08 އެޕްރީލް 2020 - 08:21
އިންޑިއާގައި 21 ދުވަހުގެ ލޮކްޑައުންއެއް މިދިޔަ މަހު އިއުލާންކުރުމާ އެކު، ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާން ކުދިންނާ އެކު ވަގުތު ހޭދަކުރަން، ރިތިކްގެ ގެއަށް ބަދަލުވުމުން އެކަމާ ވަރަށް އުފާވާ ކަމަށް ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ބުނެފި އެވެ.
ސުޒާން ދިރިއުޅެމުން ދިޔަ ގެ ދޫކޮށްލައި، ރިތިކާ އެކު އެއް ފުރާޅެއްގެ ދަށަށް ބަދަލުވި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ އިންޑިިއާގައި 21 ދުވަހުގެ ލޮކްޑައުން އިއުލާންކުރިތާ ތިން ދުވަސް ފަހެވެ.
ދެ މީހުން ދެ ތަނެއްގައި އުޅޭ ނަމަ އެއްވަރަކަށް ދަރިންނާ އެކު ވަގުތު ހޭދަނުކުރެވޭނެތީ އާއި ބޭރަށް ނުކުމެ އުޅުމަކީ ވާނެ ކަމަކަށް ނުވާނެތީ، ރިތިކްގެ ގެއަށް ސުޒާން ބަދަލުވީ އަމިއްލައަށެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅިފައި ވަނީ 2014 ގަ އެވެ. އޭގެ ފަހުން ސުޒާން ދިރިއުޅެނީ މައިންބަފައިންނާ އެކީގަ އެވެ. ނަމަވެސް ދަރިންގެ ކަންކަމުގައި އޭނާ އާއި ރިތިކާ ދެމެދު އަބަދު ވެސް ބަދަހި ގުޅުމެއް އޮވެ އެވެ.
މިކަންކަމަށް އިޝާރާތްކޮށް ރާކޭޝް ބުނީ ސުޒާން ދެ ކުދިންނާއި ކުރީގެ ފިރިމީހާއާ އެއް ތާކަށް ބަދަލުވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި އެއިން ސާބިތުކޮށް ދެނީ ދަރިންނާ ގުޅުން ހުރި ކަންކަމުގައި އެ ދެ މީހުންގެ ހިއްސާ އާއި ބައިވެރިވުން އޮތް މިންވަރު ކަމަށް ބުންޏެވެ.
"އެހެންވީމަ ބަފައެއްގެ ހައިސިއްޔަތުން މިވަރުގެ އުފަލެއް ލިބޭނެތަ؟ ކޮންމެ މީހަކު ވެސް ބޭނުންވާނެ އެ މީހުންގެ ދަރިން އުފަލުގައި ހަމަޖެހިލައިގެން އުޅޭތަން ދެކެން،" ސޮޕްޓްބޯއީ އަށް ރާކޭޝް ބުންޏެވެ. "އަހަރެން އަބަދު ވެސް ވަރަށް އުފާކުރަން ރިތިކާއި ސުޒާން ވަކިވި ނަމަވެސް ކުދިންގެ ކަންކަމާ އެއްވަރަކަށް އުޅޭތީ."
އޭނާ ބުނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރިތިކާއި ދަރިންގެ ގާތަށް ސުޒާން ބަދަލުވުމަކީ ވަރަށް ވެސް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި އެއީ ސުޒާނަށް ތައުރީފު ހައްގުވާ ކަމެއް ކަމަށް ވެސް ރާކޭޝް ބުންޏެވެ.
"ސުޒާނަކީ އަބަދު ވެސް އަހަރެމެންގެ އާއިލާގެ ވަރަށް ހާއްސަ މެންބަރެއް. ހާލަތު ބަދަލުވިޔަސް، އެ ހަގީގަތް ދުވަހަކު ވެސް ބަދަލެއް ނުވާނެ." އޭނާ ބުންޏެވެ.
ރިތިކާއި ސުޒާންގެ ތިބެނީ ދެ ފިރިހެން ކުދިންނެވެ. އެއީ ރިހާން ރޯޝަން، އާއި ރިދާން ރޯޝަން، 11، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމުންދޫއަލީ
08 April 2020
ކާފަ އެހެރީ ސަކަރާތް ޖަހާ ހިތުން މުއްކަވައިގެން..
ޢަދުރުއްނިހާނު
08 April 2020
ހޫން މިރާކޭޝްގަނޑު އުޅޭނެ ދެމަފިރިންގެ ކަންތައްތަކާ ބެހި ބެހި، ވަރަށް ފޫހިވެ....
ކޮއްކީ ބޭ
08 April 2020
ބަރާ ބަރު ނިންމުމެއް