"ނީނާ" ގައި ނުޒޫގެ ތިން ލުކެއް، ހައިރާންކޮށްލާނެ!

މިހާރު ޝޫޓިން ފަށާފައިވާ ފިލްމު "ނީނާ" ގައި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ތިން ލުކެއްގައި ފެންނާނެ ކަމަށާއި މި ފިލްމުގައި ގިނަ ސަޕްރައިޒްތަކެއް ހުންނާނެ ކަމަށް ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ބުނެފި އެވެ.


މިދިޔަ އަހަރު ނުޒޫ ބަތަލާގެ ރޯލް ކުޅުނު ސައިކޮލޮޖިކަލް ތުރިލާ "ބަވަތި" އިން ބެލުންތެރިން ސިއްސުވައިލި ޑައިރެކްޓަރު ބުނީ އޭނާގެ ދެވަނަ ފިލްމަކީ ކްރައިމް ތުރިލާއެއް ކަމަށެވެ. އެގޮތުން ފިލްމުގައި ނުޒޫ ކުޅޭ ކެރެކްޓާ އަކީ މިހާތަނަށް އޭނާ ފެންނަ އެންމެ ތަފާތު ރޯލަށް ވާނެ ކަމަށެވެ. "ނީނާ" އަށް ތައްޔާރުވުމުގެ ގޮތުން ނުޒޫ ވަނީ މާޝަލް އާޓްސްގެ ޓްރެއިނިންތަކެއް ވެސް ހަދައިފަ އެވެ.

"މުޅި ފިލްމުން ނުޒޫގެ ތިން ލުކެއް ފެންނާނެ. އަހަރެން ބުނާނީ މިއީ މިހާތަނަށް ނުޒޫ ކުޅޭ އެންމެ ތަފާތު އަދި އެންމެ ވަރުގަދަ ރޯލަށް ވާނޭ. ހަމަ ޔަގީނުން ވެސް ފިލްމުގައި ވަރަށް ގިނަ ސަޕްރައިޒްތަކެއް ހުންނާނެ،" އުންމީދީ ޑައިރެކްޓަރު ބުންޏެވެ. "މީގެ ޓްރެއިލާ ދައްކައިލީމަ އެ ބަލާފައި ހަމަ ވަރަށް ޔަގީން ގިނަ ބަޔަކު ވާއުއޭ ބުނާނެ. އަނެއް ކަމަކީ ބަވަތި އާއި ނީނާ ކޮމްޕެއާއެއް ނުކުރެވޭނެ. ވަރަށް ބޮޑު ތަފާތެއް ފިލްމުގައި ހުންނާނެ."

އިއްލެ ބުނީ ދެވަނަ ފިލްމެއް ހަދާ އިރު ބެލުންތެރިން އުންމީދުކުރާ ވަރުގެ ފިލްމަކަށް "ނީނާ" ހަދަން ވަރަށް މަސައްކަތްކުރާނެ ކަމަށެވެ.

"ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށް ބަވަތި ވީ. އެހެންވީމަ އެކްސްޕެކްޓޭޝަން ވެސް ހައިވާނެކަން އެނގޭ. ވަރަށް މަސައްކަތްކުރާނަން ފުރިހަމަ ބެލުންތެރިންނަށް ކަމުދާ ކަހަލަ ފިލްމަކަށް ނީނާ ހެދޭތޯ،" އޭނާ ބުންޏެވެ.

އިއްލެ.

"ނީނާ" ގައި ނުޒޫއާ އެކު މައިގަނޑު ރޯލްތަކުން ފެންނާނީ އަލަށް ތައާރަފުކުރާ އަބްދުﷲ ޝަރަފާއި ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. މީގެ އިތުރުން ވެސް ފިލްމުން ބޮޑު ކާސްޓެއް ފެނިގެންދާނެ އެވެ.

ލ. އަތޮޅުގައި ބޮޑުބައި ޝޫޓްކުރާ ފިލްމުގެ މަދު މަންޒަރުތަކެއް މާލޭގައި ނެގުމަށް ފަހު، ކާސްޓާއި ކްރޫ މިހާރު ތައްޔާރު ވަނީ ލާމަށް ގޮހެވެ. އިއްލެ ބުނީ މުޅި ފިލްމުގެ ޝޫޓިން އަށް ހޭދަވާނީ މަހެއްހާ ދުވަސް ކަމަށެވެ.

"އެކޮޅުގައި ބޮޑުބައި ޝޫޓްކުރާ އިރު، ކާސްޓްގައި ވެސް ލާމުން ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރާނަން. މި ފިލްމަކީ ފުދޭ ވަރަކަށް ބޮޑު ކާސްޓެއް ހިމެނޭނެ ފިލްމެއް." އޭނާ ބުންޏެވެ.

އިއްލެ ބުނީ ތީމް ލަވައާ އެކު އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ "ނީނާ" ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ. އެކަމަކު އަމާޒަކީ މި އަހަރު އޮލިމްޕަހަށް ފިލްމު ގެނައުން ކަމަށް ބުންޏެވެ.

"އޮލިމްޕަހުން ޑޭޓެއް ހޯދުން ވެސް ތަންކޮޅެއް އުޅޭތީ ފިލްމު އަޅުވާނެ ތާރީހެއް ބުނަން އަދި ވަރަށް ދަތި. އެކަމާ އަހަރެމެން އުޅޭނީ ރޯދައިގެ ފަހުން،" އިއްލެ ބުންޏެވެ. "ވަރަށް ބޮޑަށް މަސައްކަތްކުރާނަން މި އަހަރު ފިލްމު އެޅުވޭތޯ."

"ނީނާ" އަކީ "ބަވަތި" ގެނެސްދިން ޓީމްގެ ދެވަނަ ފިލްމެވެ. އައި ފިލްމްސް ހަދާ ފިލްމުގެ ޕްރޮޑިއުސަރުންނަކީ "އާސިމް އަލީ އާއި އަހުމަދު ވަހީދެވެ. ފިލްމުގެ ކެމެރާމަނަކީ އިބްރާހީމް ވިޝާން (ކަނޑި) އެވެ. އަދި ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކުރާނީ އޯކޭޒް އިންކުންނެވެ.