27 ޖޫން 2020 - 08:52
މި މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ހަޔާތާ ބެހޭ ގޮތުން ފިލްމެއް ހަދަން ނިންމިކަން އިއުލާންކޮށްފައި ވަނިކޮށް، އޭނާގެ ނަމުގައި ފިލްމެއް ހަދަން ޑައިރެކްޓަރަކު ނިންމައިފި އެވެ.
އާންމުކޮށް ބޯޖްޕޫރީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ސަނޯޖް މިޝްރާ ބުނި ގޮތުގައި އޭނާގެ ފިލްމުގެ ނަމަކީ "ސުޝާންތު" އެވެ. އަދި މީގައި ކިޔައިދޭނީ ސުޝާންތުގެ ވާހަކައިގެ އިތުރުން ބޮލީވުޑަށް ނުކުންނަ އާ ފަންނާނުން ކުރިއަށްދާން ކުރާ ހަނގުރާމައިގެ ވާހަކަ އެވެ.
އެގޮތުން "ސުޝާންތު" ގައި ބޮލީވުޑާ އެއްވެސް ގުޅުމެއް ނެތި އެ އިންޑަސްޓްރީ އަށް ނުކުމެ ކުރިއަށްދާން ކުރާ މަސައްކަތުގެ ތެރޭގައި ކުރިމަތިލާން ޖެހޭ ހިތްދަތި ކަންކަމާ ގުޅިގެން ފަންނާނުން އަޅާ ގޯސް ފިޔަވަޅުތައް ދައްކުވައިދޭނެ ކަމަށް ސަނޯޖް ބުންޏެވެ.
"ސުޝާންތު" ގެ ނަމުގައި ފިލްމެއް ހަދަން ނިންމި ނަމަވެސް މިއާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު 34 އަހަރުގެ އެކްޓަރު ދަންޖެހިގެން މަރުވުމާ ގުޅިގެން ސުޝާންތަށް ބިނާކޮށް ފިލްމެއް ހަދަން އެންމެ ފުރަތަމަ އިއުލާންކުރީ ޝަމިކް މޯލިކެވެ. އޭނާގެ ފިލްމުގެ ނަމަކީ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" އެވެ.
ސުޝާންތުގެ ވާހަކަ ކިޔައިދޭ ފިލްމުތަކެއް ހަދަން އިއުލާންކޮށްފައިވާ އިރު އޭނާއާ ވަރަށް ގާތް ގުޅުމެއް ބޭއްވި ޕްރޮޑިއުސަރު ސަންދީޕް ސިންގް ވަނީ ސުޝާންތުގެ ހަނދާނުގައި ފިލްމެއް ހަދަން ނިންމައިފަ އެވެ. ކުރިން އޭނާ ކުޅޭ ގޮތަށް ވެސް އޮތް ފިލްމުގެ ނަމަކީ "ވަންދޭ ބާރަތަމް" އެވެ.
ދެހާސް ތޭރައިގައި ފިލްމު "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނުކުމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދައި ކާމިޔާބު އެކްޓަރަކަށްވި ސުޝާންތުގެ އެންމެ ފަހުގެ ފިލްމަކީ އަންނަ މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ "ދިލް ބޭޗާރާ" އެވެ.
ސުޝާންތުގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެެއީ "ސޯންޗިރައްޔާ" އާއި "ޗިޗޯރޭ" ގެ އިތުރުން ނެޓްފްލިކްސް އިން ސްޓްރީމްކުރި "ޑްރައިވް" އެވެ.
ސުޝާންތުގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އިންޑިއާގެ ކްރިކެޓް ތަރި އެމްއެސް ދޯނިގެ ރޯލް އޭނާ ކުޅުނު 2016 ގެ "އެމްއެސް ދޯނީ؛ ދި އަންޓޯލްޑް ސްޓޯރީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
28 June 2020
އަހަރެންނަކީ އަ މިއްލައަށް މަރުވުން ޕްރޮ މޯޓްކުރާނެ މީހެއްނޫން އަދި އެފަދައިން މަރުވެފަވާ މީހެއްގެ ފިލު މެއްވެސް ބަލާނެ މީހެއްނޫން