ފިލްމު އެސޯސިއޭޝަން ވެސް ރޭޕާ ދެކޮޅަށް ނުކުމެއްޖެ

ރޭޕާ ދެކޮޅު ކަމަށާއި އެފަދަ މައްސަލަތަކާ ގުޅިގެން ފިލްމީ ދާއިރާ އިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން މިއަދު ބުނެފި އެވެ.


އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ބުނީ "ރޭޕް ކުރުމާއި ޖިންސީ ގޯނާއާ އަޅުގަނޑުމެން ވެސް ދެކޮޅު" ކަމަށެވެ.

"މިފަދަ ކޮންމެ ކަމެއްގައި އެމްއެފްއޭ އިން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި މި އެސޯސިއޭޝަން ފަހަތަކަށް ނުޖެހޭނެ،" ފިލްމު އެސޯސިއޭޝަނުން ބުންޏެވެ.

އެ ޖަމިއްޔާ އިން މިހެން ބުނީ، ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލު (ޖުމަލް) ގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން، އޭނާ ލައްވައި މިހާތަނަށް އެންމެ ގިނަ ފިލްމު ކުޅުވި ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުން ޒުވާން އެކްޓަރު އިއްޔެ ވަކިކޮށްފައި ވަނިކޮށެވެ.

ޖުމަލްއާ ދޭތެރޭ މިފަދަ ފިޔަވަޅެއް ޑާކް ރެއިނުން އެޅި އިރު، އޭނާ އާންމުން ބަލައިގަތް ތަރިއަކަށް ހަދައި ދިނީ ވެސް އެ ސްޓޫޑިއޯ އިންނެވެ. ޖުމަލް އަކީ ޑާކް ރެއިނުން ކުރިން މި މަހުގެ 1 ގައި ގެނެސްދޭން ނިންމި ފިލްމު "ނޮވެމްބާ" ގެ ވެސް ބަތެލެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ އަލުން ހޫނުވެފައި ވަނީ އެ ފިލްމު ކޮވިޑް-19އާ ހެދި އަންނަ އަހަރަށް ފަސްކޮށްފައި ވަނިކޮށެވެ.

ޖުމަލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ދެބޭންގެ ދެދަރި އަންހެނެކެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2016 ގަ އެވެ.

އެމްއެފްއޭ އިން ރޭޕްގެ މައްސަލައިގައި ވާހަކަ ދެއްކި އިރު، އެ ޖަމިއްޔާގެ ޗެއާޕަސަން އަދި މަޝްހޫރު ކެމެރާމަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯ އިން ރިލީޒް ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ފިލްމު "ޕްލޭން ބީ" އަކީ ވެސް ޖުމަލް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމެކެވެ.

ޖުމަލް މަސައްކަތް ނިންމާފައި އޮތް އަނެއް ފިލްމަކީ އައި ފިލްމްސް އިން މި އަހަރު ގެނެސްދޭން ރާވައިގެން ތިބި "ނީނާ" އެވެ.

ޑާކް ރެއިންގެ ފިލްމުތަކުން ޖުމަލް ވަކިކުރި އިރު، އެ ސްޓޫޑިއޯގެ ބިރުވެރި ފިލްމު "ބަޅިނދު" ފެ ޝޫޓިން ވެސް ވަނީ ފަށައިފަ އެވެ.

ޖުމަލްގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތު ގަދަވެފައިވާ އިރު، ބައެއް ފިލްމީ ތަރިން ވެސް އަންނަނީ އެފަދަ މައްސަލަތަކާ ދެކޮޅަށް މިހާރު ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. ރޭޕިސްޓުންނާއި ޖިންސީ ގޯނާކުރާ މީހުން ހައްޔަރުކޮށް، ހައްގު އަދަބު ދިނުމަށް އެ މީހުން އަންނަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ބާރުއަޅަމުންނެވެ.

މިއީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާ ފުޅާކޮށް ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލައި، ފިޔަވަޅު އަޅަން ގޮވަން ފެށި ފުރަތަމަ ފަހަރެވެ.

ނަމަވެސް ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ދެ ފިލްމު އިންޑަސްޓްރީ ކަމަށްވާ ހޮލީވުޑާއި ބޮލީވުޑްގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް #މީޓޫގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުން އަންނަތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. #މީޓޫއާ ގުޅިގެން އެ ދެ އިންޑަސްޓަރީން މިހާތަނަށް މަޝްހޫރު އަދި ނުފޫޒު ގަދަ އެތައް ފަންނާނުންނަކާ ދޭތެރޭ އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ.