"ނީނާ" ގެ ޕޯސްޓަރެއް.
17 ޑިސެމްބަރ 2019 - 07:17
މި އަހަރު ދިވެހި ސިނަމާ އަށް އައި ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދިޔަ އެއް ފިލްމު ކަމަށްވާ "ބަވަތި" ގެ ޑައިރެކްޓަރު އިއްޔާސް ވަހީދުގެ ދެވަނަ ފިލްމު އިއުލާންކޮށްފި އެވެ.
"ނީނާ" ގެ ނަން ދީފައިވާ މި ފިލްމުގެ ބަތަލާ އަކީ "ބަވަތި"ގައި ވެސް މޮޅު އެކްޓިންއެއް ދެއްކި އަދި ފިލްމީ ދާއިރާގެ އެންމެ އުންމީދީ އެއް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އޭނާއާ އެކު ފިލްމުގެ ލީޑުން ދެ މީހަކު ފެންނާނެ އެވެ. އެއީ މީގެ ކުރިން ވެސް ތިން ފިލްމެއްގައި ނުޒޫއާ އެކު މަސައްކަތްކޮށްފައިވާ ޖުމައްޔިލް ނިމާލާއި އަލަށް ތައާރަފުކުރާ ޝަރަފު އަބްދުﷲ އެވެ.
ބެލެވޭ ގޮތުން "ނީނާ" ގައި ނުޒޫ ފެނިގެން ދާނީ ވަރަށް ތަފާތު ކެރެކްޓާއަކުންނެވެ. މި ފިލްމަށް އޭނާ މާޝަލް އާޓްސް ވެސް ދަސްކުރަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
މިހާރު ބެލުންތެރިނަށް މޯޝަން ޕޯސްޓަރެއް ވެސް ދައްކާލާފައިވާ "ނީނާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ހަމްދާން ފާރޫގް، މަރިޔަމް ޝަކީލާ، އަލީ ޔޫޝައު އާއި އަލަށް ތައާރަފުވާ ނަތާޝާ ޖަލީލް، ނާޖިހާ އަޒޫރު، ޢަލީ އިނާޒް، އަލަށް ތައާރަފްވާ އިބްރާހިމް ޝާއިފް، މުހައްމަދު އަލީ (މޯޑެކްސް)، އަލަށް ތައަރަފްވާ ހަސަން ސާމިހް މުހައްމަދު އަދި ހަސަން ޝިނާން ހިމެނެ އެވެ.
ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އިއްޔާސްގެ ފިލްމު ކުންފުނި އައި-ފިލްމްސް އިން ހަދާ ދެވަނަ ފިލްމުގެ ޓެކްނިކަލް ގިނަ މަސައްކަތްތައް ކުރާނީ "ބަވަތި" ގައި ވެސް މަސައްކަތްކުރި ޓީމުންނެވެ. އޭގެ ތެރޭގައި ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) އާއި އޯކޭޒް އިންކް ހިމެނެ އެވެ.
"ނީނާ" މިއުޒިކް ހުސައިން ތައުފީގް ހަދާފައިވާ އިރު، ލަވަތަކުގެ ޅެންތައް ހަދާފައި ވަނީ އިލްޔާސްގެ އިތުރުން މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ލަވަތަކުގެ އަޑުގެ ވެރިންނަކީ އަންޔާ، މަރިޔަމް އަޝްފާ އަދި ޖައިޝާ ވަހީދެވެ.
އަންނަ އަހަރު "ނީނާ" ސިނަމާ އަށް ގެންނަން ނިންމާފައި އޮތް ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ. މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ "ބަވަތި" ގެ ވެސް ޕްރޮޑިއުސަރުން ކަމަށްވާ އާސިމް އަލީ އާއި އަހުމަދު ވަހީދެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނީނާއިސްލަވް
17 December 2019
ބަވަތި ބެލުމަށްފަހު ދިވެހި ފިލްމް ބަލަން ކުޑަކޮށް ޝައުޤު އުފެދުނު. ނީނާ އަކީވެސް ތަފާތު މަންޒަރުތަކެއް އަދި ތަފާތު ސްޓައިލެއްގެ ފިލްމަކަށް ހަދާނެ ކަމަށް އުއްމީދުކުރަން. އިރާދަ ކުރެއްވިއްޔާ ދާނަން ބަލަން!
ނައިންޓީޒް ކިޑް
17 December 2019
ކާންޓް ވެއިޓް. ދިވެހި ސިނަމާ އިޒް ފައިނަލީ ގެޓިން އިންޓަރެސްޓިން.