"ޖުންދު" އާއި "ލޫޑޯ" ގެ ޕޯސްޓަރުތަކެއް.
12 މެއި 2020 - 09:29
ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންއާ އެކު އިންޑިއާގެ ސިނަމާތައް ބަންދުކޮށް، އަލުން ހުޅުވޭނެ އިރެއް ވެސް ނޭނގޭތީ މި އަހަރު ރިލީޒްކުރަން އޮތް ދެ ފިލްމެއްގެ ޑިޖިޓަލް ރައިޓްސް ޓީ ސީރީޒުން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ވިއްކާލައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަދި އެ ދެ ފިލްމަކީ އަމީތާބް ބައްޗަން ކުޅިވަރު ފިލްމު "ޖުންދު" އާއި އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަންގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" އެވެ.
އަނޫރާގް ބާސޫ ޑައިރެކްޓްކޮށްފައިވާ "ލޫޑޯ" އަކީ ކުރިން މިދިޔަ މަހުގެ 20 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. އެކަމަކު އެ ފުރުސަތު ނެތުމާ އެކު، ފިލްމު ރިލީޒްނުކުރެވި ދިގުލައިގެން ހިނގައިދާނެތީ އޭގެ ޑިޖިޓަލް ރައިޓްސް އެމެޒޯނަށް ވިއްކައިލީ ކަމަށް މީޑިއާތަކުން ބުންޏެވެ. ހަތަރު ވާހަކައެއް ކިޔައިދޭ "ލޫޑޯ" ގެ ކާސްޓުންގެ ތެރޭގައި ރާޖްކުމާރު ރާއޯ އާއި ސާނިއާ މަލްއުތުރާ އާއި އަދިތިޔާ ރޯއި ކަޕޫރާއި ފާތިމާ ސަނާ ޝެއިހްގެ އިތުރުން ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.
ކުރިން މިދިޔަ އަހަރު ގެނެސްދޭން ނިންމުމަށް ފަހުން މި އަހަރަށް ފަސްކުރި އަމީތާބްގެ "ޖުންދު" އަކީ މި މަހުގެ 8 ގައި ގެނެސްދޭން އޮތް ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ނާގްރާޖް މަންޖުލޭ އެވެ.
"ލޫޑޯ" އާއި "ޖުންދު" ގެ ޑިޖިޓަލް ރައިޓްސް އެމެޒޯނަށް ވިއްކައިލި ވާހަކަ ޓީ ސީރީޒުން އަދި ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް ބޮލީވުޑް ހަންގާމާ އަށް އެމެޒޯންގެ އޮފިޝަލަކު ބުނީ އެ ދެ ފިލްމުގެ ރައިޓްސް ހޯދާފައިވާތީ، ފިލްމުތައް ސްޓްރީމްކުރާނެ ތާރީހުތަކެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
"ޖުންދު" ޑިޓިޖިޓަލްކޮށް ގެނެސްދޭ ނިންމި އިރު، އަމީތާބްގެ އެހެން ފިލްމެއް ސްޓްރީމިން ޕްލެޓްފޯމަކަށް ދޫކޮށްލަން އުޅޭ ކަމަށް މީޑިއާތަކުން ބުންޏެވެ. އެއީ ޝުޖިތު ސިރްކާ ޑައިރެކްޓްކޮށްފައިވާ "ގުލާބޯ ސިތާބޯ" އެވެ. އެ ފިލްމަކީ ކުރިން މި މަހުގެ 17 ގައި ގެނެސްދޭން އޮތް ފިލްމެކެވެ. "ގުލާބޯ ސިތާބޯ" އިން އަޔޫޝްމަން ކުރާނާ ވެސް ފެނިގެންދާނެ އެވެ.
މާޗް މަހުގެ މެދުތެރެއިން ފެށިގެން ސިނަމާތައް ބަންދުކުރަން ޖެހުމާ ގުޅިގެން ބޮލީވުޑްގެ މި އަހަރުގެ ފިލްމީ ކަލަންޑަރު އެއްކޮށް ވަނީ ހަރާބުވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ސަބަބާ ހުރެ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް ސަލްމާން ޚާންގެ "ރާދޭ" އާއި އަކްޝޭ ކުމާރުގެ "ލަކްޝްމީ ބޮމް" ވެސް ދެން ރިލީޒްކުރާނީ ޑިޖިޓަލްކޮށެވެ.
އެކަމަކު ފިލްމުތައް މި ގޮތަށް ދޫކޮށްލަން ޖެހުމަކީ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނަށް ފިލްމުތަކުން ލިބޭ އާމްދަނީ ވަރަށް ބޮޑު ތަނުން ދަށްވާނެ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy