ސުޝާންތު.
23 ޖޫން 2020 - 08:12
ދާދި ފަހުން އަމިއްލަ އަށް މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ހަޔާތަށް ބިނާކޮށް ފިލްމެއް ހަދަން ނިންމާފައި ވަނިކޮށް، ސުޝާންތުގެ ގާތް މީހަކު އޭނާގެ ހަނދާނުގައި ފިލްމެއް ހަދަން ނިންމައިފި އެވެ.
ކުރިން ސުޝާންތު ކުޅޭ ގޮތަށް އޮތް މި ފިލްމަކީ "ވަންދޭ ބާރަތަމް" އެވެ. މިއީ ސަންދީޕް ސިންގް ޑައިރެކްޓްކުރާ ފިލްމެކެވެ. ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ސަންދީޕްގެ މި ފިލްމުވެގެންދާނީ އޭނާގެ އަލަތު ޑައިރެކްޝަނަށެވެ.
"ވަންދޭ ބާރަތަމް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިދިޔަ އަހަރުގެ "ޑްރީމް ގާލް" ލިޔެ، ޑައިރެކްޓްކުރި ރާޖް ޝާންޑަލިއާ އެވެ. ފިލްމުގެ ޕޯސްޓަރުގައި ސުޝާންތު ފޮޓޯއާ އެކު އިންޑިއާގެ ދިދަ ވެސް ސިފަކޮށްފައިވެ އެވެ.
"ވަންދޭ ބާރަތަމް" ގެ ޕޯސްޓަރު އިންސްޓަގްރާމްގައި ހިއްސާކުރަމުން ސަންދީޕް ބުނީ މި ފިލްމަކި އޭނާ އާއި ސުޝާންތު އެކީގައި މަސައްކަތްކުރަން ޕްލޭންކޮށްފައި އޮތް ފިލްމެއް ކަމަށާއި ފިލްމު ނުގެނެސްދެވެނީސް ޒުވާން އެކްޓަރު މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އެކަމަކު މީގެ މަސައްކަތް ހުއްޓާނުލާނެ ކަމަށާާއި ދެ މީހުންގެ ދޭތެރޭގައި ވެވުނު ވައުދެއްގެ ގޮތުގައި ސުޝާންތަށް ދޭ ޓްރިބިއުޓެއް އަދި ހަނދާނެއްގެ ގޮތުގައި "ވަންދޭ ބާރަތަމް" ހަދަން ނިންމާފައިވާ ކަމަށް ބުންޏެވެ.
މިދިޔަ އަހަރު ވިވެކް އޮބެރޯއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ކުޅުނު ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ވެސް ޕްރޮޑިއުސްކުރި ސަންދީޕް ބުނިގޮތުގައި "ވަންދޭ ބާރަތަމް" އަކީ ސުޝާންތުގެ ހަނދާންތައް އަބަދުމެ ރަމްޒުކޮށްދޭނެ ވަރަށް ހާއްސަ ފިލްމަކަށްވާނެ އެވެ.
ސުޝާންތާ އެކު ސަންދީޕް.
އެހެންވެ އެ ފިލްމު ހިތާއި ރޫހުން ސުޝާންތަށް ތަހުސީސްކުރާ ކަމަށް ސަންދީޕް ބުންޏެވެ. ނަމަވެސް ފިލްމާ ބެހޭ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
ދުވަސްތަކެއް ވަންދެން ޑިޕްރެޝަންގެ ތެރޭގައި ވެސް އުޅުނު ސުޝާންތު ދަންޖެހިގެން މަރުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
ސުޝާންތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމާފައި ވަނީ ޝަމިކް މޯލިކެވެ. އެ ފިލްމަށް ދީފައިވާ ނަމަކީ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy