ތުއްރަމް ޚާން" އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ރިލީޒްކުރަން ނިންމައިފި އެވެެ.


މި ފިލްމަކީ އަޖޭ ދޭވްގަން އާއި ލަވް ފިލްމްސްގެ އިތުރުން ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ސޯޝަލް ކޮމެޑީއެކެވެ. "ތުއްރަމް ޚާން" ޑައިރެކްޓްކޮށްފައި ވަނީ ރާޖް އަށް 2013 ގެ ފިލްމު "ޝާހިދު" އިން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ހޯދައިދިން ހެންސެލް މެހެތާ އެވެ.

މި ފިލްމަކީ ރާޖް އާއި ނުޝްރަތުގެ ޖޯޑު އެކީގައި ސްކްރީނުން ފެންނަ ދެވަނަ ފިލްމެވެ. އެ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2010 ގެ "ލަވް، ސެކްސް އޯރް ދޯކާ" އެވެ.

ނުޝްރަތުގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 13 ގައި ރިލީޒްކުރާ އަޔޫޝްމަން ކުރާނާގެ "ޑްރީމް ގާލް" އެވެ. ރާޖް އެންމެ ފަހުން ފެނިފައި ވަނީ ޖުލައިގައި ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "ޖަޖްމެންޓަލް ހޭ ކިޔާ" އިންނެވެ.

ހެންސެލް އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2017 ގައި ކަންގަނާ ރަނާވަތު ކުޅުނު "ސިމްރަން" އެވެ.

ނިކިލްގެ ފިލްމެއް އަރުޖުން އަށް

ޑައިރެކްޓަރު/ޕްރޮޑިއުސަރު ނިކިލް އަދުވާނީ ފިލްމު ކުންފުނި އެއްމޭ އެންޓަޓައިންމަންޓުން ހަދާ ފިލްމަކަށް އަރުޖުން ކަޕޫރް ސޮއިކޮށްފި އެވެ.

އަރުޖުން އަކީ ފިލްމު ކުޅެން ފެށުމުގެ ކުރިން ނިކިލްއާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި 2003 ގެ "ކަލް ހޯ ނަ ހޯ" އާއި 2007 ގެ "ސަލާމޭ އިޝްގް" ހިމެނެ އެވެ.

ނިކިލް ޕްރޮޑިއުސްކުރާ ފިލްމަކަށް އަރުޖުން ސޮއިކުރި ނަމަވެސް އެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ. މީގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ކާޝްވީ ނައިރެވެ. އޭނާ އަކީ ޝާހްރުކް ހާނާއި ޖޫހީ ޗާވްލާގެ "ވަން 2 ކާ 4" އާއި ސަނީ ޑިއޯލް އާއި ސަންދޭ ދަތުގެ "ކްރޯދު" ފަދަ ފިލްމުތައް ޑައިރެކްޓްކުރި ކޭ ޝަޝިލާލު ނައިރްގެ އަންހެން ދަރިފުޅެވެ.

ނިކިލް ބުނިގޮތުގައި އަރުޖުންއާ އެކު ކާޝްވީ ހަދާ ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ޒުވާނެއްގެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. އޭނާ ބުނީ ފިލްމުގެ ނަމާއި ބަތަލާއަކީ ކާކުކަން ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.

މެއި މަހު ރިލީޒްކުރި "އިންޑިއާސް މޯސްޓް ވޯންޓެޑް" އަށް ފަހު، އަރުޖުން ދެން އެންމެ އަވަހަށް ފެންނާނީ ޑިސެމްބަރު 6 ގައި ރިލީޒްކުރާ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" އިންނެވެ.

"83" ލަންޑަން ޝެޑިއުލް ނިންމާލައިފި

މިދިޔަ ޖޫން މަހުން ފެށިގެން ޝޫޓްކުރަމުން ދިޔަ ޑައިރެކްޓަރު ކަބީރު ޚާންގެ ކްރިކެޓް ފިލްމު "83" ގެ އިނގިރިސޭވިލާތުގެ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

އެކަން ފިލްމުގެ ރަސްމީ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އަންނަ އަހަރުގެ އެޕްރީލް 10 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "83" އަކީ އިންޑިއާ އިން ކާމިޔާބުކުރި 1983 ގެ ކްރިކެޓް ވޯލްޑް ކަޕަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގައި އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލް ކުޅެނީ ރަންވީރު ސިންގެވެ. އަދި ކަޕިލްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލް ކުޅެނީ، ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނެވެ. "83" އިން ބޮޑު ޓީމްގެ ކުޅުންތެރިންގެ ގޮތުގައި ކާސްޓެއް ފެންނާނެ އެވެ،

މި ފިލްމަކީ މިދިޔަ އަހަރު ކައިވެނި ކުރި ރަންވީރާއި ދީޕިކާ ކައިވެންޏަށް ފަހު، އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.

"ބިގް ބޮސް 13" ގެ އާ ޕްރޮމޯއެއް

މި މަހުގެ ތެރޭގައި ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ދައްކަން ތައްޔާރުވަމުންދާ އިރު، ޝޯގެ އާ ޕްރޮމޯއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ޝޯގެ ދެވަނަ ޕްރޮމޯގައި ފެންނަނީ ޝޯގެ ހޯސްޓް ސަލްމާން ޚާނާއެކު ޓީވީ ބަތަލާ ސުރުބީ ޖޯތީ ޖިމެއްގައި ކަސްތަރުކުރަން އުޅެނިކޮށް، ޓީވީ އެކްޓަރު ކަރަން ވާހީ ވަނުމުން ހިނގާ ކޯޅުންގަނޑެކެވެ.

"ބިގް ބޮސް 13" މި މަހު ދައްކަން ފެށި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އަދި ޝޯ އިން މި ފަހަރު ފެންނާނީ ކޮން ބައެއް ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ. އެކަމަކު ވަރަށް އަވަހަށް ޝޯ ރަސްމީކޮށް ލޯންޗްކުރާނެ އެވެ.

މިދިޔަ އަހަރު ގެނެސްދިން "ބިގް ބޮސް 12" ކާމިޔާބުކުރީ ޓީވީ ބަތަލާ ދިޕިކާ ކައްކަރެވެ.