ސަލްމާން ޚާނާއި ޖެކްލިން ފެނަންޑޭޒް އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.

"ތެރެ ބިނާ" ގެ ނަން ދީފައިވާ މި ލަވަ އަކީ އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމާ އެކު ސަލްމާން ތާށިވެގެން ހުންނަން ޖެހުނު އޭނާގެ ޕޭންވެލް ފާމްހައުސްގައި ޝޫޓްކޮށްފައިވާ ލޯބީގެ ލަވައެކެވެ. ސަލްމާނާއި ޖެކްލީންގެ ގުޅުން ވަރަށް ބޮޑަށް ފެންނަ މި ލަވަ ކިޔައި، ވީޑިއޯ ޑައިރެކްޓްކޮށްފައި ވަނީ ވެސް ސަލްމާނެވެ.

"ތެރެ ބިނާ" ގެ މިއުޒިކް ހެދީ އަޖޭ ބާޓިއާ އެވެ. އަދި ޅެން ލިޔުނީ ޝައްބީރް އަހުމަދެވެ.

މީގެ ކުރިން ސަލްމާނާއި ޖެކްލިންގެ ޖޯޑު ފެނިފައިވާނީ ބޮޑު ސްކްރީނުންނެވެ. އެއީ 2014 ގެ "ކިކް" އާއި 2018 ގެ "ރޭސް 3" އިންނެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ލަވައަކުން ވެސް ޖެކްލިން ފެނިގެންދާނެ އެވެ.