13 ޖޫން 2020 - 05:25
ކޮވިޑް-19އާ އެކު އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގައި ޝޫޓިން ހުއްޓުމަކަށް އައިސްފައިވާ އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ ވާހަކައިގެ ތެރެއަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވާހަކަ އިތުރުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި 1994 ގެ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕްސް" އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ސްކްރީންޕްލޭ ކުރިން ވެސް ފައްކާކޮށްފައި އޮތީ އިންޑިއާގެ ތާރީހުގައި ހިނގާފައި ހުރި ވަރަށް މުހިއްމު ހާދިސާތަކެއްގެ ހަނދާންތައް "ލާލު ސިންގް ޗައްޑާ" އިން ގެނެސްދޭ ގޮތަށެވެ. އޭގެ ތެރޭގައި އިންޑިއާގައި އެންމެ ހޫނުވި އެއް މައްސަލަކަމަށްވާ ބާބްރީ މިސްކިތުގެ ހާދިސާ ހިމެނެ އެވެ.
ނޫސްތަކުން ބުނިގޮތުގައި "ލާލު ސިންގާ ޗައްޑާ" މިހާރު ހާލަތާ ގުޅުވުމުގެ ގޮތުން އޭގެ ތެރެއަށް ކޮވިޑް-19އާ ދިމާކޮށް އިންޑިއާގައި ކުރިމަތިވި އެކި ކަހަލަ ކަންކަމަށް އަލިއަޅުވައިލާނެ އެވެ. ނަމަވެސް ފިލްމުގެ ސްކްރީންޕްލޭ އަށް މިފަދަ ބަދަލެއް ގެންނަކަން އާމިރާއި އޭނާގެ ޓީމުން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ޝޫޓިން މެދުކަނޑާލަން ޖެހުނު އިރު، "ލާލު ސިންގް ޗައްޑާ" ގެ ދެބައިކުޅަ އެއްބައިހާ މަންޒަރުތައް ނަގާފައިވެ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަތުލް ކުލްކަރްނީ އެވެ. އަދި ޑައިރެކްޓަރަކީ އަދުވައިތު ޗަންދަނެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ސިނަމާތަކަށް "ލާލު ސިންގް ޗައްޑާ" ތާވަލުކޮށްފައި އޮތް ނަމަވެސް، ޝޫޓިން އަށް އެރި ބުރުލާ އެކު އަންނަ އަހަރަށް ފިލްމު ފަސްކޮށްފައިވާކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އަރާފައިވެ އެވެ. އެކަމަކު އެކަން ވެސް އަދި ކަށަވަރެއް ނޫނެވެ.
"ލާލު ސިންގް ޗައްޑާ" ވެގެންދާނީ އާމިރާއި ކަރީނާ ކަޕޫރްގެ ޖޯޑު ސްކްރީނުން ފެންނާނެ ތިން ވަނަ ފިލްމަށެވެ. ދެ ތަރިން ކުރިން ވަނީ "3 އިޑިއަޓްސް" އާއި "ތަލާޝް" ގައި މަސައްކަތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy