ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް، އާލިއާ ބަޓް ބަތަލާގެ ރޯލް ކުޅޭ ފިލްމު "ގަންގްބާއީ" ގެ ޝޫޓިން ފަށައިފި އެވެ.


އެކަން ޓްވިޓާގައި ވެސް އާންމުކޮށްފައިވާ އިރު، މި ފިލްމުގެ ޝޫޓިން އަށް މުމްބާއީގެ ފިލްމު ސިޓީގައި ބޮޑެތި ސެޓްތަކެއް ހަދާފައިވެ އެވެ. "ގަންގްބާއީ" އަކީ މުމްބާއީ ކުރިން އުޅުނު ނުފޫޒު ގަދަ އަންހެން ގޭންގްސްޓާރު ގަންގްބާއީ ކަތިވަޅީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އާލިއާ ފިލްމުގައި ކުޅޭނީ ޓައިޓްލް ރޯލެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރާ "ގަންގްބާއީ" އަކީ ބަންސާލީގެ ފިލްމެއްގައި އާލިއާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ހާއްސަ ފެނިލުންތަކުން ބަންސާލީގެ އެންމެ ފަހުގެ ތިން ފިލްމުގެ ބަތަލާ ދީޕިކާ ޕަދްކޯނާއި ބަންސާލީ 2007 ގައި ގެނެސްދިން "ސާވަރިޔާ" އިން ބޮލީވުޑަށް ތައާރަފުވި ރަންބީރު ކަޕޫރް ވެސް ފެންނާނެ އެވެ.

ޗާލީ ޗެޕްލިންގެ ރޯލުން ޕަންކަޖް

އެތައް ބަޔަކު ހެއްވައިލި އަދި އެ ކެރެކްޓާއެއްގެ މަތިން ބެލުންތެރިން ދުވަހަކު ވެސް ހަނދާން ނުނެތޭ ޗާލީ ޗެޕްލިންގެ ވާހަކަ ކިޔައިދޭ ފިލްމެއް ޒީ5 އިން ސްޓްރީމްކުރަން ފަށައިފި އެވެ.

"ހައްޕީ" ގެ ނަމުގައި ބަވްނާ ތަލްވާރު ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ޗެޕްލިންގެ ރޯލް ކުޅެފައި ވަނީ އެކްޓަރު ޝާހިފު ކަޕޫރްގެ ބައްޕަ ޕަންޖަކް ކަޕޫރެވެ. މީގެ ކާސްޓުންގެ ތެރޭގައި ޕަންޖަކްގެ އަންހެނުން ސުޕްރިޔާ ޕަތަކް، ރިޝިތާ ބަޓް، ނަކުލް ވައިދު އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ.

"ހައްޕީ" ސްޓްރީމްކުރަން ފެށިއިރު، ޕަންކަޖް މިހާރު އަންނަނީ ޝާހިދާ އެކު ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އަންނަ އަހަރުގެ އޮގަސްޓް 28 ގައި ރިލީޒްކުރާ ކްރިކެޓް ފިލްމު "ޖާޒީ" އެވެ.

"ވެޑަލަމް" ގެ ރިކެމް ޖޯން އަށް

މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން މިހާރު އަންނަނީ އޭނާ ވަރުން އާއި ޖޯން އަބްރަހަމާ އެކު 2016 ގައި ގެނެސްދިން ކޮޕް ބަޑީ ފިލްމު "ޑިޝޫމް" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުންނެވެ.

ނަމަވެސް މީޑިއާތަކުން ބުނަނީ ރޯހިތުގެ ދެވަނަ ފިލްމަކީ "ޑިޝޫމް 2" ނޫން ކަމަށާއި އެ ފިލްމަކީ 2015 ގައި ރިލީޒްކުރި ތަމަޅަ އެކްޝަން ފިލްމު "ވެޑަލަމް" ގެ ރިމެކް ކަމަށާއި އެ ފިލްމު ހަދަން ނިންމާފައި ވަނީ ޖޯންއާ އެކުގައި ކަމަށެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ވެޑަލަމް" އަކީ ތަމަޅަ ސުޕަސްޓާރު އަޖިތު ކުމާރާއި ކަމަލް ހަސަންގެ ދޮށީ އަންހެން ދަރިފުޅު ޝުރޫތީ ހަސަން ލީޑް ރޯލް ކުޅުނު ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ސިވާ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ފިލްމުގެ ރިމެކް ރޯހިތު ހަދާނީ ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެންނެވެ. އަދި މިހާރު އަންނަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތްކުރަމުންނެވެ.

މޯނާ ކައިވެނިކޮށްފި

އިންޑިއާގެ އެންމެ މަޝްހޫރު ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ މޯނާ ސިންގް ހުކުރު ދުވަހު ކައިވެނިކޮށްފި އެވެ.

މީގެ އަހަރުތަކެއް ކުރިން ސޮނީ ޓީވީން ގެނެސްދިން ސިލްސިލާ "ޖެސީ ޖެއިސީ ކޮއީ ނެހީ" އިން މަޝްހޫރުކަން ހޯދުމަށް ފަހު، ކާމިޔާބު އެތައް ސިލްސިލާއެއް ކުޅެފައިވާ 38 އަހަރުގެ ބަތަލާ ކައިވެނިކުރީ އިންވެސްޓްމަންޓް ބޭންކަރެއްގެ ގޮތުގައި މަސައްކަތްކުރާ ޝާމް ގޯޕަލަންއާ އެވެ.

މުމްބާއީގައި ބޭއްވި ކައިވެނި ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި މޯނާގެ ވަރަށް ގާތް ގިނަ ރައްޓެހިން ބައިވެރިވި އެވެ.

ބޮލީވުޑްގެ ފިލްމުތަކުން ވެސް މަދުމަދުން ސަޕޯޓިން ރޯލްތަކުން ފެންނަ މޯނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރާ އާމިރު ޚާނާއި ކަރީނާ ކަޕޫރްގެ "ލާލު ސިންގް ޗައްޑާ" އެވެ.