21 ޖުލައި 2020 - 08:00
ޑައިރެކްޓަރު މަނީޝް ޝަރުމާގެ ފިލްމެއް އަކްޝޭ ކުމާރަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަނީޝް އަކީ އެކްޓަރު ރަންވީރު ސިންގް 2010 ގައި ބޮލީވުޑަށް ތައާރަފުކުރި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބޭންޑް ބާޖާ ބާރާތު" އިން ޑައިރެކްޝަނަށް ނުކުތް މީހެކެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2016 ގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ފޭން" އެވެ.
މަނީޝް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2011 ގައި ރަންވީރު ކުޅުނު "ލޭޑީޒް ވާސަސް ރިކީ ބާލް" އާއި 2013 ގައި ސުޝާންތު ސިންގް ރާޖްޕޫތު ކުޅުނު "ޝުދް ދޭސީ ރޮމާންސް" ހިމެނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މަނީޝް، ފުރަތަމަ ފަހަރަށް އަކްޝޭއާ އެކު ހަދަން ނިންމާފައިވާ ފިލްމަކީ ކުރިން ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިފުޅު ޝިވް ރަވައިލް، އަކްޝޭއާ އެކު ހަދަން ނިންމާފައި އޮތް ބޮޑު ބަޖެޓް އެކްޝަން ފިލްމެވެ.
ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް މިހާތަނަށް އަދިތިޔާ ޗޯޕްޅާގެ ވައިއާރްއެފުން ރަސްމީކޮށް ހިއްސާކޮށްފައެއްނުވެ އެވެ. އަދި ޝިވްގެ ބަދަލުގައި މަނީޝް އެ ފިލްމު ޑައިރެކްޝަނާ ހަވާލުވާން ނިންމި ސަބަބެއް ވެސް ސާފެއް ނުވެ އެވެ. ޝިވް ވަނީ ވައިއާރްއެފްގެ "ދޫމް 3" އާއި "ބޭފިކްރޭ" އަދި "ފޭން" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
އަކްޝޭގެ އަތުގައި މިހާރު ވެސް ވައިއާރްއެފްގެ ފިލްމެއް އެބައޮތެވެ. އެއީ ބޮޑު ބަޖެޓަކުން ހަދާ ތާރީހީ ފިލްމު "ޕްރިތުވީރާޖް" އެވެ. ކުރިން މި އަހަރުގެ ނޮވެމްބަރު 13 ގައި ސިނަމާތަކަށް ގެންނަން ތާވަލުކުރި އެ ފިލްމުގެ ޝޫޓިން ލޮކްޑައުންއާ ހެދި ހުއްޓިފައި އޮތުމަށް ފަހު، އަލުން ނޮވެމްބަރު މަހުގެ ތެރޭގައި ފަށަން މިހާރު ވަނީ ނިންމައިފަ އެވެ. އެހެންވެ މި އަހަރު އެ ފިލްމު ސިނަމާތަކަށް އައުމުގެ ފުރުސަތު ކުޑަ އެވެ.
އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ" އާއި "ލަކްޝްމީ ބޮމް" އާއި "އަތުރަންގީ ރޭ" އާއި "ބެލް ބޮޓަމް" އަދި "ބައްޗަން ޕާންޑޭ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy