"ބައިޖޫ ބަވްރާ" ގައި ރަންބީރާއި ދީޕިކާ؟

ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރު ގެނެސްދޭން އިއުލާންކުރި ފިލްމު "ބައިޖޫ ބަވްރާ" ގެ ކާސްޓާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ އެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމުން ފެނުމުގެ ފުރުސަތު ބޮޑީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. އޭގެ ކުރިން ޕްރިޔަންކާ ޗޯޕްޅާގެ ނަން ވެސް މި ފިލްމާ އެކު ތިލަވެގެން ދިޔަ އެވެ.


ނަމަވެސް ރިޕޯޓްތައް މިހާރު ބުނާގޮތުން "ބައިޖޫ ބަވްރާ" އިން ފެނިގެންދާނީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނާއި އާލިއާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރެވެ. ކުރިން ލޯބީގެ ގޮތުން ވެސް ގުޅިގެން އުޅުނު ދީޕިކާ އާއި ރަންބީރް އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ 2015 ގެ "ތަމާޝާ" އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ދެ ތަރިންގެ ކެމިސްޓްރީ އަކީ ސްކްރީނުގައި ބެލުންތެރިންނަށް ވަރަށް ކަމުގޮސްފައިވާ ޖޯޑަކަށްވާތީ ބަންސާލީ ބޭނުން ވަނީ ދީޕިކާ އާއި ރަންބީރްގެ ޖާދޫ އޭނާގެ ފިލްމަކުން ވެސް ގެނެސްދޭށެވެ. ނަމަވެސް "ބައިޖޫ ބަވްރާ" އަށް އެ ދެ ތަރިން ސޮއިކުރިކަން ކަށަވަރެއް ނުވެ އެވެ. އަދި އެކަން ބަންސާލީގެ ފިލްމު ކުންފުނިން އިއުލާނެއް ވެސް ނުކުރެ އެވެ.

ރަންބީރާއި ދީޕިކާ އެންމެ ފުރަތަމަ އެކީގައި ކުޅުނު ފިލްމަކީ 2009 ގެ "ބަޗްނާ އޭ ހަސީނޯ" އެވެ. ދެ ތަރިން އެކީގައި ކުޅުނު އެންމެ ކާމިޔާބު ފިލްމަކީ 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" އެވެ.

ރިޕޯޓްތައް ބުނާގޮތުން ރަންބީރާއި އަޖޭއާ އެކު ޑައިރެކްޓަރު ލަވް ރަންޖަން ހަދަން އިއުލާންކޮށްފައިވާ ފިލްމުން ވެސް ދީޕިކާ ފެނުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު އެ ފިލްމުގެ ކާސްޓަށް ދީޕިކާ ގެންނަން އުޅޭ ވާހަކަ މިދިޔަ އަހަރު ދެކެވެން ފެށުމާ އެކު، އޭނާގެ ފޭނުންތަކެއް ވަނީ އެ ފިލްމެއް ސޮއިނުކުރަން ގޮވާލައި އޮންލައިން ކެމްޕޭނެއް ވެސް ހިންގައިފަ އެވެ. ސަބަބަކީ ލަވަކީ ޖިންސީ ގޯނާގެ ތުހުމަތުކުރެވުނު މީހަކަށްވުމެވެ.

ބަންސާލީގެ "ބައިޖޫ ބަވްރާ" ގެ ކާސްޓާ ބެހޭ ގޮތުން މީޑިއާތަކުން އެކި ކަހަލަ ވާހަކަތައް ދައްކަމުން އަންނަ އިރު، އޭނާ ދެން އެންމެ އަވަހަށް ސްކްރީނަށް ގެނެސްދޭނީ "ގަންގްބާއީ ކަތިއަވާޅީ" އެވެ. އާލިއާ ޓައިޓްލް ރޯލް ކުޅޭ މި ފިލްމު ތާވަލުކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 އަށެވެ.

ދީޕިކާ އަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ވެސް ބަތަލާ އެވެ. އެއީ "ޕަދުމާވަތު" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ރާމް-ލީލާ" އެވެ. އެ ތިން ފިލްމުގެ ބަތަލަކީ ރަންވީރެވެ.

ރަންބީރަކީ ބަންސާލީ 2007 ގައި ގެނެސްދިން "ސާވަރިޔާ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ. ނަމަވެސް އެ ފިލްމަށް ފަހު އެ ދެ މީހުން އެކީގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.

"ބައިޖޫ ބަވްރާ" އަކީ އަންނަ އަހަރުގެ ދިވާލީ އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.