އައިޝްވާރިއާ ރާއީ އާއި ދަރިފުޅު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފިރިމީހާ އަބީޝެކް ބައްޗަން އާއި ބަފައިގެ އަމީތާބް ބައްޗަންް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަނިކޮށް ބަތަލާ އައިޝްވާރިއާ ރާއި އާއި ދަރިފުޅު އާރަދިއާ ބައްޗަން ވެސް ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.


އަބީޝެކާއި އަމީތާބް ރޭ ޕޮޒިޓިވްވުމާ ގުޅިގެން މުމްބާއިގެ ނަނަވާތީ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އެ މީހުންނާ ގުޅުން ހުރި އާއިލާގެ މީހުންނާއި މުވައްޒަފުންތަކެއް ޓެސްޓްކުރަމުން އަންނަނިކޮށް އައިޝްވާރިއާ އާއި 8 އަހަރުގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވަކަން އެނގުނީ މިއަދު ހެދި ދެވަނަ ޓެސްޓުންނެވެ.

އަމީތާބްގެ އަންހެނުން ޖާޔާ ބައްޗަން ޓެސްޓްކުރި ނަމަވެސް ނަތީޖާ ދައްކަނީ ނެގަޓިވްކޮށެވެ.

ބްރިހަމްމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އެޑިޝަނަލް ކޮމިޝަނަރު ސުރޭޝް ކަކާނީ މިއަދު ވިދާޅުވީ އަމީތާބް އާއިލާގެ 16 މީހަކު މިހާތަނަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި މާދަމާ ވެސް އިތުރު ބަޔަކު ޓެސްޓްކުރާނެ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އެ މީހުން މުމްބާއީގައި ދިރިއުޅޭ ގެ ޖަލްސާ ހުރި ސަރަހައްދު މިހާރު ވަނީ ކޮންޓައިންމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ޑިސްއިންފްކެޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބައްޗަންގެ އާއިލާގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓްވުމަކީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންތަކެއް އެ ބައްޔަށް ޕޮޒިޓިވް ފުރަތަމަ ފަހަރެވެ.

މުމްބާއީ އަކީ އިންޑިއާގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައިން މިހާތަނަށް ފެނުނު މަހާރަޝްތުރާ ސްޓޭޓްގެ ސިޓީއެކެވެ.

އެކްޓަރު އަނޫމަޕް ކޭރްގެ އާއިލާގެ ގިނަ ބަޔަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްފެފައިވާ އިރު، އޭނާ ނެގަޓިވް އެވެ. އެ އާއިލާ އިން ޕޮޒިޓިވް މީހުންގެ ތެރޭގައި އަނޫޕަމްގެ މަންމަ ދުލާރީ އާއި ކޮއްކޮ/އެކްޓަރު ރާޖޫ ކޭރާއި އޭނާގެ އަންހެނުންނާއި ބޮޑުބޭބެ ކިޔާ އަންހެން ކުއްޖަކު ހިމެނެ އެވެ.