ކައިވެނި ރޫޅިފައި އޮތަސް އެކްޓަރު ރިތިކް ރޯޝަނާއި ސުޒާން ޚާނަކީ ދަރިންގެ ކަންކަމުގައި އަބަދު ވެސް ހިއްސާވާ ދެ މީހުންނެވެ. އެގޮތުން ދަރިން ގޮވައިގެން އެކީގައި ޗުއްޓީތަކަށް ވެސް ދިއުމަކީ އެ ދެ މީހުން އާންމުކޮށް ކުރާ ކަމެކެވެ.

އެކަމަކު މި ފަހަރު ދިމާވެފައި މިއޮތީ ފަހަރުގައި ގިނަ ބަޔަކު ހައިރާންވެދާނެ ކަހަލަ ކަމެކެވެ. އެއީ މި ވަގުތު އެއް ފުރާޅެއްގެ ދަށުގައި ރިތިކާއި ސުޒާން ދެ ދަރިންނާ އެކު އުޅެން ފެށުމެވެ. މިކަން މެދުވެރިވީ ކޮރޯނާވައިރަހާ ގުޅިގެން އިންޑިއާގައި އަންގާރަ ދުވަހުން ކުރިއަށް އޮތް 21 ދުވަހަށް ގައުމު ލޮކްޑައުންއަކަށް ގެނެއުމާ ގުޅިގެންނެވެ.

ސުޒާން ގޭތެރޭގައި އިންދައި ނަގާފައިވާ ފޮޓޯއަކާ އެކު މި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކުރަމުން ރިތިކް ބުނީ މިކަމަކީ މި ހާލަތުގައި ދެ މީހުންނާ އެކީގައި ދަރިންނަށް ވަގުތު ހޭދަކުރެވެން އޮތް ގޮތް ކަމަށެވެ. އެގޮތުން ސުޒާން އޭނާ ދިރިއުޅޭ ގެއިން ނުކުމެ، މި ވަގުތު ރިތިކާ އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ ދެ މީހުންނަށް އެއް ވަރަކަށް ކުދިންނާ އެކު ވަގުތު ހޭދަކުރަން ލިބޭނެ ކަމެއް ކަމަށް ބުންޏެވެ.

ޕޯސްޓްގައި ރިތިކް ވަނީ ސުޒާން އަމިއްލަ އަށް ބޭނުންވެގެން މިފަދަ ނިންމުމެއް ނިންމީތީ ޝުކުރު ވެސް އަދާކޮށްފަ އެވެ.

ރިތިކާއި ސުޒާން 2000 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2014 ގަ އެވެ. އޭރު ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އޭގެ ތެރެއިން ދޮށީ ދަރިފުޅު ރިހާން ރޯޝަނަށް މިހާރު 13 އަހަރެވެ. ދެވަނަ ދަރިފުޅު ރިދާން ރޯޝަނަށް 11 އަހަރެވެ.