ސުޝާންތަށް ބިނާކޮށް ހަދާ ފިލްމު އޭނާއާ ވައްތަރު މީހާ އަށް

މިދިޔަ މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމު "ސުއިސައިޑް އޯ މާޑާ" ގެ ބަތަލަކަށް ސަޗިން ތިވާރީ ހަމަޖައްސައި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.


ސަޗިން އަކީ ސުޝާންތާ ވައްތަރުކަމުން ދާދި ފަހުން އާންމުންގެ ސަމާލުކަން ހުއްޓު ޒުވާނާ އެވެ. އޭނާ ލައްވައި ސުޝާންތު ރޯލް ކުޅުވުން ނިންމި އެއް ސަބަބަކީ ސުޝާންތާ ވަރަށް ބޮޑަށް ވައްތަރުވުމުގެ އިތުރަށް ބޮލީވުޑާ މުޅިން ބީރައްޓެހި މީހަކަށް ފުރުސަތު ދިނުމެވެ. އެ ވާހަކަ ފިލްމުގެ ޕޯސްޓަރުގައި ވެސް ހިމަނާފައިވެ އެވެ.

ސުޝާންތުގެ ފިލްމަށް ކުރިން ދޭން ނިންނި ނަމަކީ "ސުއިސައިޑް އޯ މާޑާ: އަ ސްޓާ ވޯޒް ލޮސްޓް" ކަމަށް ވިޔަސް ޕޯސްޓަރުގައިވާ ގޮތުން ފިލްމުގެ ނަމަކީ މިހާރު "ސުއިސައިޑް އޯ މާޑާ" އެވެ. މި ފިލްމަކީ ވިޖޭ ޝޭކަރް ގުޕްތާ ޕްރޮޑިއުސްކޮށް، ޝަމިކް މޯލިކް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އެ މީހުންގެ އަމާޒަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ފިލްމު ގެނެސްދިނުމެވެ.

ފިލްމުގެ ޝޫޓިން ފަށަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގަ އެވެ. "ސުއިސައިޑް އޯ މާޑާ" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ މުމްބާއީ އާއި ޕަންޖާބްގަ އެވެ. އަދި ފިލްމުގެ އެކިއެކި ރޯލްތަލަށް ކާސްޓުން ހޯދަން މިހާރު ވަނީ ކާސްޓިން ކޯލަކަށް ވެސް ހުޅުވާލައިފަ އެވެ.

ސުޝާންތު، 34، ދަންޖެހިގެން މަރުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު މުންބާއީގަ އެވެ. އޭނާގެ މަރުވުމުގެ ފަހަތުގައި ޑިޕްރެޝަންގެ ވޭން ވަރަށް ބޮޑު ރޯލެއް އަދާފައިވާ ކަމަށް މިހާތަނަށް ބެލެވިފައިވެ އެވެ.

ސުޝާންތަކީ ޒީޓީވީގެ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން މަޝްހޫރުކަން ހޯދުމަށް ފަހު 2013 ގައި ފިލްމު "ކައި ޕޯ ޗޭ" އިން ބޮލީވުޑަށް ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު އެކްޓަރަކަށްވި ތަރިއެކެވެ.

އޭނާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ދިލް ބޭޗާރާ" އެވެ.