ސަންޖޭ ލީލާ ބަންސާލީގެ "ބައިޖޫ ބަވްރާ" ގައި ރަންވީރާއި އާލިއާ؟

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ މިއުޒިކަލް "ބައިޖޫ ބަވްރާ" ގެ ލީޑް ރޯލުން ފެނުމުގެ ފުރުސަތު ބޮޑީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެ ފިލްމު މިދިޔަ އަހަރު އިއުލާންކުރި ހިސާބުން އެކި ފަހަރުމަތިން ކާސްޓާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެގޮތުން ފިލްމުގެ ރޯލްތަކެއް އަޖޭ ދޭވްގަން އާއި ޕްރިޔަންކާ ޗޯޕްރާ އަށް ހުށަހެޅި ވާހަކަތަކެއް ވެސް ފެތުރިފައިވެ އެވެ. އަދި ފިލްމުގެ ލީޑުން ރަންވީރާއި ޕްރިޔަންކާ ފެނިދާނެކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނާގޮތުގައި "ބައިޖޫ ބަވްރާ" ވަނީ ރަންވީރާއި އާލިއާ އަށް ހުށަހަޅައިފަ އެވެ.

މިއީ ތެދަކަށްވެއްޖެ ނަމަ މި ފިލްމުވެގެން ދާނީ އެ ދެ ތަރިން އެކީގައި ކުޅޭ ދެވަނަ ފިލްމަށެވެ. އާލިއާ އާއި ރަންވީރު އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ގަލީ ބޯއި" އެވެ. އަދި އެ ދެ ތަރިން ކަރަން ޖޯހަރުގެ "ތަޚުތު" ގެ ކާސްޓްގައި ވެސް ހިމެނެ އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ ޑިސެމްބަރު 24 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.

އާލިއާގެ އަތުގައި މިހާރު ވެސް ބަންސާލީގެ ފިލްމެއް އެބައޮތެވެ. އެއީ މި ވަގުތު ކޮރޯނާވައިރަހާ ހެދި ޝޫޓިން ހުއްޓިފައިވާ "ގަންގްބާއީ ކަތިއަވާޅީ" އެވެ. އެ ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ގަ އެވެ. މި ފިލްމަކީ އާލިއާ އާއި ސަލްމާން ހިމަނައިގެން ބަންސާލީ ހަދަން އުޅުނު "އިންޝާﷲ" އިން ސަލްމާން ވަކިވުމުން، އާލިއާއާ އެކު ހަދަން ނިންމި ފިލްމެކެވެ.

ރަންވީރަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ބަތަލެވެ. އެ ފިލްމުތަކަކީ "ޕަދުމާވަތު" އާއި "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން "ރާމް-ލީލާ" އެވެ.

"ބައިޖޫ ބަވްރާ" އަންނަ އަހަރުގެ ދިވާލީގައި ގެނެސްދޭން ނިންމާފައި އޮތަސް މި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ބަންސާލީ ހިއްސައެއްނުކުރެ އެވެ.