"އައި ފިލްމްސް" އިން ވެސް ޖުމަލްއާ އެކު މަސައްކަތް ކުރުން ހުއްޓާލައިފި

އެކްޓަރު ޖުމައްޔިލް ނިމާލު (ޖުމަލް) ގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން، އޭނާއާ އެކު މަސައްކަތް ކުރުން "އައި ފިލްމްސް" އިން ވެސް ހުއްޓާލައިފި އެވެ.


މިދިޔަ އަހަރު "ބަވަތި" ގެނެސްދިން ޑައިރެކްޓަރު އިލްޔާސް ވަހީދުގެ ފިލްމު ކުންފުނީގެ ދެވަނަ ފިލްމު "ނީނާ" ގެ އެއް ބަތަލަކީ ޖުމަލް އެވެ. މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމާލައި، މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމުގެ ކާސްޓްގައި ދެން ހިމެނެނީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަލަށް ތައާރަފުކުރާ ޝަރަފު އަބްދުﷲ އެވެ.

ޖުމަލްގެ މައްޗަށް އޭނާގެ ދެބެއިންގެ ދެދަރި އަންހެނަކު ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން އައި ފިލްމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޒުވާން އެކްޓަރަކާ އެކު، އެ ސްޓޫޑިއޯ އިން އޮތް ގުޅުން ދެން ކުރިއަށް ނުގެންދާނެ ކަމަށެވެ. އެގޮތުން "ނީނާ" އެއްވެސް ޕްރޮމޯޝަނެއްގައި ވެސް އަދި އެ ސްޓޫޑިއޯގެ އެހެން ޕްރޮޑަކްޝަނެއްގައި ވެސް ޖުމަލް ބައިވެރި ނުކުރާނެ ކަމަށް ބުންޏެވެ.

"ނީނާ" ރިލީޒް ކުރުމާ ގުޅޭ ކަންކަން ނިންމާނީ ޖުމަލްގެ މައްސަލަ އަށް ރިއާޔަތްކޮށްފައި ކަމަށް ވެސް އައި ފިލްމްސް އިން ބުންޏެވެ. މި އަހަރު އެ ފިލްމު ރިލީޒްކުރަން އަމާޒު ހިފާފައި އޮތަސް އަދި ވަކި ތާރީޚެއް އިއުލާނެއްނުކުރެ އެވެ.

އައި ފިލްމްސް އިން ބުނިގޮތުގައި އެއީ އަބަދު ވެސް ރޭޕާއި ޖިންސީ ގޯނާގެ އަމަލުތަކާ ދެކޮޅު ތަނެކެވެ. އަދި އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ މީހުންނަށް ހައްގު އަދަބު ދޭން ވެސް ބަޔާނުގައި ގޮވައިލި އެވެެ.

ޖުމަލްއާ އެކު މަސައްކަތް ނުކުރަން އައި ފިލްމްސް އިން ނިންމާފައި ވަނީ ކުރިއަރަމުން ދިޔަ އެކްޓަރު ލައްވައި މިހާތަނަށް އެންމެ ގިނަ ފިލްމު ކުޅުވި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ޕްރޮޖެކްޓަކުން ވެސް އޭނާ ވަކިކުރިކަން އިއްޔެ އިއުލާންކޮށްފައި ވަނިކޮށެވެ.

އެ ސްޓޫޑިއޯ އިން އެގޮތަށް ނިންމި އިރު، ޑާކް ރެއިންގެ "ނޮވެމްބާ" އަކީ ވެސް ޖުމަލް ބަތަލުގެ ރޯލް ކުޅެފައިވާ ފިލްމެކެވެ. ކުރިން މި މަހުގެ 1 ގައި ރިލީޒްކުރަން އޮތް އެ ފިލްމު ކޮވިޑް-19އާ ހެދި ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ޑާކް ރެއިން ސްޓޫޑިއޯ އިން ޝޫޓިން ފަށާފައި އޮތް "ބަޅިނދު" އަކީ ވެސް ކާސްޓްގައި ޖުމަލް ހިމެނޭ ފިލްމެކެވެ.