03 ޖުލައި 2020 - 07:47
އަކްޝޭ ކުމާރުގެ ސްޕައި ތުރިލާ "ބެލް ބޮޓަމް" ގެ ބަތަލާ އަކީ ވާނީ ކަޕޫރުކަން އެ ފިލްމުގެ ޓީމުން ކަށަވަރުކޮށްދީފި އެވެ.
މިހާތަނަށް މުޅިން ވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުތަކުން ފެނިފައިވާ 31 އަހަރުގެ ބަތަލާ އަކްޝޭގެ ފިލްމުގެ ބަތަލާގެ ރޯލަށް ނެގިކަން ކަށަވަރުކޮށް ދީފައި ވަނީ އެ ފިލްމަށް ވާނީ ސޮއިކޮށްފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
"ބެލް ބޮޓަމް" އަކީ އަކްޝޭ އާއި ވާނީގެ ޖޯޑު ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމަށް ވާނީ ސޮއިކުރިކަން ކަށަވަރުކޮށް ދީފައިވާ އިރު، ދާދި ފަހުން މީޑިއާތަކުން ވަނީ މީގެ ރޯލަކަށް ހުމާ ގްރޭޝީ ވެސް ސޮއިކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއްނުވެ އެވެ. ހުމާ އާއި އަކްޝޭ ވަނީ 2017 ގެ "ޖޯލީ އެލްއެލްބީ 2" ގައި މަސައްކަތްކޮށްފަ އެވެ.
Thrilled to welcome @Vaaniofficial as the leading lady of #Bellbottom! Looking forward and confident that you will ace this one 💪@akshaykumar @vashubhagnani @ranjit_tiwari @honeybhagnani @monishaadvani @madhubhojwani @nikkhiladvani @EmmayEntertain @poojafilms @aseem_arora pic.twitter.com/Fc6U5nX8gB
— Jackky Bhagnani (@jackkybhagnani) July 2, 2020
ބޮޑު ބަޖެޓަކުން ހަދާ "ބެލް ބޮޓަމް" އަކީ ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާގޮތުން "ބެލް ބޮޓަމް" ގެ ޝޫޓިން އަށް މި މަހުގެ ތެރޭގައި ކާސްޓާއި ކްރޫ ސްކޮޓްލެންޑަށް ފުރާނެ އެވެ. އަދި ފިލްމު އެއްކޮށްހެން ޝޫޓްކުރާނީ އެތަނުގައި ކަމަށްވެ އެވެ.
ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ "ބެލް ބޮޓަމް" އަކީ އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
ވާނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ވައިއާރްއެފްގެ "ވޯ" އެވެ. އެއީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ބަތަލުންގެ ރޯލް ކުޅުނު ފިލްމެކެވެ. ވާނީގެ ކުރިއަށް އޮތް ފިލްމަކީ ވައިއާރްއެފްގެ "ޝަމްޝޭރާ" އެވެ. އެ ފިލްމުގެ ތަރިންނަކީ ރަންބީރް ކަޕޫރާއި ސަންޖޭ ދަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy