ބާރްތީ އާއި ހާޝްގެ އާ ކޮމެޑީ ޝޯއެއް

އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ދެމަފިރިން ކަމަށްވާ ބާރްތީ ސިންގް އާއި ހާޝް ލިމްބާޗިއާގެ އާ ކޮމެޑީ ޝޯއެއް ކަލާޒް ޗެނެލުން ދައްކަން ފަށައިފި އެވެ.


"ހަމް ތުމް އޯރް ކޮރަންޓީން" ގެ ނަން ދީފައިވާ މި ޝޯ ދައްކާނީ ކޮންމެ ހޯމަ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއަށް ރާއްޖެ ގަޑިން 7:30 ގަ އެވެ. މި ޝޯ ގެނެސްދޭނީ ބާރްތީ އާއި ހާޝްގެ ގެއިންނެވެ. އެގޮތުން އެ ދެ މީހުންގެ މަޖާ އެކި ކަހަލަ ވާހަކަތަކާއި ކަންތައްތަތަކާ ލޮކްޑައުންތެރޭގައި ކުރާ އެކި ކަހަލަ ކަންކަން ގެނެސްދޭނެ އެވެ.

ކަލާޒް އިން ކުރިން ވެސް ވަނީ ބާރްތީ އާއި ހާޝް ހޯސްޓްކުރި ކާމިޔާބު ޝޯއެއް ގެނެސްދީފަ އެވެ. އެއީ މިދިޔަ ނިންމައިލި "ޚަތުރާ ޚަތުރާ ޚަތުރާ" އެވެ. ދެ ސީޒަނަކުން އެ ޝޯގެ ޖުމްލަ 142 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ބާރްތީ އާއި ހާޝް އަކީ ދާދި ފަހުން ސޮނީ ޓީވީން ދައްކަން ފެށި "އިންޑިއާސް ބެސްޓް ޑާންސާ" ދެ ހޯސްޓުން ވެސް މެ އެވެ. އެ ޝޯ މި ވަގުތު ވަނީ ލޮކްޑައުނާ ހެދި ޝޫޓްނުކުރެވޭތީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

ދިވެހިން އާންމުކޮށް ބަލައި އުޅޭ އިންޑިއާގެ ގިނަ ޗެނެލްތަކުން މި ވަގުތު އާ އެއްވެސް ޝޯއެއް ނުގެނެސްދެ އެވެ. ދައްކަމުން ދިޔަ ޝޯތަކުގެ އާ އެޕިސޯޑްތައް ޝޫޓްނުކުރެވޭތީ މިހާރު މުޅިން ވެސް ގެނެސްދެނީ ކުރިން ދައްކާފައި ހުރި ޝޯތަކާއި ކުރީގެ ޝޯތަކުގެ ރިޕީޓްތަކެވެ.

ބާރްތީ އާއި ހާޝް ގޭތެރެއިން ގެނެސްދޭ "ހަމް ތުމް އޯރް ކޮރަންޓީން" އަކީ ބެލުންތެރިން ފޫހިފިލުވައިދޭނެ ޝޯއެއް ކަމަށް ގަބޫލުކުރެވެ އެވެ.