ކައްކާކަށް ނޭނގޭ، އެ ޒިންމާ ނަގަނީ އަކްޝޭ: ޓްވިންކަލް

ކައްކަން ނޭނގޭ ކަމަށާއި މި ލޮކްޑައުންގެ ތެރޭގައި ގޭގައި ކެއްކުމުގެ ހުރިހާ ޒިންމާއެއް ނަގަމުން އަންނަނީ ފިރިމީހާ/އެކްޓަރު އަކްޝޭ ކުމާރާއި ދޮށީ ފިރިހެން ދަރިފުޅު އާރަވް ބާޓިއާ ކަމަށް ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ބުނެފި އެވެ.


އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) ދިން އިންޓަވިއުއެއްގައި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ ދޮށީ އަންހެން ދަރިފުޅު ބުނީ ކެއްކުމަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫން ކަމަށެވެ.

ޓްވިންކަލް ބުނި ގޮތުގައި ކެއްކުމަކީ އޭނާ އެއް އިރެއްގައި ވެސް ކުރި ކަމެއް ނޫނެވެ. ކައްކަން ވަރަށް އުނދަގޫ ކަމަށާއި އެއީ އޭނާގެ ކިބައިގައި ހުރި އުނިކަމެއް ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުންޏެވެ.

"އެކަމަކު އަހަންނަކީ ގޭގެ ކަންކަން ވަރަށް ތަރީތީބުން ބަލަހައްޓާ މީހެއް. މި ލޮކްޑައުންގެ ތެރޭގައި ކެއްކުމުގެ ހުރިހާ ޒިންމާއެއް ނަގަމުން އަންނަނީ އަކްޝޭ އާއި ދަރިފުޅު. އެ މީހުން ދަނޭ ވަރަށް ރަނގަޅަށް ކައްކަން. އަހަންނަކީ ގެއަށް ބޭނުންވާ ތަކެތި އޯޑަރުކުރުމާއި ތަށިތައް ދޮވުމާއި އަދި އެ ނޫން ވެސް ގޭގެ އެހެން މަސައްކަތްތަކުގައި އިސް ނަގާ މީހެއް،" އިންޓީރިއާ ޑިޒައިންގެ ހުނަރު ވެސް ލިބިފައިވާ ޓްވިންކަލް، 46، ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އެ މީހެއްގެ ހުނަރަށް ރިއާޔަތްކޮށްފައި ގޭގެ މަސައްކަތްތައް ބަހާލައިގެން ކުރުން ވަރަށް މުހިއްމު. އަހަރެންގެ ގޭގައި އެކަން ހިނގަނީ އެހެން. މިއީކީ ޖިންސަކާ ގުޅިފައި އޮތް ކަމެއް ނޫން."

ޓްވިންކަލް ބުނި ގޮތުގައި ފިރިމީހާ އާއި ދަރިފުޅަށް މީރުކޮށް ކައްކަން އެނގުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ. އެހެންވެ އެއްވެސް އިރެއްގައި ކެއުމުގެ ކަންކަމާ ފިކުރުކުރަން ނުޖެހޭ ކަމަށާއި އެ މީހުންނަކީ އަބަދު ވެސް ސިއްހަތަށް ރަނގަޅު ކާނާ ކާން އިސްކަންދޭ ބައެއް ކަމަށް ވެސް ބުންޏެވެ.

"ހާއްސަަކޮށް އާރަވަކީ ވަރަށް ގިނަ އެއްޗެހި ކައްކަން އެނގޭ ކުއްޖެއް. އޭނަ އަށް ހަދާލަން އެނގޭ އެއްޗެހި ގިނަކަމުން އަހަރެން ހައިރާން ވެސް ވޭ. ކުޅި އެއްޗަކަސް ފޮނި އެއްޗަކަސް އާރަވް ވަރަށް މީރުކޮށް ހަދާލާނެ،" ފިލްމު ކުޅުން ހުއްޓައިލި ފަހުން ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ޓްވިންކަލް ބުންޏެވެ. "ގޭގައި ހުނަރުވެރި ދެ ކައްކާއިން ތިބީމަ އަހަރެމެން ތަންތަނުން ކާ އެއްޗެހި އޯޑަރެއް ވެސް ނުކުރަން."

ދޭތެރެ ދޭތެރެއިން އިންސްޓަގްރާމްގައި ވެސް އަކްޝޭ އާއި އާރަވް ކައްކާ މަންޒަރު ފެންނަ ވީޑިއޯ ފޮޓޯތައް ޓްވިންކަލް ޕޯސްޓުކުރެ އެވެ.