30 ޑިސެމްބަރ 2019 - 06:12
މި ފަހަކަށް އައިސް އާ ޑައިރެކްޓަރުންގެ ފިލްމުތަކުގައި މަސައްކަތް ކުރަނީ މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ނުލިބޭތީ ކަމަށް ބުނެ އެ ވާހަކަ މަޖަލަކަށް ހަދައިގެން ދެއްކި، އަކްޝޭ ކުމާރު އަނެއްކާ ވެސް އާ ޑައިރެކްޓަރެއްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އަކްޝޭ މި ފަހަރު ސޮއިކުރީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިވް ރައިވަލްގެ ފިލްމަކަށް ކަމަށެވެ. އޭނާ އަކީ "ލަވް ސްޓޯރީ" އާއި "ބޭތާބު" އާއި "ސަމަންދަރު" އަދި "ބޭހުދީ" ފަދަ ރީތި އެތައް ފިލްމެއް ގެނެސްދިން ޑައިރެކްޓަރު ރާހުލް ރަވައިލްގެ ދަރިއެކެވެ.
މީޑިއާ އިން ބުނިގޮތުގައި، ޝިވްގެ އާ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ ބޮޑު ބަޖެޓް އެކްޝަން ފިލްމެކެވެ. އަދި އޭގެ ވާހަކަ އަކްޝޭ އަށް ނެރޭޓްކޮށް ދިނުމުން، އޭނާ ފިލްމަށް ފެހި ސިގްނަލް ދީފައިވެ އެވެ. ޝިވް ވަނީ އެ ސްޓޫޑިއޯގެ "ފޭން" އާއި "ބޭފިކުރޭ" އަދި "ދޫމް 3" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
އެކަމަކު، ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް އާންމު ނުކުރިޔަސް އަންނަ އަހަރުގެ މެދުތެރެއަށް ޝޫޓިން ތާވަލް ކޮށްފައިވާ ކަމަށް ވެ އެވެ.
އަކްޝޭ މިހާރު ވެސް އަންނަނީ ވައިއާރްއެފުން ހަދާ ބޮޑު ބަޖެޓް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުރީގެ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހަންގެ ވާހަކަ ކިޔައިދޭ "ޕްރިތުވީރާޖް" އެވެ. އަންނަ އަހަރުގެ ނޮވެމްބަރު 13 ގައި ސިނަމާތަކަށް ގެންނަ މި ފިލްމުން އަކްޝޭ އާ އެކު 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރު ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ.
"ޕްރިތުވީރާޖް" ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ސަނީ ޑިއޯލްގެ "މޮހައްލާ އައްސީ" ގެނެސްދިން ޑރ. ޗަންދުރަޕްރަކާޝް ދިވެދީ އެވެ.
އަކްޝޭ 52، ގެ އެންމެ ފަހުގެ ފިލްމު "ގުޑް ނިއުޒް" ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ އިރު، އޭނާގެ ކުރިއަށް ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ"، "ލަކްޝްމީ ބޮމްބް" އަދި "ބެލް ބޮޓަމް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy