28 މެއި 2020 - 10:19
އިންޑިއާގައި އިއުލާންކޮށްފައި އޮތް ލޮކްޑައުންގެ ތެރޭގައި އެކްޓަރު ސަލްމާން ޚާން އަނެއްކާ ވެސް އާ ލަވައެއް ނެރެފި އެވެ.
ސަލްމާން މި މަސައްކަތްތައް ފާހަގަކުރެވިފައި ވަނީ ދެ މަހެއްހާ ދުވަސް މުމްބާއީ އަށް ނުދެވި އޭނާގެ ޕޭންވޭލް ފާމްހައުސްގައި ހޭދަކުރަން ޖެހުނު މުއްދަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފައިވާކަމެވެ. މި ފަހަރު އޭނާ އާންމުކުރި ލަވައަކީ ހަމަ އަމިއްލަ އަށް ކިޔައި، ވީޑިއޯ އިން ވެސް އޭނާ ފެންނަ ލަވައެކެވެ.
"ބާއި ބާއި" ގެ ނަން ދީފައިވާ މި ލަވައަށް ސަލްމާނާ އެކު ރުހާން އަރުޝާދު ފީޓްކޮށްފައިވެ އެވެ. ލަވައިގެ ޅެން ހަދާފައި ވަނީ ސަލްމާނާއި ދާނިޝް ސަބްރީ އެވެ. އަދި ލަވައިގެ ރެޕް ކަޑިތައް ލިޔުނީ ރުހާނެވެ.
"ބާއި ބާއި" ގެ މިއުޒިކް ހަދާފައި ވަނީ ސަލްމާންގެ "ދަބަންގް" ސީރީޒްގެ ފިލްމުތަކުގެ އިތުރުން ވެސް އޭނާގެ ގިނަ ފިލްމުތަކަކަށް މިއުޒިކް ހަދައިދީފައިވާ ދެބޭން ކަމަށްވާ ސާޖީދު-ވާޖިދެވެ.
Maine aap subb ke liye kuch banaya hai, dekh ke batana kaisa laga... Aap subb ko eid mubarakh ... #BhaiBhaihttps://t.co/6giZeG0IhG@SajidMusicKhan @wajidkhan7 @RuhaanArshad @adityadevmusic @danishsabri12 @NiketanMadhok #SaajanSingh @TaaleemMusic
— Salman Khan (@BeingSalmanKhan) May 25, 2020
ލަވައިގެ މަންޒަރުތައް ނަގާފައި ހުރީ ސަލްމާންގެ ފާމްހައުސްގަ އެވެ.
އެތަނުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ސަލްމާން ތައްޔާރުކޮށް ގެނެސްދިން ފުރަތަމަ ލަވަ އަކީ މި މަހުގެ ކުރީކޮޅު ގެނެސްދިން "ތެރެ ބިނާ" އެވެ. އޭނާ ކިޔައި، އެކްޓްކޮށް އަދި ޑައިރެކްޓްކުރި ލަވައިން ބަތަލާ ޖެކްލިން ފެނަންޑޭޒް ވެސް ފެނިގެންދެ އެވެ.
މާޗް މަހުގެ ކުރީކޮޅުން ފެށިގެން މުމްބާއީ އަށް ނުދެވި ފާމްހައުސްގައި ދެ މަހެއްހާ ދުވަސް ހޭދަކުރުމަށް ފަހު، އިންޑިއާގެ ލޮކްޑައުން އަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމާ އެކު ސަލްމާން އެނބުރި މުމްބާއީ އަށް ދިޔައީ ފިތުރު އީދާ ވެސް ވަރަށް ގާތްވެފައި ވަނިކޮށެވެ.
މި ފަހަރު ލޮކްޑައުނާ ހެދި އޭނާ ގެނެސްދޭން އުޅުނު ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ވެސް ގެނެސްދެވޭ ގޮތެއް ނުވި އެވެ. އެކަމަކު ސަލްމާން ވަނީ އީދު ހަދިޔާއެއްގެ ގޮތުގައި "ފްރެޝް" ގެ ނަމުގައި ނެރުނު އޭނާގެ އަމިއްލަ ސެނިޓައިޒާއެއް ތައާރަފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
28 May 2020
ސަލްމާން އަތެއް ނުވާނޭ...