"ތިއޭ މި ހިތުގެ ވިންދަކީ" އަލުން ބަލައިލަން ބައިސްކޯފަށް

"ތިއޭ މި ހިތުގެ ވިންދަކީ" ސްޓްރީމްކުރަން ފަށާނީ އަންނަ މަހުގެ 8 ގައި.

އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ސިލްސިލާ "ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފުން ސްޓްރީމްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.


އެ ޕްލެޓްފޯމުން މި ސިލްސިލާ އަންނަ މަހުގެ 8 އިން ފެށިގެން ގެނެސްދޭން ނިންމައި، ޓްރެއިލާއެއް ވެސް ވަނީ އާންމުކޮށްފަ އެވެ. ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ޓީވީއެމުން ގެނެސްދިން "ތިއޭ މި ހިތުގެ ވިންދަކީ" 52 އެޕިސޯޑްގެ ސިލްސިލާއެކެވެ.

މިއީ ކުރީގެ "ހަވީރު" ނޫހުގައި ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ގެނެސްދިން ސިލްސިލާއެކެވެ. އެކަމަކު ސިލްސިލާގެ ތަންކޮޅެއް ފަހުގެ ބައިތަކުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އައިޝަތު ނީނާ އެވެ.

ދެހާސް ވަނަ އަހަރު ގެނެސްދިން "ތިއޭ މި ހިތުގެ ވިންދަކީ" ގެ ލީޑް ކާސްޓުންނަކީ ޝީލާ ނަޖީބާއި ފިރިމީހާ މުހައްމަދު މަނިކުގެ އިތުރުން ޒީނަތު އައްބާހެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ސައީދު، މަރުހޫމް ހާޖަރާ އަބްދުލްކަރީމް އަދި ޗިޅިޔާ މޫސާ މަނިކުގެ އިތުރުން ނިއުމާ މުހައްމަދާއި ޝީރީން ފަދަ ތަރިން ހިމެނެ އެވެ.

"ތިއޭ މި ހިތުގެ ވިންދަކީ" އަކީ ފައްތާހު ގެނެސްދިން ސިލްސިލާތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ސިލްސިލާ އެވެ. އޭނާ ގެނެސްދިން މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި "ދޯޕައްޓާ" އާއި "އައިޝާ" އާއި "މާފުކުރާށޭ" އަދި "ހިނިތުންވެލާށޭ ކަލާ" ހިމެނެ އެވެ.

"ހިމޭން ދުނިޔެ" އާއި "އޭނާ" އާއި "އާނ...އަހަރެން ވެސް ލޯބިވިން" އަދި "ވެހޭ ވާރޭތެރެއިން" އާއި "ޖިންނި" އާއި "14 ވިލޭރޭ' ފަދަ ފިލްމުތައް ވެސް ގެނެސްދިން ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ހައްދު" އެވެ.

"ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފަށް އަންނަ އިރު، އެ އެޕުން މިހާރު ވެސް ދިވެހި އެތައް އުފެއްދުމެއް ބަލައިލެވެ އެވެ.