ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރާޖްމުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ތުއްރަމް ޚާން" ގެ ނަން "ޝަލާންގް" އަށް ބަދަލުކޮށްފި އެވެ.


ހެންސެލް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަޖޭ ދޭވްގަން އާއި ލަވް ރަންޖަން ޕްރޮޑިއުސްކޮށް، ބުޝަން ކުމާރުގެ ޓީ ސީރީޒުން ގެނެސްދޭ ފިލްމެކެވެ. ރާޖާއި ނުޝްރަތުގެ ޖޯޑު 2010 ގައި ރިލީޒްކުރި "ލަވް، ސެކްސް އޯރް ދޯކާ" އަށް ފަހު، އަލުން ސްކްރީނަށް އަންނަ "ޝަލާންގް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 31 ގަ އެވެ.

މި ފިލްމުގެ ޑިސްޓްރިބިއުޝަނާ ހަވާލުވެފައި ވަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އެވެ.

އަބަދުވެސް ވަރަށް ސީރިއަސް ފިލްމުތައް ގެނެސްދޭ ހެންސެލްގެ "ޝަލާންގް" އަކީ ސޯޝަލް ކޮމެޑީއެކެވެ. މި ފިލްމުގެ ކާސްޓްގައި މުހައްމަދު ޒީޝާން އައްޔޫބް ވެސް ހިމެނެ އެވެ.

ހެންސެލް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރާޖާއެކު ގެނެސްދިން ކްރައިމް ޑްރާމާ "އޮމެރްތާ" އެވެ.

"ބަންގްރާ ޕާ ލޭ" އަންނަ މަހުގެ 3 ގައި

ކުރިން މިދިޔަ މަހު ރިލީޒްކުރަން ނިންމި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ޑާންސް ފިލްމު "ބަންގަރާ ޕާ ލޭ" އަންނަ މަހުގެ 3 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

މި ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް އިއުލާންކޮށްފައި މި ވަނީ ފިލްމު ސިނަމާތަކުގައި ރިލީޒްނުކޮށް، ނެޓްފްލިކްސް އިން ސްޓްރީމްކުރަން ނިންމާފައިވާ ކަމަށް ދާދި ފަހުން އަޑުތައް އަރާފައި ވަނިކޮށެވެ.

"ބަންގްރާ ޕާ ލޭ" އަކީ "ރޭސް" ފަދަ ކާމިތާބު ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ އަންހެން ދަރިފުޅު ސްނޭހާ ތައުރާނީގެ އަލަތު ޑައިރެކްޝަނެވެ. މި ފިލްމުގެ ތަރިންނަކީ ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ރުޚްސާރު ދިލަން އެވެ.

"ދަބަންގް 3" ގެ "ނައިނާ ލަޅޭ" ދައްކާލައިފި

މި މަހުގެ 20 ގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ދަބަންގް 3" ގެ ލަވަތަކުގެ ތެރެއިން "ނައިނާ ލަޅޭ" ދައްކާލައިފި އެވެ.

މި ލަވައިން ފެންނަނީ ސަލްމާނާއި އަލަށް ތައާރަފުވާ ސާއީ މަންޖްރޭކަރެވެ. އޭނާ އަކީ "ދަބަންގް 3" ގެ ކާސްޓްގައި ވެސް ހިމެނޭ މަހޭޝް މަންޖްރޭކަރްގެ ހަގު އަންހެން ދަރިފުޅެވެ. އުމުރުން 21 އަހަރުގެ ސާއީ އަކީ ސަލްމާން، 54، އަށް ވުރެ 33 އަހަރު ހަގު އަންހެން ކުއްޖެކެވެ.

"ނައިނާ ލަޅޭ" އަކީ ސާޖިދު ވާޖިދުގެ މިއުޒިކަށް ޖާވިދު އަލީ ކިޔާފައިވާ ލަވައެކެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ދަބަންގް 3" އިން ސޮނާކްޝީ ސިންހާ ވެސް ފެނިގެން ދާނެ އެވެ.

"ޗަޕާކް" ގެ ޓްރެއިލާ އަންގާރަ ދުވަހު

އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ ދީޕިކާ ޕަދްކޯންގެ "ޗަޕާކް" ގެ ޓްރެއިލާ އަންގާރަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު ބުނީ ޑިސެމްބަރު 10 ގައި ފާހަގަކުރާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހު "ޗަޕާކް" ގެ ޓްރެއިލާ ރިލީޒްކުރަން ތާވަލުވުމަކީ ވަރަށް ވެސް ރަނގަޅު އިއްތިފާގެއް ކަމަށެވެ. ސަބަބަކީ "ޗަޕާކް" ގައި ކިޔައި ދެނީ އެސިޑްގެ ޝިކާރައަކަށްވި އަންހެނެއްގެ ވާހަކަ އަށްވުމެވެ. މި ފިލްމުގައި ދީޕިކާ ފެނިގެން ދާނީ ލޯބީގެ މައްސަލަގަނޑެއްގައި ފިރިހެނަކު، މޫނަށް އެސިޑް ޖަހައި މީހާގެ ސިފަ ހަރާބުކޮށްލި ލަކްޝްމީ އަގަރްވާލްގެ ރޯލުންވެ.

އަންނަ މަހުގެ 10 ގައި ރިލީޒްކުރާ ފިލްމުގެ ބަތަލަކީ ވިކްރާންތު މަސޭ އެވެ.